ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބް ޢަބްދުލްޣަފޫރުގެ ބޭސްފަރުވާގެ ކަންކަން ކުރިއަށްދާގޮތާމެދު އެމްނެސްޓީ އިންޓަނޭޝަނަލްއިން ކަންބޮޑުުވުން ފާޅުކޮށްފިއެވެ.
އެޖަމްޢިއްޔާއިން ހާމަކޮށްފައިވާގޮތުގައި އަދީބަށް ޞިއްޙީގޮތުން ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވާކަމުގެ މަޢުލޫމާތު އެޖަމްޢިއްޔާއަށް ވަނީ ލިބިފައެވެ. މިއީ ވަރަށްކަންބޮޑުވާ ކަމެއްކަން ފާހަގަކޮށް ބޭސްފަރުވާގެ ފުރުސަތު އަދީބަށް ލިބިދިނުމަށް އެމްނެސްޓީންވަނީ ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައެވެ.
އަދި އެކިއެކި ކުށްކުށުގެ ތުހުމަތުގައި ބަންދުކޮށްފައިތިބޭ މީހުންނަށް ބޭސްފަރުވާއާއި އެނޫންވެސް ލިބެންޖެހޭ ހައްޤުތައް ކަށަވަރުކޮށްދިނުމަކީ ބައިނަލްއަޤވާމީ މުއާހަދާތަކުގެ ދަށުން ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުގެ މައްޗަށް ލާޒިމްކަމެއް ކަމަށް އެމްނެސްޓީންވަނީ ފާހަގަކޮށްފައެވެ.
ދައުލަތުން އަދީބާދެކޮޅަށް ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލަތަކުގެ ޝަރީޢަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް މިދިޔަ މަހުގެ 23ވަނަ ދުވަހު ހައިކޯޓުން އަމުރުކުރުމާއެކު އަދީބު މިވަގުތު ހުންނެވީ މާފުށީ ޖަލުގައެވެ.
އަދީބާ ދެކޮޅަށް ކްރިމިނަލް ކޯޓަށް ހުށައަޅާފައިވާ 7 ދަޢުވާ އެކޯޓުން ބޭރުކޮއްލުމާ ގުޅިގެން އެމައްސަލަތައް އިސްތިއުނާފުކުރުމަށް ހައިކޯޓަށް ހުށައެޅުމުން އެމަސައްލައިގެ ޝަރީއަތްވަނީ ފަށާފައެެވެ.
މިޝަރީޢަތުގެ ފުރަތަމަ މަޖިލީހުގައި، އަދީބު ބަންދުގައިު ބަހައްޓައިދިނުމަށް ދައުލަތުން ހުށައެޅި ހުށައެޅުމާއި އަދީބުގެ ފަރާތުން ހުށައެޅި ކަންކަމާއި ރިޢާޔަތްކޮށް މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުން ނިންމާފައިވަނީ، މީގެ ކުރިންވެސް ޕާސްޕޯޓު ހިފަހައްޓާފައިވަނިކޮށް ސަލާމަތީ ބާރުތަކަށް ނޭނގި އަދީބު ފިލާފައިވާތީ އަދިވެސް ފިލާފާނެކަމުގެ އިހްތިމާލު އޮތުމުންނާއި، އަދީބުގެ ފަރާތުން ހުށައެޅި ކަންކަމުގައި އޭނާ ފިލައިގެން ނުދާނެކަން ނުވަތަ އެކަން ނުކުރާނެކަމުގެ އެކަށީގެންވާ ސަބަބެއް ނުދެއްކޭތީ އަދި އަދީބުގެ މައްޗަށް ބޮޑެތި ކުށްތަކެއްގެ ތުހުމަތު ކުރެވިފައިވާތީ ދައުލަތުން އެދިފައިވާ ގޮތަށް ޝަރީޢަތް ނިމެންދެން ނުވަތަ ކޯޓުން ވަކިގޮތެއް އަންގަންދެން ރިމާންޑްޖަލެއްގައި ބެހެއްޓުމަށް އަމުރުނެރޭކަމަށެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން އަދީބާއި ދެކޮޅަށް ދައުލަތުން އުފުލި 7 ދައުވާއެއް ބާތިލުކޮށް ކުރިމިނަލްކޯޓުން ބޭރުކޮށްލީ މިދިޔަމަހުގެ 14 ވަނަދުވަހުއެވެ.