ޚަބަރު

ސުޕްރީމް ކޯޓަށް ގާޒީ އަލީ ރަޝީދާއި ޤާނޫނީ ވަކީލު މުހައްމަދު އިބްރާހިމް


ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް، ކްރިމިނަލްކޯޓްގެ އިސް ގާޒީ ޢަލީ ރަޝީދު ޙުސައިން އާއި ޤާނޫނީ ވަކީލު ޑރ މުހައްމަދު އިބްރާހިމް ޢައްޔަންކުރުމާ ގުޅޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ މަޝްވަރާއަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވައިފިއެވެ.

ކޯޓްތަކުގެ ޤާނުނަށް ގެނައި އިސްލާހާއި އެކު ސުޕްރީމްކޯޓްގެ ފަނޑިޔާރުންގެ ބެންޗުގައި 7 ބޭފުޅުން ތިއްބަވަންޖެހެއެވެ. އެހެންނަމަވެސް މި ވަގުތި ތިއްބެވީ 5 ފަނޑިޔާރުންނެވެ.

ސުޕްރީމްކޯޓަށް އައްޔަންކުރެއްވުމަށް ރައީސް ނަން ފޮނުއްވާފައިވާ ދެ ބޭފުޅުންގެ ތެރެއިން އަލީ ރަޝީދު ވަނީ ސިވިލްކޯޓްގެ ގަޒީކަންވެސް އަދާކުރައްވާފައެވެ. އަދި މިވަގުތު ކްރިމިނަލްކޯޓްގެ އިސްގާޒީގެ މަޤާމުގައި ހުނެނވި އަލީ ރަޝީދަކީ އައު ޤާނޫނު އަސާސީގެ ދަށުން ފުރަތަމަ މަރުގެ ހުކުމެއް އިއްވެވި ގާޒީއެވެ. އަދި މީނުންވެސް އެތައް ޖިނާއީ ބޮޑެތި ދައުވާތަކެއް މައްސަލަތައް ބައްލަވާފައިވާ އަލީ ރަޝީދުވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ކުރި މަނީލޯންޑަރިންގެ މައްސަލަ ނިންމެވި ތިން ފަނޑިޔާރުން ހިމެނޭ ބެންޗުގެ އިސް ފަނޑިޔާރުގެ މަޤާމު އަދާކުރައްވާފައެވެ.

ސުޕްރީމްކޯޓަށް އައްޔަންކުރެއްވުމަށް ރައީސް ލަފަޔަކަށް އެދިވަޑައިގެންނެވި ޑރ މުހައްމަދު އިބްރާހީމަކީ ޤާނޫނީ ދައިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާ އަކީ މަޝްހޫރު ލޯ ފާމް، "ޕްރިމިއާ ޗެމްބާސް" މަސައްކަތްކުރައްވަމުން އަންނަ ބޭފުޅެކެވެ.

ޖުޑީޝަލް ސާރވިސް ކޮމިޝަނުން ވަނީ މިއާއެކު ސުޕްރީމްކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލާފައެވެ. އެ ކޮމިޝަނުން ވިދާޅުވީ، ސުޕްރީމް ކޯޓުން ހުސްވެފައިވާ 2 ފަނޑިޔާރުންގެ މަޤާމަށް ބޭފުޅުން ޢައްޔަން ކުރުމަށްޓަކައި އެ ކޮމިޝަނުން ހުށަހަޅުއްވާ ނަންތައް ފޮނުވައި ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރަހިމް މުހައްމަދު ޞާލިހް އެދިވަޑައިގަންނަވާފައިވާތީ އެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވަލާފައިވާ ކަަމަށެވެ. މި ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 16ވަނަދުވަހު މެންދުރުފަހު 14:00ގެ ނިޔަލަށެވެ.

ސުޕްރީމްކޯޓުގެ ބެންޗް 7 ފަނޑިޔާރުންގެ ޢަދަދަށް ކަނޑައަޅާ ކޯޓުތަކުގެ ޤާނޫނަށް ފަހުން ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަސްދީޤުކުރައްވައިފައި ވަނީ 2019ވަނަ އަހަރުގެ ޖުލައި މަހުގެ 23ވަނަ ދުވަހެވެ.

ސުޕްރީމް ކޯޓުގައި މިހާރު ފަނޑިޔާރުންގެ ގޮތުގައި ތިއްބެވެވީ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނާއި، ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދާއި، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރުއެވެ.