ޚަބަރު

މަރުވި މީހުންގެ އާއިލާތަކަށް ބަދަލު، ސަލާމަތްވި އެކަކު ޕޮޒިޓިވް އެންމެން ޓެސްޓުކުރަނީ


އިންޑިޔާގެ ކެރަލާއަށް ޖައްސަން މަސައްކަތްކުރި އެއަރ އިންޑިޔާގެ މަތިންދާބޯޓެއް ރަންވޭ މަތިން ކަހާލައިގެން ވެއްޓުނު ހާދިޘާގައި މަރުވި މީހުންގެ ވާރިޘުންނަށް ބަދަލުގެގޮތުގައި އެއް މިލިއަން އިންޑިޔާ ރުޕީސް ދޭން ނިންމައިފިއެވެ.

އޮގަސްޓު މަހުގެ 7ވަނަ ދުވަހު ހިނގި ހާދިޘާގައި މިހާތަނަށް 18 މީހުންވަނީ މަރުވެފައެވެ. އޭގެ ތެރޭގައި މަތިންދާބޯޓު ދުއްވި ދެ ޕައިލެޓުންވެސް ހިމެނެއެވެ. އަދި ގިނަ ޢަދަދެއްގެ މީހުންނަށް ބޮޑެތި އަނިޔާތަކެއްވަނީ ލިބިފައެވެ. ޒަޚަމްވި މީހުންގެ ބޭސްފަރުވާގެ ހުރިހާ ޚަރަދެއް ކުރާނީ ކެރަލާގެ ސަރުކާރުންނެވެ.

އޭގެ އިތުރުން އެ ހާދިޘާގައި ސަލާމަތްވި މީހުންގެ ތެރެއިން އެކަކަށް ކޯވިޑް-19 ޖެހިފައިވާކަންވަނީ ޔަޤީންވެފައެވެ. އެހެންކަމުން އެ ހާދިޘާގައި ސަލާމަތްވި ހުރިހާ އެންމެން ކޯވިޑް-19އަށް ތަހުލީލުކުރުމަށްވަނީ ކެރަލާގެ ސަރުކާރުން ނިންމައިފައެވެ.

ޔޫއޭއީގެ ޑުބާއީއިން ދަތުރުކުރި އެއަރ އިންޑިޔާގެ މަތިންދާބޯޓު ޖައްސަން މަސައްކަތްކޮށްފައިވަނީ އިންޑިޔާގެ ކެރަލާގެ ކަލިކަތު ބައިނަލްއަޤުވާމީ ވައިގެ ބަނދަރަށެވެ. އެ މަތިންދާބޯޓަކީ ކޯވިޑް-19ގެ ސަބަބުން ބޭރު ޤައުމުތަކުގައި ތާށިވެފައިތިބި އިންޑިޔާގެ ރައްޔިތުން އަނބުރާ ޤައުމަށް ގެނައުމަށް ބޭނުންކުރި އެއަރ އިންޑިޔާގެ ބޮއިންގު 737 މަރުކައިގެ އުޅަނދެކެވެ. 191 މީހުންނާއެކު ދަތުރުކުރި މަތިންދާބޯޓު ރަންވޭއަށް ޖައްސަން އުޅުމުގެ ތެރޭގައި ކަހާލައިގެން ވާދީއަކަށް ވެއްޓި ދެ ފަޅިއަށްވަނީ ބިންދައިގެންގޮސްފައެވެ. އެ މަތިންދާބޯޓުން ދަތުރުކޮށްފައިވަނީ 184 ފަސިންޖަރުންނާއި 7 ފަޅުވެރިންނެވެ. އޭގެ ތެރޭގައި ފަސިންޖަރުންގެ ގޮތުގައި ދަތުރުކުރި 10 ކުޑަކުދިންވެސް ހިމެނެއެވެ.

އެއީ 2010ވަނަ އަހަރުގެ ފަހުން އިންޑިޔާގައި މަތިންދާބޯޓެއް ވެއްޓިގެން ހިނގި އެންމެ ނުރައްކާތެރި ޙާދިޘާއެވެ.