ކޮލަމް

އޮންލައިން ނޫސްވެރިކަން ފުޅާވާއިރު ޒިންމާ


ކޮންމެ ދާއިރާއެއްގައިވިޔަސް ވަޒީފާއެއް އަދާކުރުމުގައި ހުރުން ލާޒިމު ސިފަތަކެއް ހުރެއެވެ. ނޫސްވެރިކަމުގެ ދާއިރާގައި ނަޒާޙަތްތެރިކަން ހުރުމަކީ މުހިއްމުކަމެކެވެ. އެއީ، ނޫސްވެރިކަމަކީ އެހެން ފަރާތްތަކަށް ފާރަވެރިވާން ޑިމޮކްރަސީގެ ހަމަތަކުގެ ތެރެއިން ހަތަރުވަނަ ބާރުކަމުގައި ހަމަޖެހިފައިވާ ފަރާތްކަމުގައިވާތީއެވެ.

ނޫސްވެރިކަމާއި ޑިމޮކްރަސީއަކީ ގުޅިފައިފާ އެއްޗެކެވެ. އެއީ ލާރި ފޮއްޗެއްގެ ދެފުށްކަމުގައިވެސް ބުނެވިދާނެއެވެ. ޑިމޮކްރަޓިކް ވެއްޓެއްގައި ޤައުމު ހިންގުމުގައި މީޑިއާގެ ދައުރު ފުޅާއިރު، ނޫސްވެރިކަމުގައި މަސައްކަތްކުރާ އެޑިޓަރުންގެ ނަޒާހަތްތެރިކަން ދެއްކުމަކީ މުހިންމު ކަމެކެވެ. އަޅުގަނޑު މިވާހަކަ ފާހަގަމިކޮށްލަނީ މިދިޔަ ޖޫންމަހު ނިއުޔޯކް ޓައިމްސްގެ އެޑިޓަރ ޖޭމްސް ބެނެޓް ވަޒީފާއިން އިސްތިއުފާދިން ހާދިޘާ އާއި ގުޅިގެންނެވެ.

އޭނާ އިސްތިޢުފާ ދޭންޖެހުނު ސަބަބަކަށްވަނީ ނޫހުގައި ގެންގުޅޭ އެޑިޓޯރިއަލް އުޞޫލުތަކާއި ހިލާފުވާފަދަ މަޒްމޫނެއް ޝާއިޢު ކުރުމުގެ ހުއްދަ ދިނުމުންނެވެ. މި މަޒްމޫނަކީ އެމެރިކާގެ ސެނެޓަރަކު ލިޔުއްވާފައިވާ މަޒްމޫނެކެވެ. އެ މަޒްމޫނުގައި ހިތްވަރުދީ ބާރުއަޅުއްވާފައިވަނީ ނުރުހުން ފާޅުކުރުމުގެ ގޮތުން ޢާއްމުން އެއްވާ އެއްވުންތައް މިލިޓަރީގެ އެހީތެރިކަމާއެކު ރޫޅާލުމަށެވެ. މީގެން ދޭހަވަނީ އެކި ނޫސްތަކުގެ އެޑިޓޯރިއަލް އުޞޫލުތައް ތަފާތުކަމާއި އަދި އެނޫސްތަކުން ޕްރޮމޯޓްކޮށް ކުރިއަށް ނެރޭ އެކި އުޞޫލުތައް ހުންނަކަމެވެ.

