ޚަބަރު

މާލޭގައި 20ބުރީގެ ފުލެޓެއް އިމާރާތްކުރަން ބަޔަކާއި ހަވާލުކޮށްފި


މާލޭގައި ފުރަމަތަ ފަހަރަށް ވިހި ބުރީގެ ފްލެޓެއް ޢިމާރާތްކުރަން އަމީން
ކޮންސްޓްރަކްޝަނާއި ހަވާލުކޮށްފިއެވެ.

މިކަމަށްޓަކައި ހައުސިންގ މިނިސްޓްރީގައި މިއަދު
އޮތް ރަސްމިއްޔާތުގައި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ
ހައުސިންގ މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒެވެ. އަމީން ކޮންސްޓްރަކްޝަންގެ ފަރާތުން މި
އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ
މުހައްމަދެވެ. 

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ނޫސްވެރިންނަށް
މައުލޫމާތުދެއްވަމުންހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މިއީ
މާލޭގައި ވިހި ބުރިއަށް އިމާރާތް ކުރެވޭ ގޮތަށް ޤަވާއިދު ބަދަލުކުރި ފަހުން 20
ބުރީގެ އިމާރާތެއް އިމާރާތްކުރަން އެއްބަސްވުމުގައި ސޮއިކުރެވުނު ފުރަތަމަ
އެއްބަސްވުންކަމަށާއި އެހެންކަމުން މިއީ ވަރަށް ތާރީޚީ އެއްބަސްވުމެއްކަމަށެވެ. މާލޭގެ 363ނަމްބަރ ކޮށި ކަމަށްވާ ޓީވީ ކޮށީގައި އަލަށް އިމާރާތް ކުރާ ވިހި ބުރީގެ
މި ފްލެޓްގައި ނުވަދިހަ އެޕާޓްމަންޓް ހުންނާނެކަމަށާއި އިމާރާތުގެ އެންމެ ތިރީ
ދެބުރި ޚާއްސަކުރަނީ ވިޔަފާރިތައްފަދަ ކޮމާޝަލް ކަންތައްތަކަށްކަމަށް މިނިސްޓަރ
ވިދާޅުވިއެވެ. މީގެއިތުރުން އިމާރާތުގެ ތިރީގައި ޕާކިން އޭރިޔާއަކާއި ޕާކެއްވެސް
ތަރައްޤީ ކުރަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

މިނިސްޓަރ މުއިއްޒު ވިދާޅުވީ،
އެއްބަސްވުމުގައި ވާގޮތުން އިމާރާތުގެ ވިހި އިންސައްތަ އަކީ ސަރުކާރުގެ
މިލްކެއްކަމަށާއި ސަރުކާރަށް ލިބޭ ފްލެޓްތައް ވިއްކުމަށް ހަމަޖެހިފައިވަނީ އެކެއް
ޕޮއިންޓް ހައެއް މިލިޔަން ރުފިޔާއަށްކަމަށެވެ. ތިން އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް
ނިންމާގޮތަށް ހަވާލުކުރި މި އިމާރާތުގެ ފްލެޓްތަކަކީ އެންމެ މަތީ ފެންވަރުގައި
އިމާރާތްކުރެވޭ ފްލެޓްތަކެއްކަމަށާއި މިތަން ހެދިގެން ދިއުމަކީ ބޯހިޔާވަހިކަމަށް
ސަރުކާރުން ކުރަމުންދާ މަސައްކަތައް އިތުރުވެގެންދާ ވަރަށް މުހިންމު ބޮޅެއްކަމަށް
މިނިސްޓަރ މުއިއްޒު ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަމީން ކޮންސްޓްރަކްޝަންގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ މުހައްމަދު ވިދާޅުވީ، މިޢިމާރާތަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް އިމާރާތްކުރާ ވިހިބުރީގެ އިމާރާތްކަމަށްވުމުން މިމަސައްކަތްކުރާނީ ބޭރުގެ ތަޖުރިބާކާރުންގެ ލަފަޔާއި އެކުގައި ކަމަށެވެ. އަބްދުﷲ މުހައްމަދު ވިދާޅުވީ، އެއްބަސްވެފައިވާ މުއްދަތުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށާއި ފްލެޓްތަކުގެ ޑިޒައިންކޮށް ނިމުމަށްފަހު ވިއްކުމުގެ މަސައްކަތް ކުރިއަށްގެންދާނެކަމަށެވެ.