ޚަބަރު

ރިޟުވާނަށް އިންސާފު ހޯދަން ކުރެވެން ހުރިކަމެއް ކުރާނަން - ރައީސް


ނޫސްވެރިޔާ އަހުމަދު ރިޟުވާނު އަބުދުﷲ އިންސާފު ހޯދާދިނުމުގެ މަސައްކަތް ހުއްޓާނުލާ ކުރިޔަށް ގެންދަވާނެކަމަށް ރައީސުލްޖުމުހޫރިއްޔާ އިބުރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ވިދާޅުވީ އެ މައްސަލައިގެ ތަހުޤީޤު ޓީމުގައި ރާއްޖެއިން ބޭރުގެ އިންވެސްޓިގޭޓަރަކު ހިމެނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.

ރިޟުވާނު ވަގަށް ނަގައި ގެއްލުވާލިތާ މިއަދަކީ 6 އަހަރު ފުރޭ ދުވަހެވެ. ރިޟުވާނު އާއިލާ މީހުންނާއި ގާތްރަހުމަތެރިންނާއި ހެޔޮއެދޭ އެތައް ބަޔަކު އަދިވެސް ތިބީ ރިޟުވާންގެ މަރަށް އިންސާފު ލިބުމުގެ އުއްމީދުގައެވެ.

މިއަދާއި ގުޅިގެން އަތުލިޔުމުން ލިޔުއްވައި އޭގެ ފޮޓޯއަކާއި އެކު ރައީސުލްޖުމުހޫރިއްޔާގެ މެސެޖު ހިއްސާކުރައްވާފައި ވާއިރު، އެމެސެޖުގައި އެމަނިކުފާނު ވިދާޅުވީ، ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ ރިޟުވާނުގެ މައްސަލައަށް އިންސާފު ނުލިބި ލަސްވަމުންދާ ކޮންމެ ދުވަހަކީ، އާއިލާއަށް ލިބޭ އިތުރު ހިތްދަތިކަމެއް ކަމަށެވެ.

ރަތްކުލައިގެ ދެލިން ލިޔުއްވާ ރައީސް ދެއްވި މެސެޖުގައި ވިދާޅުވެފައިވަނީ ހުރަސްތަކާއި ދަތިތަކާއި އެކުވެސް މި މައްސަލައަށް އިންސާފު ހޯދުމަށް ﷲގެ ވާގިފުޅާއި އެކު ކުރެވެން ހުރި ހުރިހާ މަސައްކަތެއް ހުއްޓާނުލައި މިސަރުކާރުން ކުރިއަށް ގެންދާނަވާނެކަށެވެ. މިގޮތުން އާއިލާގެ އެދުމާއި އެއްގޮތަށް މިވަގުތު މަސައްކަތް ކުރަމުން ދަނީ، އިތުބާރު ކުރެވޭ ރާއްޖެއިން ބޭރުގެ އިންވެސްޓިގޭޓަރެއް ތަހުޤީޤު ޓީމުގައި ހިމަނައިގެން މަސައްކަތް ކުރިއަށް ގެންދިޔުމަށް ކަމުގައި ރައީސުލްޖުމުހޫރިއްޔާ ވިދާޅުވިއެވެ.

މި ސަރުކާރުން ވެރިކަމަށް އައިސް އެންމެ ފުރަތަމަވެސް އުފެއްދި ކޮމިޝަނަކީވެސް މަރާލާފައިވާ މީހުންނާއި ނަގާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފެއްދުި ކޮމިޝަނެއެވެ. އެއާއި އެކު މި ކޮމިޝަންގެ މަސައްކަތައް ކުރުމަށް ބޭނުންވާ ޤާނޫނީ އިންތިޒާމުތައް ހަމައްޖައްސަވާދެއްވިއެވެ.

ރިޟުވާންއަށް ވީ ނުވީއެއް ނޭނގި ގެއްލިފައިވަނީ 2014 ވަނައަހަރުގެ އޮގަސްޓްމަހުގެ 8 ވަނަދުވަހުގެ ރެއެވެ. އޭނާ އެންމެ ފަހުން ފެނިފައިވަނީ ހުޅުމާލެ ފެރީ ޓާމިނަލުގައި ހުއްޓާއެވެ.

ރިޟުވާންގެ މައްސަލަ ތަހުޤީގުކޮށް ކޮމެޓީން ނެރުނު ރިޕޯޓްގައި ބުނެފައިވަނީ ބަޔަކު އޭނާ ވަގަށް މަރާލުމަށްފަހު އެއްލާލާފައިވާކަމަށެވެ. އަދި އެކަމުގައި އަމަލީ ގޮތުން ބައިވެރިވެފައިވަނީ ދީނީ ހަރުކަށި ފިކުރުގެ ބައެއް ކަމަށްވެސް އެ ރިޕޯޓްގައިވެއެވެ.

ރިޟުވާނު ވަގަށް ނަގައި މަރާލި މައްސަލަ އާއި އެމަރުގެ މައްސަލަ ފޮރުވުމަށް މަސައްކަތް ރައީސް ޔާމީނުގެ ސަރުކާރުގެ އިސް ބައެއް ފަރާތްތަކުން މަސައްކަތް ކުރިކަމުގެ ތުހުމަތުތައް ކުރެވިފައިވެއެވެ.

ރިޟުވާންގެ މަރުގެ މައްސަލާގައި އަދިވެސް އެއްވެސް މީހަކަށް ދައުވާކޮށްފައި ނުވިނަމަވެސް އެ މައްސަލަ ހުއްޓާ ނުލާ ބަލަމުން އަންނަކަމަށް ކޮމިޝަނުންވެސް ވަނީ ބުނެފައެވެ.