ކޯވިޑް-19 ޖެހިގެން ކޮންމެ 15 ސިކުންތަކު މީހަކު މަރުވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ދުނިޔޭގައި ކޯވިޑް-19 ޖެހިގެން މަރުވި މީހުންގެ ޖުމްލަ ޢަދަދު 700،000އަށްވުރެ އިތުރުވެފައެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި ދުވާލަކު 5،900އަށްވުރެ ގިނަ މީހުން ކޯވިޑް-19 ޖެހިގެން މަރުވެއެވެ. އެއީ ގަޑިއިރެއްގެ ތެރޭގައި 247 މީހުން ނުވަތަ ކޮންމެ 15 ސިކުންތަކުން އެކަކެވެ. ކޯވިޑް-19 ޖެހިގެން އެންމެ ގިނަ ޢަދަދެއްގެ މީހުން މަރުވެފައިވަނީ އެމެރިކާއާއި ބުރެޒިލާއި އިންޑިޔާއާއި މެކްސިކޯގައެވެ. އެންމެ ހަލުވިކަމާއެކު ބަލި ފެތުރެނީ އެމެރިކާއާއި މެދުތެރޭ އެމެރިކާގައެވެ.
640 މިލިއަން މީހުންގެ އާބާދީއެއް އޮންނަ މެދުތެރޭ އެމެރިކާއަށް ބަލި ފޯރާފައިވަނީ ދުނިޔޭގެ އެހެން ސަރަޙާއްދުތަކަށްވުރެ ފަހުންނެވެ. ނަމަވެސް އެ ސަރަޙައްދުގެ ޤައުމުތަކަކީ ފަޤީރު ޤައުމުތަކަކަށްވުމުގެ އިތުރުން ތޮށްޖެހިފައި އޮތުމުގެ ސަބަބުން އެ ސަރަޙައްދުތަކުގައި ބަލި ފެތުރޭ މިންވަރުވަނީ އިތުރުވެފައެވެ.
މެދުތެރޭ އެމެރިކާއާއި ކެރީބިއަން ސަރަޙައްދުގެ 100 މިލިއަނަށްވުރެ ގިނަ މީހުން ދިރިއުޅޭނީ ކުދި ޖިފުޓިތަކުގައެވެ. ގިނަ މީހުން ޢަދާކުރަނީ ނުރަސްމީ ވަޒީފާތައްކަމަށްވުމުން އިޖުތިމާޢީ ރައްކާތެރިކަން އެ މީހުންނަށް ޔަޤީނެއް ނުކުރެވެއެވެ. އަދި ބަލިމަޑުކަމުގެ ތެރޭގައި މަސައްކަތްކުރުމަށް އެ މީހުންނަށްވަނީ މަޖުބޫރުވެފައެވެ.
ކޯވިޑް-19ގެ ސަބަބުން 330 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އަދި ދުނިޔޭގެ އެންމެ މުއްސަނދި އެއް ޤައުމުކަމުގައިވާ އެމެރިކާގެ ޙާލަތުވެސްވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އެމެރިކާގެ ސަރުކާރުގެ ގައިންގަޔަށް އަރާ ބައްޔާބެހޭ އެންމެ އިސް މާހިރު ޑރ. އެންތޮނީ ފައުޗީވަނީ އެންމެ ބޮޑަށް ބަލި ފެތުރޭ ސްޓޭޓުތައް ފުރަބަންދުކުރުމަށް ގޮވާލައްވައިގައެވެ. އަދި ޚިޒާން މޫސުމުގައި ރޯގާ ފެތުރެން ފެށުމުގެ ކުރިން ކޯވިޑް-19 ފެތުރޭ މިންވަރު ދަށްކުރުމުގެ މުހިންމުކަން އޭނާވަނީ ފާހަގަކުރައްވާފައެވެ.
ބަލި ފެތުރޭ މިންވަރު ދަށްކޮށްފައިވާކަމަށް ބެލެވިފައިވާ ބައެއް ޤައުމުތަކުގައިވެސް ފަހުގެ ތާޜީހުގައި ބަލި ޖެހޭ މިންވަރުވަނީ ރެކޯޑު ޢަދަދަކަށް އިތުރުވެފައެވެ. އެގޮތުން އޮސްޓްރޭލިޔާއާއި، ޖަޕާނާއި ހޮންގުކޮންގާއި ބޮލީވިޔާއާއި ސޫދާނާއި އިތިއޯޕިޔާއާއި ބަލްގޭރިޔާއާއި ބެލްޖިއަމްއާއި އުޒުބަކިސްތާނުގައިވަނީ މީގެ ކުރިން އިތުރުނުވާ މިންވަރަށް ބަލި ޖެހޭ މީހުންގެ ޢަދަދު އިތުރުވެފައެވެ.