ޚަބަރު

ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު 20 މިލިއަނަށް


ދުނިޔޭގައި ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު 20 މިލިއަނަށް އަރައިފިއެވެ.

މިބަލި މިހާރު ދުނިޔޭގެ 188 ޤައުމަކަށް ފެތުރިފައިވާއިރު މިހާތަނަށް އަދި ވެކްސިނެއް ހޯދިފައިނުވާ މިބަލިގެ ނުރައްކާ މާލީ ގޮތުންނާއި، ޞީއްޙީ ވަސީލަތްތަކުގެ ގޮތުންވެސް އެންމެ ފުދުންތެރި ޤައުމުތަކުގައިވެސް ބޮޑުވެ އެޤައުމުތައްވެސް ވަނީ ނުރައްކާތެރި ހާލަތަކަށް ވެއްޓިފައެވެ. ބަލިޖެހޭ މީހުންގެ ނިސްބަތް އިންތިހާއަށް މަތިވެ ބަލީގައި އެދުމަތިކުރެވޭ މީހުންގެ އަދަދުވެސް ދަނީ ރެކޯޑް އަދަދަކަށް އުފުލެމުންނެވެ.

ބަލިފެތުރެން ފެށިފަހުން މިހާތަނަށް ބަލީގެ ނުރައްކާ އެންމެބޮޑުވެފައިވާ ޤައުމުތަކުގައި ކޮންޓްރޯލެއްނެތި ބަލި ދަނީ ފެތުރެމުންނެވެ. ދުނިޔޭގައި ބަލިޖެހުނު މީހުންގެ އަދަދު 20،090،540 އަރާފައިވާއިރު މިބަލި ޖެހުނު މީހުންގެ ހަތަރު ބައިކުޅަ އެއްބައި މީހުން ޕޮޒިޓިވް ވެފައިވަނީ އެމެރިކާއިންނެވެ. އެމެރިކާގައި މިބަލި 5،094،338 މީހުންނަށްވަނީ ޖެހިފައެވެ. އެމެރިކާއިން ބަލި ޖެހުނު މީހުންގެ ތެރެއިން 163،461 މީހުންވަނީ މަރުވެފައެވެ.

މިބަލި ހަލުވިކަމާއިއެކު ފެތުރެމުންދާ ޤައުމުތަކުގެ ތެރެއިން ދެވަނަގައިވާ ބްރެޒިލްއިްނ 3،051،470 މީހުންނަށްވަނީ ބަލި ޖެހިފައެވެ. އެޤައުމުގައި 101،752 މީހުން ވަނީ ބަލީގައި މަރުވެފައެވެ. އަވަށްޓެރި އިންޑިޔާއަކީ މިބަލި ދުނިޔޭގެ ނިސްބަތުން 3 ވަނައަށް އެންމެ ބާރު ސްޕީޑެއްގައި ފެތުރެމުންދާ ޤައުމެވެ. އިންޑިޔާގައި މިހާތަނަށް 2،215،074 މީހުންނަށް ބަލިޖެހި 45،257 މީހުން ވަނީ މަރުވެފައެވެ.

ދުނިޔޭގައި މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވި 20 މިލިޔަން މީހުންގެ ތެރެއިން 736،208 މީހުންވަނީ މިބަލީގައި މަރުވެފައެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 12،281،862 މީހުންވަނީ މިބަލިން ރަނގަޅުވެފައެވެ.

މިބަލި ފެތުރޭ މިންވަރު ދުވަހުން ދުވަހަށް އިތުރުވެ މަރުވާ މީހުންގެ ޢަދަދު އަންނަނީ އިތުރުވަމުންނެވެ. ޤައުމުތަކުން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއާއި ގުޅިގެން މަސައްކަތްކުރަމުން އަންނަނީ ބަލި ފެތުރޭ ނިސްބަތް ދަށްކޮށް ބަލީގެ ކާވް ފްލެޓްކުރުމަށެވެ. އެކަންކުރެވޭނީ ބަލި ފެތުރޭ ނިސްބަތް މަދުކުރެވިގެންނެވެ. ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް ޤައުމުތަކުގެ ބޯޑަރު ބަންދުކޮށް ދަތުރުފަތުރުކުރުން ހުއްޓާލާ ޤައުމުތަކުގެ އެތެރޭގައި ކަރފިއުވެސްވަނީ ޢިއުލާންކޮށްފައެވެ.