ޚަބަރު

ހީރޯޝިމާއަށް އެޓޮމިކު ބޮން ވައްޓާލިތާ 75 އަހަރު


1945ވަނަ އަހަރު އެމެރިކާއިން ޖަޕާނުގެ ހިރޯޝިމާއަށް އެޓޮމިކު ބޮމެއް ވައްޓާލި ހާދިޘާއަށް 75 އަހަރު ފުރުން އެ ޤައުމުގައި ފާހަގަކޮށްފިއެވެ.

ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި 1945ވަނަ އަހަރުގެ އޯގަސްޓު މަހުގެ 6ވަނަ ދުވަހު އެމެރިކާއިން ހިރޯޝިމާއަށް ލިޓުލް ބޯއިގެ ނަން ދީފައިވާ ބޮމެއް ވައްޓާލިއެވެ. އެ ޙަމަލާގައި 140،000 މީހުން މަރުވިއެވެ. ތިން ދުވަސް ފަހުން އޭގެ ދެވަނަ ބޮމެއް އެ ޤައުމުގެ ނަގަސާކީއަށް އެމެރިކާއިން ވައްޓާލިއެވެ. އޭގެ ދެ ހަފުތާ ފަހުން ޖަޕާނުން އަމާން ދިނުމުން ދެވަނަ ބޮޑު ހަނގުރާމަ ނިމުމަކަށް އައެވެ.

އެ ހާދިޘާގެ ހަނދާން އައުކުރުމަށް ހިރޯޝިމާގައިވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވައިފައެވެ. އެ ރަސްމިއްޔާތުގައި ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭއާއި ހިރޯޝިމާގެ މޭޔަރު ކަޒޫމީ މަޓުސުއީވަނީ ބައިވެރިވެވަޑައިގެންފައެވެ. އެ ޙަމަލާގައި ސަލާމަތްވި މީހުންގެ އިތުރުން މަރުވި މީހުންގެ ޢާއިލާތަކުންވެސްވަނީ އެ ރަސްމިއްޔާތުގައި ބައިވެރިވިއެވެ.

ޖަޕާނަށް އެޓޮމިކު ބޮން ވައްޓާލި ދުވަހުގެ ހަނދާން އައުކުރުމަށް އެތައް ހާސް ބަޔަކު ކޮންމެ އަހަރުކުވެސް އެ ސިޓީގެ ޕީސް ޕާކަށް ޖަމާވެއެވެ. ނަމަވެސް ކޯވިޑް-19ގެ ނުރައްކާތެރިކަން ބޮޑުވެފައިވާ ދަނޑިވަޅުގައި އެ ރަސްމިއްޔާތުގައި ބައިވެރިވި މީހުންގެ ޢަދަދު އެހެން އަހަރުތަކަށްވުރެ ވަރަށް ބޮޑަށް މަދެވެ. މި އަހަރުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ގައިދުރުކަމުގެ ޚާއްޞާ ފިޔަވަޅުތަކާއެކުއެވެ.

އެޓޮމިކު ބޮން ވައްޓާލި ގަޑިކަމަށްވާ ހެނދުނު 8.15ގައި ރަސްމިއްޔާތުގެ ބައިވެރިންވަނީ ހިމޭންކަމުގެ ސުކޫތެއްގައި ބައިވެރިވެފައެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހިރޯޝިމާގެ މޭޔަރު ކަޒޫމީ މަޓުސުއީ ވިދާޅުވީ 1945ވަނަ އަހަރު ހިރޯޝިމާއަށް އެޓޮމިކު ބޮމެއް ވައްޓާލުމުން އެ ސިޓީގައި 75އަހަރު ވަންދެން އެއްވެސް ދިރުމެއް ނޯންނާނެކަމަށް އޭރު ޤަބޫލުކުރެވުނުކަމަށެވެ. ނަމަވެސް ހިރޯޝިމާއަށް ކުރިމަތިވި ގެއްލުމާއި ހިތާމައިން އަރައިގަނެ މިއަދު އެ ސިޓީއަކީ އަމާންކަމުގެ ނިޝާނެއްކަމަށް އޭނާ ވިދާޅުވިއެވެ.

ދުވަހުގެ ހަނދާން އައުކުރައްވާ އދގެ ސެކެޓްރީ ޖެނެރަލް އެންތޯނޮއޯ ގުތޭޚެޝް ފޮނުއްވި ވީޑިއޯ މެސެޖެއްގައިވަނީ ޤައުމުތަކުން ނުރައްކާތެރި ހަތިޔާރުތައް ނައްތާލުމަށް މަސައްކަތްކުރުމަށް ގޮވާލައްވައިފައެވެ. ބައިބައިވުމާއި އިތުބާރު ނުކުރުމާއި މަޝްވަރާ ނުކުރުމުގެ ސަބަބުން ނިއުކުލިއަރ ހަތިޔާރުގެ ނުރައްކާ ދުނިޔެއަށް ބޮޑުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އެ ނުރައްކަލަށް އޮތް ހަމައެކަނި ޙައްލަކީ އެފަދަ ހަތިޔާރު ނައްތާލުންކަމަށް އޭނާ ވިދާޅުވިއެވެ.

ހިރޯޝިމާއަށް ދިން އެޓޮމިކު ޙާމަލާއަށް 75 އަހަރު ފުރުން ފާހަގަކުރަމުން ދަނީ ލުބުނާނުގެ ވެރިރަށް ބައިރޫތުގައި ބާރުގަދަ ގޮވުންތަކެއް ގޮވައި ގިނަ ޢަދަދެއްގެ މީހުން މަރުވެފައިވާ ދަނޑިވަޅެއްގައެވެ.