ކުޅިވަރު

ޗެމްޕިއަންސް ލީގު: ނަޕޯލީގެ މައްޗަށް ކުރިހޯދައި ބާސެލޯނާ ކުއާޓާ ފައިނަލަށް


ޔުއެފާ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގެ ފަހު ލެގުގައި ރޭ ނަޕޯލީގެ މައްޗަށް ކުރި ހޯދައި ބާސެލޯނާ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

ބާސެލޯނާ ކުއާޓާ ފައިނަލުން ޖާގަ ހޯދީ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗު 1-3 އިން ކާމިޔާބުކޮށް އެގްރިގޭޓް ނަތީޖާ ކަމަށްވާ 2-4 ގެ ނަތީޖާއަކުން ނަޕޯލީގެ މައްޗަށް ކުރި ހޯދައިގެންނެވެ.

މި ނަތީޖާއާއެކު މުބާރާތުގެ ކުއާޓާ ފައިނަލުގެ ތިން ވަނަ މެޗުގައި މި މަހުގެ 14 ވަނަ ދުވަހުގެ ރޭ ބާސެލޯނާ ނުކުންނާނީ ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކާ ދެކޮޅަށެވެ. ބަޔާން ކުއާޓާ ފައިނަލަށް ދަތުރުކުރީ މުބާރާތުގެ ގަދަ ސޯޅައިގައި ޗެލްސީގެ މައްޗަށް 1-7 ގެ އެގްރިގޭޓުން ކުރި ހޯދައިގެންނެވެ.

ރޭގެ މެޗު ފަށައިގެން އެންމެ ފުރަތަމަ ނުރައްކާތެރި ހަމަލާއެއް ގޯލާއި އަމާޒުކޮށް ފޮނުވާލީ ނަޕޯލީންނެވެ. އެގޮތުން މެޗުގެ ދެވަނަ މިނެޓުގައި ނަޕޯލީގެ މާޓެންސް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. މެޗުގައި ބާސެލޯނާގެ ފުރަތަމަ ލަނޑު ރަކިޓިޗް ނަގައިދިން ކޯނަރަކުން ކާމިޔާބުކޮށްދިނީ ޑިފެންޑަރު ކްލެމެން ލެންގްލޭއެވެ. ބާސެލޯނާއިން ފުރަތަމަ ލަނޑުޖެހިތާ އިރުކޮޅެއް ފަހުން ތިން ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހުގޮސް މެސީ ވަނީ ގޯލުގެ އަރިމަތީ ކަނަށް ބޯޅަ ފޮނުވާލައިގެން ބާސެލޯނާއަށް ލީޑު ފުޅާކޮށްދީފައެވެ. މި ލަނޑަށްފަހު މެސީ ބާސެލޯނާއަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދިން ނަމަވެސް ވީއޭއާރު ބެލުމަށްފަހު ރެފްރީ ވަނީ މެސީ އަތުގައި ބޯޅަ ޖެހުނު ކަމަށް މެސީ ޖެހި ދެވަނަ ލަނޑު ގޯލެއް ނޫން ކަމަށް ނިންމާފައެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ނަޕޯލީގެ ކޫލިބަލީ މެސީއަށް ކުރި ފައުލަކާއި ގުޅިގެން ރެފްރީ ވަނީ ބާސެލޯނާއަށް ޕެނަލްޓީއެއް ދީފައެވެ. މި ޕެނަލްޓީ ބާސާއަށް ކާމިޔާބުކޮށްދިނީ ލުއިޒް ސުއަރޭޒްއެވެ. އަދި ފުރަތަމަ ހާފްގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުުރު ވަގުތުގެ ތެރޭގައި ރަކިޓިޗް ނަޕޯލީގެ ޑްރައިސް މާޓެންސްއަށް ޕެނަލްޓީ އޭރިޔާ ތެރެއިން ކުރި ފައުލަކާއި ގުޅިގެން ރެފްރީ ވަނީ ނަޕޯލީއަށްވެސް ޕެނަލްޓީއެއް ދީފައެވެ. މި ޕެނަލްޓީ ނަޕޯލީއަށް ކާމިޔާބުކޮށްދިނީ ލޮރެންޒޯ އިންސީނޭއެވެ. މި ގޯލާއެކު މެޗުގެ ފުރަތަމަ ހާފް ނިމުނީ 1-3 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ދެވަނަ ހާފްގައި ނަޕޯލީން ވަނީ އެޓީމުގެ ކުޅުން އިތުރަށް ރަނގަޅުކޮށް ބާސެލޯނާގެ ގޯލަށް ނުރައްކާ ކޮށްފައެވެ. އަދި ބާސެލޯނާއިންވެސް ވަނީ ކައުންޓަ އެޓޭކުގައި ނަޕޯލީގެ ގޯލަށް ނުރައްކާ ކޮށްފައެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް މެޗުތައް ކުޅޭނީ މިނީ މުބާރާތެއްގެ ގޮތުގައި ޕޯޗުގަލްގައެވެ. ކުއާޓާއަށް ދަތުރުކުރި 8 ޓީމުގެ މެދުގައި ނޮކްއައުޓް އުސޫލުން މެޗުތައް ކުޅުމަށް ފަހު ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 23 ވަނަ ދުވަހުގެ ރެއެވެ.