ޚަބަރު

ސިކުނޑި: އިންސާނާގެ ހަށިގަނޑުގައިވާ އެންމެ އާދަޔާޚިލާފު ގުނަވަން


އިންސާނާގެ ހަށިގަނޑުގައިވާ އެންމެ އާދަޔާ ޚިލާފު އެއްގުނަވަނީ ސިކުނޑިއެވެ.

އިންސާނާގެ ވަށައިގެންވާ މާޙައުލުގައިވާ ކަންކަމާއި ހަށިގަނޑަށް އަންނަ ބަދަލާއި ވަގުތާއި ޙާލަތާއި ގުޅިގެން ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ މައިގަނޑު ނިޒާމަކީ އިންސާނާގެ ނާރުތަކުގެ ނިޒާމެވެ. މިނިޒާމު ދެބަޔަކަށް ބެހިގެންވެއެވެ. އެއީ ސެންޓްރަލް ނަވަރސް ސިސްޓަމާއި ޕެރިފެރަލް ނަރވަސް ސިސްޓަމެވެ. ސެންޓްރަލް ނަވަރސް ސިސްޓަމްގައި ހިމެނެނީ ސިކުނޑިއާއި ސްޕައިނަލް ކޯޑް ނުވަތަ މައިބަދައެވެ. ސިކުނޑިއަކީ މިނިޒާމުގެ މައި ގުނަވަނެވެ. ސިކުނޑިއަކީ ހަށިގަނޑުގައިވާ އެންމެ އާދަޔާ ޚިލާފު އަދި އެންމެ މުހިއްމު ގުނަވަނެވެ. ސައިންސްގެ އަލީގައި ސިކުނޑިއާއި ގުޅޭ ކަންކަން ހޯދިފައިވާއިރު ބައެއް ކަންކަން އަދިވެސް ހޯދިފައިނުވާކަމަށް ސައިންސްވެރިން ވިދާޅުވެއެވެ.

ހަށިގަނޑުގެ ކޮންޓްރޯލް ސިސްޓަމް

އިންސާނުންނަށް އިހްސާސްވާގޮތުން ކޮންޓްރޯލް ކުރެވޭ ގުނަވަންތަކާއި އިހްސާސްވުން ނެތި ޙަރަކާތް ކުރާ ގުނަވަންތައް ކޮންޓްރޯލް ކުރަނީ ސިކުނޑިންނެވެ. އެގޮތުން ނޭވާލާން ޖެހޭކަން އެކަމާ މެދު ޚާއްސަ ނަޒަރިއްޔާއަކުން ނުވިސްނިނަމަވެސް ހަށިގަނޑުއެކަން ކުރަނީ ސިކުނޑީގެ ބާރުގައެވެ.

ޢާއްމުކޮށް ކުރާ ކަންކަމުގެ އިތުރަށް އެކަމެއް ކުރަން ނޫޅުނު ނަމަވެސް ބައެއް ފަހަރު ބޭއިޚްތިޔާރުގައި ކުރެވޭ ކަންތައްތަކެއް އިހުސާސްކުރެވޭތޯއެވެ؟ އެއީވެސް ސިކުނޑި ކުރުވާ ކަންކަމެވެ. މިސާލަކަށް ޢާއްމުކޮށް ހިނގާ މަގުތަކާއި ގޭތެރޭގައި ވަކި އެއްޗެއް ބަހައްޓާފައި ހުންނަ ގޮތް ދެނެގަނެވެނީ އަޅުގަނޑުމެންގެ ކޮންޓްރޯލް ނެތް ނިޒާމެއްގެތެރޭގައި ސިކުނޑި މަސައްކަތްކުރާތީއެވެ.

ސިކުނޑީގެ މައިގަނޑުގެ މަސައްކަތްތަކުގެ ތެރޭގައި ގޮތް ނިންމުމާއި މަޢުލޫމާތު ރައްކާކުރުމާއި އިހްސާސްތައް ދަނެގަތުމާއި ކަންކަން ދަސްކުރުމާއި އުޅުމާއި ޢަމަލުތައް ބައްޓަންކުރުން ހިމެނެއެވެ.

