ޚަބަރު

ހަރަމައިން ރޭލްވޭގައި އަނެއްކާވެސް އަލިފާނުގެ ހާދިސާއެއް


ޖިއްދާ ހަރަމައިން ރެއިލްވޭ ސްޓޭޝަންގައި އަލިފާން ރޯވެއްޖެއެވެ. މައްކާއާއި މަދީނާ ގުޅުވާދޭ މި ރެއިލްވޭ ސްޓޭޝަންގައި ރޯވި އަލިފާންގަނޑު މިހާރުވަނީ ނިންވާލާފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އަލިފާން ރޯވެފައިވަނީ އެ ރެއިލްވޭ ސްޓޭޝަންގެ މަސައްކަތު ބޭނުމަށް ހަދާފައިވާ ވަގުތީ އޮފީހުގައެވެ.

މި ރެއިލްވޭގައި 2019 ވަނަ އަހަރުވެސް އަލިފާނުގެ ހާދިސާއެއް ވަނީ ހިނގާފައެވެ. އެ ފަހަރުގެ ހާދިސާގައި ފަސްމީހަކުވަނީ ޒަހަމްވެފައެވެ.

ސައުދީ އަރަބިއްޔާގެ ދެ ހަރަމާއި ދޭތެރޭ އަވަސް ދަތުރުތައް ކުރުނަށް ޤާއިމުކުރި ހަރަމައިން އެކްސްޕްރެސް ރޭލްގެ ފުރަތަމަ ދަތުރުކުރީ 2017 ވަނައަހަރުގެ ޖުލައިމަހުގެ ތެރޭގައެވެ. މި ސްޓޭޝަން ތައްޔާރުކޮށްފައިވަނީ މައްކާ މަދިނާ ޖިއްދާގެ މައި އެއަރޕޯޓާއި ގުޅުވާލާ ގޮތަށެވެ. މިތަނުގައި 5 ލޭނުގައި ގަޑިއަކު 35 ރޭލް ދަތުރުކުރެވޭނެއެވެ. އަދި މިރޭލްތައް ގަޑިއަކު 300 ކިލޯ މީޓަރު ބާރުމިނުގައި ދަތުރުކުރެއެވެ.

މާއްކާއިން މަދީނާއަށް ބަހުގައި ކުރާ ދަތުރުތަކުގައި މަދުވެގެން 6 ގަޑިއިރު ހޭދަވައެވެ. ރޭލްތަކުގައި މި ދަތުރު 2 ގަޑިއިރަށް ކުޑަވެގެންދާނެއެވެ.