ވިޔަފާރި

ކުރީގެ ސަރުކާރުން ގެރެންޓީ ދިން ލޯނަށް ސިޔާމްގެ ކުންފުނިން ދަނީ ފައިސާ ދައްކަމުން- ފިނޭންސް


ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ސޮވެރިން ގެރެންޓީދީފައިވާ "އަޙްމަދު ސިޔާމް ހޯލްޑިންްސް"ގެ ލޯނަށް އެކުންފުނިން ފައިސާ ދައްކަމުންދާކަމަށް މިނިސްޓްރީ އޮފް ފިނޭންސްއިން ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން މިކަން ހާމަކޮށްފައިވަނީ، "އަޙްމަދު ސިޔާމް ހޯލްޑިންްސް"(އޭއެސްއެޗް)އަށް ދައުލަތުން ގެރެންޓީ ދީފައިވާ ލޯނަށް އެކުންފުނިން ފައިސާ ދައްކަމުން ނުދާކަމަށް ބުނެ، އެމައްސަލަ މަޖިލީހަށްވެސް ހުށަހަޅާފައިވަނިކޮށެވެ.

ފިނޭންސް މިނިސްޓްރީން މިކަމާ ގުޅޭގޮތުން ނެރުއްވި ބަޔާނުގައި ވަނީ މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ސިޔާމްގެ، އަޙްމަދު ސިޔާމް ހޯލްޑިންގްސް، އޭއެސްއެޗްއަށް ސޮވްރިންގ ގެރެންޓީ ނުވަތަ ދައުލަތުން ގެރެންޓީ ދީފައިވަނީ ރައީސް ޔާމީންގެ ސަރުކާރުގައި 14 ޑިސެމްބަރު 2017 ގައިކަމަށެވެ. އަދި ޗައިނާގެ އެގްޒިމް ބެންކުން 127 މިލިއަން ޑޮލަރުގެ ލޯނެއް ނެގުމަށް އެކުންފުންޏަށް ދައުލަތުގެ ނަމުގައި ގެރަންޓީ ދީފައިވަނީ ގެރެންޓީ ދޫކުރުމުގެ އުސޫލުގެ ދަށުންކަމަށްވެސް ފިނޭންސްއިން ވިދާޅުވެއެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ މި ލޯނުގެ ދަށުން، ޗައިނީޒް އެގްޒިމް ބޭންކަށް ދަރަނި އަދާކުރުމުގައި، ޖަނަވަރީ 2020 ގެ ނިޔަލަށް ދައްކަންޖެހޭ ފައިސާ ސިޔާމްގެ ކުންފުނިން ދައްކާފައިވާކަމަށެވެ. ނަމަވެސް، 21 ޖުލައި 2020ގެ ކުރިން، ސިޔާމްގެ ކުންފުނިން އެގްޒިމް ބޭންކަށް ދައްކަންޖެހޭ ލޯނުގެ ޕްރިންސިޕަލް، އިންޓަރެސްޓް އަދި އެހެނިހެން ފީ އަށް ވާ އަދަދު ދައްކާފައި ނުވާތީ، އެބޭންކުން ފިނޭންސް މިނިސްޓްރީއަށް އެކަން އެންގިކަމަށް ބަޔާނުގައިވެއެވެ. ފިނޭންސްގެ ބަޔާނުގައި ސޮވްރިން ގެރެންޓީ ދޫކުރި ފަރާތުގެ ހައިސިއްޔަތުން، އެފައިސާ ދެއްކުމަށް ސަރުކާރަށް އެންގިކަމަށާއި، ނަމަވެސް އެފައިސާ ސިޔާމްގެ ކުންފުނިން އެސްކްރޯ އެކައުންޓަށް ޖަމާކުރުމުން، އެސްކްރޯ އޭޖެންޓް މެދުވެރިކޮށް އެފައިސާ މިއަދު ޗައިނީޒް އެގްޒިމް ބޭންކަށް ދައްކާފައިވާކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.

ފިނޭންސްގެ ބަޔާނުގައި ވަނީ މިދިޔަ ސަރުކާރުން އަޙްމަދު ސިޔާމް ހޯލްޑިންގްސް ފިޔަވައި އިތުރު އަމިއްލަ ފަރާތަކަށް ސޮވެރިން ގެރަންޓީއެއް ދޫކޮށްފައި ނުވާކަމަށެވެ. އަދި މި ސަރުކާރުން ސޮވްރިން ގެރަންޓީ ދޫކުރާނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން، ރައްޔިތުންގެ މަސްލަޙަތު ހިމެނޭ ބޮޑެތި މަސައްކަތްތައް ހިންގާ ކުންފުނިތަކުން ނަގާ ލޯނުތަކުގެ ތެރެއިން ކޮންމެހެން ސޮވްރިން ގެރަންޓީ ބޭނުންވާ ލޯނުތަކަށް އެކަނި ކަމުގައިވެސް ފިނޭންސް ވިދާޅުވިއެވެ.
ދަރަނި އަދާކުރުމުގައި، އަބަދުވެސް އިސްކަންދޭނީ ދިވެހި ދައުލަތް ސޮވެރިން ޑިފޯލްޓްއަކަށް ނުދާނެ ގޮތަށް ކަންކަން ތަރުތީބު ކުރުމަށްކަމަށްވެސް ފިނޭންސް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.