ސިކުނޑީގައި މައިގަނޑު 3 ބައި ހިމެނެއެވެ. އެއީ ސެރަބެލަމްއާއި އެންސިފަލެކް ޓްރަންކާއި ބްރެއިން ކޯރޓެކްސްއެވެ. މީގެތެރެއިން ސެރަބެލަމްއަކީ ހަށިގަނޑުގެ ބެލެންސް ކޮންޓްރޯލްކުރުމާއި ޙަރަކަތްތެރިވުމާއި ހަށިގަނޑުގެ ކޯޑިނޭޝަން ދެމެހެއްޓުމެވެ. އެގޮތުން ހިނގާބިގާވެ އުޅުމާއި ކުޅިވަރުކުޅެ ޙަރަކާތްތެރިވެވެނީ ސެރަބެލަމްގެ ސަބަބުންނެވެ. އެންސިފަލެކް ޓްރަންކަކީ ސިކުނޑިއާއި މައިބަދަ ގުޅުވައިދޭ ބްރިޖެވެ. މިއީ މުހިއްމު އެތައް ކަމެއް ކުރާ ނިޒާމެކެވެ. އެގޮތުން ނޭވާލުމާއި ކާނާ ހަޖަމުކުރުމާއި ހަށިގަނޑުގައި ލޭ ދައުރުކޮށް ދިނުން ފަދަ މުހިއްމު މަސައްކަތް އެންސިފަލެކް ޓްރަންކް ކުރެއެވެ. ބްރެއިން ކޯރޓެކްސްގައި ސިކުނޑިއާއި މައިބަދައަށް ޚާއްސަ ސެލްތަކެއްކަމަށްވާ ނިއުރޯންސް ހިމެނެއެވެ.

މިސެލްތައް މެދުވެރިކޮށް ޕެރިފެރަލް ނަރވަސް ސިސްޓަމް ތެރެއިން ހަށިގަނޑުގެ އެހެން ހިސާބުތަކަށް އިލެކްޓްރޯކެމިކަލް ސިގްނަލް ނުވަތަ މެސެޖު މެދުވެރިކޮށް ބްރެއިން ކޯރޓެކްސްއިން މަޢުލޫމާތު ފޮނުވައެވެ. މިސާލަކަށް ހޫނު އެއްޗެއްގައި އަތްލެވުމުގެ ސިކުނޑިން ވަގުތުން އަތަށް އެއަތްލި އެއްޗަކުން އަތް ނެގުމަށް މެސެޖު ފޮނުވައެވެ. ސިކުނޑިއަކީ އިންސާނާއަށް ކުރިމަތިވާ ނުރައްކާތަކައި "އަންކޮމްފޮޓަބަލް" ކޮންމެ ޙާލަތަކުން ސަލާމަތްކުރުމަށް އެންމެ ފުރަތަމަ ޙަރަކާތްތެރިވާ އިންސާނާގެ ދިފާޢެވެ. ތިމާ ކުރަން ބޭނުން ނުވާ ނުވަތަ ކުރާ ހިތްނުވާ ކަންކަންމުން ސަލާމަތްކުރަން ސިކުނޑި ސަބަބުތައް ދައްކައިދެއެވެ. މިއީ ގިނަަބަޔަކަށް ކުރިމަތިވާ އެހެންނަމަވެސް އިހުސާސްނުކުރެވި އޮތް ކަމަކަށްވެދާނެއެވެ. މިސާލަކަށް އެކުވެރިންނާއެކު ބޭރަށް ދާން ބޭނުންނުވާއިރު ދައްކާނެ ބަހަނާތައް ވިސްނައިދީ ޙާލަތަށް އެންމެ ރަނގަޅު ސަބަބު ބުނެދީ ޢަމަލުކުރަނީ ސިކުނޑީ ބުނެދޭ މަގުންނެވެ.

ފެންނަ ފެނުމަށް ސިކުނޑި ބެހިފައިވަނީ މައިގަނޑު 2 ބަޔަކަށެވެ. އެއީ ލެފްޓް ހެމިސްފެއާއި ރައިޓް ހެމިސްފެއާއެވެ. ހިސާބުކުރުމާއި ސަބަބު ދިނުމާއި ވާހަކަދެއްކުމަކީ ލެފްޓް ހެމިސްފެއާ ނުވަތަ ސިކުނޑީގެ ވައަތްފަޅިން ކުރާ މަސައްކަތްތަކެވެ. އަދި ކަންކަން ދެނެގަތުމާއި އުފެއްދުންތެރިކަމާއި ގުޅިފައިވަނީ ސިކުނޑީގެ ކަނާތް ފަޅި ނުވަތަ ރައިޓް ހެމިސްފެއާއެވެ. ސިކުނޑީގެ ކަނާތްފަރާތުން ކޮންޓްރޯލްކުރަނީ ހަށިގަނޑުގެ ވައަތް ފަރާތެވެ. އަދި ސިކުނޑީގެ ވައަތް ފަރާތުން ކޮންޓްރޯލްކުރަނީ ހަށިގަނޑުގެ ކަނާތް ފަރާތެވެ.

ހަށިގަނޑުގައިވާ އެންމެ ހައިރާންކުރުވަނިވި ގުނަވަން

ސިކުނޑިއަކީ އާދަޔާ ޚިލާފު ގުނަވަނެކެވެ. އިންސާނާ އުފަންވީއްސުރެ މަރުވުމާ ހަމައަށްވެސް އެއްވެސް އަރާމެއް ނެތި ސިކުނޑި މަސައްކަތްކުރެއެވެ. އިންސާނާގެ ސިކުނޑިއާއި އެއްމެ އެއްގޮތްކަން ބޮޑު އެއްޗެއްގެ ގޮތުގައި ސައިންސްވެރިން ފާހަގަކުރައްވަނީ ކޮމްޕިއިޓަރަކާއެވެ. އެހެންނަމަވެސް އެއާ އަލާބަލާއިރު ސިކުނޑީގެ އާދަޔާ ޚިލާފުކަން އެތައްހާސްގުނަ ބޮޑުކަމަށް ސައިންސްވެރިން އެއްބަސްވެލައްވައެވެ.