އެހެންކަމުން، އެ ނޫހެއް ހިންގުމުގައި އޮންނަ އުޞޫލަކާއި ތަފާތުވެއްޖެނަމަ ބެނެޓަށް ކުރިމަތިލާންޖެހުނު ފަދަ ކަންކަމާއި ކުރިމަތި ލާން ޖެހުމަކީ އާކަމަކަށް ނުވާނެއެވެ. މިސާލެއްގެ ގޮތުން އެކިކަހަލަ އިންތިޚާބްތަކުގައި ބައެއް ނޫސްތަކުން ވަރަށް ފާޅުކޮށް އެބޭފުޅުން ތާއީދުކުރާ ކެންޑިޑޭޓް ޕްރޮމޯޓް ކުރަމުންގެންދެއެވެ. މިފަދަ ހާލަތްތަކުގައި މި ދެންނެވުނު ނޫހުގެ ޚަބަރު ބެލެންސްކޮށްގެން ގެނެސްދިނުމަކީ ލާޒިމްކަމެއްނޫނެވެ. ނަމަވެސް ދައުލަތުގެ މީޑީއާއެއް ހިންގާއިރު މި އުޞޫލާ ތަފާތުވާންޖެހޭނެކަމަށް އަޅުގަނޑު ޤަބޫލުކުރަމެވެ.
ނަމަވެސް، ދައުލަތުގެ މީޑިއާވެސް އަދި އާންމު މީޑިއާވެސް ޒިންމާވާންޖެހޭ އުޞޫލުތަކެއް ހުންނާނެއެވެ. އަދި ހިފަހައްޓަންޖެހޭ މިންގަޑުތަކެއް ހުންނާނެއެވެ. އެހެންކަމުން، ކޮންމެ ނިވްސްރޫމެއްގައިވެސް އެބަޔަކު ތަބާވާންޖެހޭ އެޑިޓޯރިއަލް ގިއުގަޑެއް އޮތުމާއެކު، މިގުއުގަނޑު ތެރޭގައި މަސައްކަތް ކުރަމުން ގެންދިއުން މުހިންމެވެ.

މިކަމުގައި ދެކަމެއް ފާހަގަ ކޮށްލާނަމެވެ. ބައެއް އޮންލައިން ނޫސްތަށް ޕޯސްޓްމޭން އެއް މަސައްކަތް ކުރާ އުޞޫލުން ހިންގަމުން ގެންދާ ކަން ފެންނަން އެބަހުއްޓެވެ. އެއް ނޫހަކުން ޙަބަރެއް ޝާއިޢު ކުރާތަނުން އެ ޚަބަރާއި ދާދި އެއްގޮތަށް ޚަބަރެއް ހަދައި ޝާޢިއު ކުރާ އޮންލައިން ނޫސް ތައް ފެނުމަކީ މިހާރު ޢާންމު ކަމެކެވެ. މިއީ ގައިމުވެސް ނޫހުގެ އެޑިޓަރުގެ ޒިންމާގެ ތެރެއިން ހިގަމުންދާނެކަމެވެ. މަންފާ ނަގާކަމަށް ވަނީ ނަމަ ޒިންމާވެސް ނަގަންވާނެވެ. އަޅުގަނޑުގެ ރައްޓެއްސަކު ދާދީ މިދާކަށް ދުވަހު ބްރޭކިން ޚަބަރުތައް ގެނެސްދިނުމަށް އެޕެއް ތައްޔާރު ކުރިއެވެ. އަޅުގަނޑުގެ ރަހްމަތްތެރިޔާ އޭނަގެ އެޕް ހިންގުމަށް އެހީތެރިކަން ހޯދަން ބޭނުންވާ އޮންލައިން ނޫސް ތަކުގެ އިޒްނަޔަށް އެދުނެވެ. ބައެއް ފަރާތްތަކުން ހުއްދަ ދިނެވެ. އަނެއް ބައިފަރާތްތަކުން އިންކާރު ކުރިއެވެ. މިއީ އަޅުގަނޑަށް ޤަބޫލުކުރެވޭގޮތުގައި އެޑިޓަރެއްގެ ނަޒާހަތްތެރިކަމުގެ ނަމޫނާއެކެވެ.

އޮންލައިން ނޫހެއްގައި ހުންނަ ކޮމެންޓް ސެކްޝަނަކީވެސް އެ އޮންލައިން ނޫހަކުން ޒިންމާވާންޖެހޭބައެކެވެ. އެއީ އެމީހާގެ ކޮންޓްރޯލްގައި ހުންނަ ޕްލެޓްފޯމެއްގައި ކިޔުންތެރިއަކު ފާޅުކުރާ ޚިޔާލެއްގެ ސަބަބުން ކޮންމެވެސް މީހެއްގެ އަބުރު ކަތިލެވިގެން ނުވަތަ މީހެއްގެ ޤަދަރުވެއްޓިގެންދާނަމަ ޒިންމާވާނެ ކޮންމެވެސް ފަރާތެއް ހުންނަންވާނެއެވެ. ޤާނޫނީ ނަޒަރަކުން ދެކޭނަމަ މިއީ ދަޢުވާކުރެވޭނެ ކަމެކެވެ. ދުނިޔޭގެ އެހެންތަންތަނުގައި މިގޮތަށް މިކަން ހިގާފައިވެސް އެބަހުއްޓެވެ. އަޅުގަނޑު ޤަބޫލުކުރަނީ މި ކޮމެންޓްތަކަކީ އެ އޮންލައިން ނޫހެއްގެ އެޑިޓަރުގެ ސީދާ ޒިންމާގެ ތެރޭގައި ވާނެކަންކަން ކަމުގައެވެ.

