ޚަބަރު

ޤައުމުގައި ޚިޔާނާތާއި ފަސާދަ ޢާންމުވެފައިވާކަމަށް ބުނެ ލުބުނާނުގެ ސަރުކާރު އިސްތިޢުފާ ދީފި


މުޅި ޤައުމުގައި ޚިޔާނާތާއި ފިތުނައާއި ފަސާދަ ޢާންމުވެފައިވާކަމަށް ބުނެ ލުބުނާނުގެ ސަރުކާރު އިސްތިޢުފާ ދީފިއެވެ.

ލުބުނާނުގެ ސަރުކާރު އިސްތިޢުފާ ދީފައިވަނީ ވެރިރަށް ބައިރޫތުގައި ހިނގި ގޮވުންތަކުގެ ޒިންމާ ސަރުކާރުން އުފުލައި އިސްތިޢުފާ ދޭން ޖެހޭކަމަށް ބުނެ ފާއިތުވި ތިން ދުވަހު އެ ޤައުމުގައި ވަރުގަދަ މުޒާހަރާތަކެއް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

އޮގަސްޓު މަހުގެ 4ވަނަ ދުވަހު ބައިރޫތުގައި ބާރުގަދަ ގޮވުންތަކެއް ގޮވައި 160 މީހުން މަރުވެ، 6،000 މީހުންވަނީ ޒަޚަމުވެފައެވެ. އެ ހާދިޘާ ހިނގީ ކަމާބެހޭ އިދާރާތްތަކުގެ އިހުމާލުންކަމަށް އިބްތިދާއީ ތަހުޤީގުތަކުންވަނީ ފާހަގަވެފައެވެ. އެ ހާދިޘާ ހިނގުމުގެ ކުރިންވެސް ލުބުނާނުގެ ޙާލަތު އޮތީ ވަރަށް ގޯސްވެފައެވެ. ސިޔާސީ ހަމަނުޖެހުންތަކާއި ކޯވިޑް-19ގެ ސަބަބުން އެ ޤައުމުގެ އިޤްތިޞާދު ހީނަރުވެ ޤައުމުގެ ރައްޔިތުންވަނީ މާޔޫސްވެ ރުޅިގަދަވެފައެވެ.

ސަރުކާރުގެ އިސްތިޢުފާއަށް ގޮވާލައި ފާއިތުވި ތިން ދުވަހު ކުރަމުންދާ މުޒާހަރާތައް ހޫނުވެ، ޢާންމުންވަނީ ފުލުހުންނާ ދިމާލަށް ގައު އުކައި ސަރުކާރުގެ އިދާރާތަކަށް ވަދެ ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އޭގެ އިތުރުން އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީސް ހުންނަ އިމާރާތް ކައިރީގައިވަނީ ހުޅުޖަހައިފައެވެ. މުޒާހަރާތައް ރޫޅާލުމަށް ފުލުހުންވަނީ ރަބަރު އުންޑައާއި ކަރުނަގޭސް ބޭނުންކޮށްފައެވެ ހަމަނުޖެހުންތަކުގެ ތެރޭގައި ޤައުމަށް އިސްލާހީ ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ނުކުޅެދިފައިވާކަމަށް ބުނެ ލުބުނާނުގެ ތިން ވަޒީރަކާއި ޤާނޫނުހަދާ މަޖިލީހުގެ ހަތް މެންބަރުންވަނީ އިސްތިޢުފާ ދެއްވައިފައެވެ.

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަކަށްފަހު ޤައުމާ މުޚާތަބުކުރައްވަމުން ބޮޑުވަޒީރު ދިޔާބު ވިދާޅުވީ ޤައުމަށް ކުރިމަތިވެފައިވާ އުނދަގޫ ދަނޑިވަޅުގައި އޭނާ ފަހަތަށް ޖެހިވަޑައިގަންނަވަނީ ރައްޔިތުންނާއެކު ދެމިތިބުމަށްކަމަށާއި އިޞްލާޙީ ބަދަލުތައް ގެނައުމަށް ރައްޔިތުންނާ އެއް ސަފެއްގައި މަސައްކަތްކުރެއްވުމަށްކަމަށެވެ. ޤައުމަށް ކުރިމަތިވި ހިތާމަވެރި ހާދިޘާގެ އަސްލަކީ ޚިޔާނާތާއި ފިތުނައާއި ފަސާދަކަމަށާއި އެ ހާދިޘާ މެދުވެރިވުމުގެ ޒިންމާ ރައްދުވާ ފަރާތްތަކަށް ޙައްޤު ޢަދަބު ލިބެންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ލުބުނާނުގައި ކުރި މުޒާހަރާތަކާ ގުޅިގެން އޭރުގެ ބޮޑުވަޒީރު ސަޢުދު އަލްޙާރީރީ އިސްތިޢުފާ ދެއްވުމުން އެ މަޤާމަށް ހަސަން ދިޔާބު ޢައްޔަނުކޮށް އައު ސަރުކާރެއް އެކުލަވާލާފައިވަނީ މިދިޔަ ޖަނަވަރީ މަހުގެ 21ވަނަ ދުވަހުއެވެ. މުޅި ސަރުކާރު އިސްތިޢުފާ ދިނުމާ ގުޅިގެން އައު ސަރުކާރެއް އެކުލަވާލެވެންދެން ދިޔާބުގެ ސަރުކާރުގައި ހިމެނިވަޑައިގަންނަވާ ވަޒީރުން ބެލެނިވެރި ދަޢުރެއް އަދާކުރައްވާނެއެވެ.