ޒަމާނީ ސައިންސްގެ އަލީގައި ސިކުނޑީގެ އާދަޔާ ޚިލާފު ބައެއް ކަންކަންވަނީ ހޯދިފައެވެ. އެގޮތުން ހޭލާ އުޅޭ ވަގުތުތަކުގައި ސިކުނޑި ގާތްގަނޑަކަށް 25 މެގަވޮޓްގެ ބޮތްކެއް ދިއްލޭހާ ހަކަތަ ބޭނުންކުރާކަމަށް ސައިންސްވެރިން ވިދާޅުވެއެވެ. އަދި ނިދާ ފައި އޮންނަ ގަޑިތަކުގައި އިންސާނާ ދުވާލު ގަޑިތަކުގައި އެއްކުރާ މަޢުލޫމާތު ރައްކާކުރުމަށް ސިކުނޑި މަސައްކަތްކުރެވެއެވެ. ކޮމްޕއުޓަރ ސިސްޓަމްގައި ފޯލޑަރތަކަށް އެއަށް ޚާއްސަ ފައިލްތައް އަޅައި ރައްކާ އުސޫލުންނެވެ.

އަޅުގަނޑުމެނަށް ފެންނަ ހުވަފެންތަކާއި މިގޮތަށް ސިކުނޑި މަޢުލޫމާތު ރައްކާކުރާ ވަގުތާއި ސީދާ ގުޅުމެއްވާކަމަށްވެސް ސައިންސްވެރިން ވިދާޅުވެއެވެ. ސިކުނޑީގައި ވާ ލޭ ނާރުތައް އެއްކޮށް ގުޅުވާލާއިފިނަމަ ގާތްގަނޑަކަށް ސަތޭކަ ހާސް މޭލަށް ދިގުވާނެއެވެ. އަދި ސިކުނޑީގައި އެކަނި ސަތޭކަ ބިލިއަނަށްވުރެ ގިނަ ނިއުރޯންސް ހިމެނޭކަން އަދުގެ ސައިންސްގެ އަލީގައިވަނީ ހޯދިފައެވެ. އަދި އަންހެނަކު ބަނޑުބޮޑުއިރު މިނިއުރޯންސްތައް ހައިރާންވާހާ ބާރު ސްޕީޑުގައި އުފައްދައެވެ. އެގޮތުން މިނިޓަކު ދެލައްކަ ފަންސާސްހާހަށްވުރެ ގިނަ ނިއުރޯންސް ސިކުނޑީގައި މާބަނޑުދުވަސްވަރުގެ ކުރީކޮޅު އުފައްދައެވެ.

ސިކުނޑީގެ ބަރުދަނަކީ ހަށިގަނޑުގެ ބަރުދަނުގެ ފަސްބައިކުޅަ އެއްބައެވެ. ސިކުނޑިއަކީ ހަށިގަނޑުގައި ވާ މުހިއްމު ގުނަވަނެއްކަމުން ސިކުނޑިއަށް ޙިމާޔަތްދެނީ ބޮލުގެ ނާށިގަނޑުންނެވެ. ސިކުނޑިއަކީ މުޅި ހަށިގަނޑުގެ ދުޅަހެޔޮކަމާ ގުޅިފައިވާ ގުނަވަނަކަށްވީ ހިނދު ސިކުނޑީގެ ރައްކާތެރިކަމަކީވެސް މުހިއްމުކަމެކެވެ. ސިކުނޑި ދުޅަހެޔޮކޮށް ބެހެއްޓުމަށްޓަކާ ސިކުނޑިއަށް ޚާއްސަ ޗެލެންޖްތައް ދިނުމަކި މުހިއްމުކަމެއްގެ ގޮތުގައި ސައިންވެރިން ފާހަގަކުރައްވައެވެ.

އަދި އެކްސިޑެންޓުތަކުގައި ލިބޭ ގެއްލުން ކުޑަކުރުމަށް ހެލްމެޓު އެޅުމާއި ކަސްރަތުކުރުމާއި ސިކުނޑި ދުޅަހެޔޮކޮށް ހުރުމަށް ބޭނުންވާ ކާނާ ބޭނުންކުރުމަށާއި ހަށިގަނޑަށް ބޭނުންވާ މިންވަރަށް ނިދި ހަމަކުރުމަށް ޑޮކްޓަރުން ބާރުއަޅުއްވައެވެ.