މިއަދު އޮންލައިން ނޫސްތައް މިހިންގަނީ މީސްމީޑިއާގައި އިންފުލުއެންސާސް މަސައްކަތް ހިންގާ ބައްޓަމަށެވެ. ކޮންޓެންޓް ތައްޔާރު ކުރަނީ އޯޑިއަންސްގެ ސަމާލުކަން ހޯދުމަށެވެ. އޯޑިއަންސްގެ ސަމާލުކަން ލިބޭކަން ދެނެގަންނަނީ ކޮންޓެންޓް ބަލާފައިވާވަރު، ޤަބޫލުވިވަރު (ލައިކް)، އެހެން ފަރާތްތަކާއި ހިއްސާކުރިވަރާއި އަދި ކޮމެންޓް ލިބުނުވަރުންނެވެ. ސްޕޮންސަރުންގެ އެހީތެރިކަން ލިބެނީ މިކަންކަމުގެ ތެރޭންނެވެ.

ބައެއް އޮންލައިން ނޫސްތަކުގެ ދިރުންވެސް ބިނާވަނީ މިހަމަތަކުގެ މަތިންކަން އަޅުގަނޑަށް ޤަބޫލުކުރެވެއެވެ. އެހެންކަމަށް ވަނީ ނަމަ ކިޔުންތެރިނާއި ބެލުންތެރިންނަށް އެނގެންޖެހޭ ހައްޤެއް އޮންނާނެއެވެ. އެއީ މައުލޫމާތެއް ހޯދުމުގެ ބޭނުމުގައި ކިޔުންތެރިއަކު އޮންލައިން ނޫހެއް ބަލާއިރު އެވަދެވޭ ވެބްސައިޓްގައި ފޮރުވިފައިވާ އެޖެންޑާއެއް އޮތްތޯ، ވަކި ޕްރޮޕެގެންޑާއެއް ފެތުރުމުގެ މަޤްޞަދެއްގައި އުޅޭ ބައެއްތޯ އެނގޭނެ ގޮތެއް އޮތުމެވެ.

މިފަހާގަ ކުރި ކަންކަމަކީ އަޅުގަނޑުމެންގެ އެކަނި ޝަކުވާއެއް ނޫނެވެ. މިކަމަށް ހަލެއް ގެނައުމަށް، މިހާރު ރިޓަޔަރ ކުރައްވާފައިވާ އެމެރިކާގައި ފާހަގަ ކުރެވޭ ދެ ނޫސް އެޑިޓަރަކު ދަނީ ނިއުސްގާރޑުގެ ނަމުގައި އެމެރިކާ އާއި އެ ޤައުމުން ބޭރުގައިވެސް ޚިދުމަތްތަކެއް ފޯރުކޮށްދެމުންނެވެ. ނިއުސްގާޑުން ސާޗް އިންޖީންތަކާއި ގުޅިގެން ވެބްސައިޓު ތަކުގެ މައުލުމާތު ކިޔުންތެރިންނަށް ފޯރުކޮށްދެއެވެ. އެއީ އަމިއްލަ ޚަބަރު އުފައްދާ ބައެއްތޯއާއި، ދޮގު ޚަބަރު ފަތުރާ ބައެއްތޯއާއި؟ އެހެން ފަރާތްތަކުގެ ޚަބަރު ޝާއިޢު ކުރާ ބައެއްތޯ ބުނެދޭނެއެވެ. އަދި ވެބްސައިޓް ހިންގުމަށް ފަންޑު ހޯދަނީ ކިހިނެއްތޯވެސް ބުނެދޭނެއެވެ. މިހުރިހައި ބައިތައް ކުލަ ކޯޑުތަކަކުން ގިންތިކުރެއެވެ.

