ޚަބަރު

ސްރީ ލަންކާގެ ޢާންމު އިންތިޚާބުގައި ރާޖަޕަކްސަ ޢާއިލާއަށް އުފާވެރިކަން


ސްރީ ލަންކާގެ ވެރިކަންކުރާ ޕާޓީކަމަށްވާ ސްރީ ލަންކާ ޕޮޑުޖަނަ ޕެރަމުނަ، އެސްއެލްޕީޕީ އެ ޤައުމުގައި ބޭއްވި ޢާންމު އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބުކުރާނެކަން ކަށަވަރުވެއްޖެއެވެ.

އެސްއެލްޕީޕީން ޢާންމު އިންތިޚާބު ކާމިޔާބުކޮށްފައިވާކަން އެ ޤައުމުގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަވަނީ އިޢުލާންކުރައްވައިފައެވެ. އެ ޕާޓީން ޢާންމު އިންތިޚާބު ކާމިޔާބުކުރުމުން ސްރީ ލަންކާގެ ބޮޑުވަޒީރުގެ މަޤާމާ ޙަވާލުވެވަޑައިގަންނަވާނީ ގޮތަބަޔަގެ ބޭބޭފުޅު އަދި އެ ޤައުމުގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސައެވެ. 2019ވަނަ އަހަރުގެ ނޮވެންބަރު މަހުން ފެށިގެން އެ މަޤާމުގައި ހުންނެވީ މަހިންދައެވެ.

ބޮޑުވަޒީރު މަހިންދަގެ ދަރިކަލުން ނަމާލު ރަޖަޕަކްސަވެސް ޤާނޫނުހަދާ މަޖިލީހުގެ ގޮނޑިއެއްވަނީ ކާމިޔާބުކުރައްވައިފައެވެ. އޭނާ ގޮނޑި ކާމިޔާބުކުރެއްވީ ރެކޯޑު ޢަދަދަކަށް ވޯޓު ހޯއްދަވައިގެންނެވެ. މަހިންދައާއި ނަމާލުގެ އިތުރުންވެސް ރާޖަޕަކްސަ ޢާއިލާގެ ބައެއް ބޭފުޅުންވަނީ ޢާންމު އިންތިޚާބުގައި ވާދަކުރައްވައިފައެވެ، ނަމަވެސް އެ ބޭފުޅުން ގޮނޑި ކާމިޔާބުކުރެއްވިކަން އަދި ކަށަވަރުވެފައެއް ނުވެއެވެ.

ސްރީ ލަންކާގެ ކުރީގެ ރައީސް މައިތިރިޕާލާ ސިރިސޭނާވެސްވަނީ ޤާނޫނުހަދާ މަޖިލީހުގެ ގޮނޑިއެއް ކާމިޔާބުކުރައްވައިފައެވެ. ނަމަވެސް 42 އަހަރަށްފަހު ފުރަތަމަ ފަހަރަށް ސްރީ ލަންކާގެ ކުރީގެ ބޮޑުވަޒީރު ރަނިލް ވިކުރަމަސިންހަގެ ގޮނޑިވަނީ ގެއްލިފައެވެ.

ސްރީ ލަންކާގެ ޢާންމު އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާންކުރާނީ ހުކުރު ދުވަހުއެވެ. ބެލެވޭ ގޮތުގައި ޤާނޫނުހަދާ މަޖިލީހުގެ ތިންބައިކުޅަ ދެބައި ގޮނޑި އެސްއެލްޕީޕީން ކާމިޔާބުކުރާނެއެވެ.