އަޅުގަނޑު ކުރިން ފާހަގަކޮށްލި ނިއުޔޯކް ޓައިމްސްގެ އެޑިޓަރ އިސްތިޢުފާދޭންޖެހުމާއި އަދި މިލިޓަރީ ބޭނުންކޮށްގެން މުޒާހަރާތައް ރޫޅާލުމަށް މަސައްކަތްކުރުމާ ގުޅޭގޮތުން އެ ނޫހުގައި ޝާއިޢު ކުރެވުނު މަޒްމޫނުގެ ހޫނުކަން ނުކެޑެނީސް، ހަމަ އެ ހަފްތާތެރޭގައި މީޑއާއިން ފެނިގެން ދިޔައީ އެމެރިކާގެ ޖޮއިންޓް ޗީފް އޮފް ސްޓާފްގެ ޗެއަރމަން ޖެނެރަލް މާރކް މިލޭ މިލިޓަރީ ޔުނިފޯމްގައި ރައީސް ޓްރަމްޕް އާއެކީ ފައްޅިއަކަށް ވަޑައިގެންނެވި ތަނެވެ. ޔުނިފޯމް ތުރުކުރައްވައިގެން ވަޑައިގަތުމާއި ވިދިގެން ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް ޖެނެރަލް މިލޭ އަށްރައްދުވެގެން ދިޔައެވެ. ސަބަބަކީ އެއީ ކެމްޕެއިން އިވެންޓެއް ކަމުންނެވެ. ފާޑުކިޔުންތަށް ހޫނުވެގެން ގޮސް އެންމެ ފަހުން ޖެނެރަލް މިލޭއަށް ޖެހިވަޑައިގަތީ އެކަމަށް މާފަށްއެދިވަޑައިގަންނަވާށެވެ.

ގިނަ ބަޔަކު ބުނަމުން ގެންދިޔައީ ޓްރަމްޕްގެ ކެމްޕޭނުގައި ޔުނިފޯމް އެޅި އެމެރިކާގެ މިލިޓަރީ މީހުން ބައިވެރިވަމުންގެންދާކަމެވެ. ޖެނެރަލް މިލޭ މާފަށް އެދިވަޑައިގަނަމުން ވިދާޅުވީ މިކަހަލަ ކަންތައް މިހެންވެގެން ނުވާނެކަމަށާއި އޭނާއަށް މިކަމުން ވަރަށް ބޮޑު ފިލާވަޅެއް ލިބިވަޑައިގެންނެވި ކަމާއި ހުރިހާ އެންމެނަށްވެސް މިއިން ފިލާވަޅު ލިބިގަންނަންޖެހޭކަމަށް އިލްތިމާސްކުރެއްވިއެވެ. މި ހުންނަނީ ކަންކަން ކުރުމުގައި ކަނޑައެޅިފައި އޮންނަ އުޞޫލު ހިފެހެއްޓުމުގެ މުހިންމުކަން ހާމަވާ ހާދިސާތަކެވެ. އަޅުގަނޑުމެން އެންމެންވެސް ގިނަގުނަ ފިލާވަޅުތަކެއް މިކަންކަމުން ދަސްކުރަންޖެހެއެވެ.

ރިފަރެންސް :
https://www.nytimes.com/2020/06/07/business/media/james-bennet-resigns-nytimes-op-ed.html
https://www.theguardian.com/us-news/2020/jun/11/top-us-military-general-mark-milley-issues-public-apology-trump-church-photo-op
Smith.B and Brown.C.A, 2019, Tools and Weapons Hodder and Stoughton

އެޑިޓަރުގެ ނޯޓް

އަލީ ޚާލިދަކީ ޓެލެވިޒަން މޯލްޑިވްސްގެ ސީއީއޯގެ މަގާމު ފުރުއްވާ ސަރުކާރުގެ ބައެއް އެހެން ކުންފުނިތަކުގެ އިސް މަގާމުތައް ވެސް އަދާކުރެއްވި ބޭފުޅެކެވެ. ހިންގުމުގެ ދާއިރާއިން ތަޖުރިބާ ލިބިވަޑައިގެންފައިވާ އަލީ މިވަގުތު ފުރުއްވަމުން ގެންދަވަނީ ޕަބްލިކް ސާރވިސް މީޑިއާގެ މެނޭޖިން ޑިރެކްޓަރގެ މަޤާމެވެ.