ޚަބަރު

10 ނިންމާ ގިނަ ދަރިވަރުން ކުރިއަށްދާން ބޭނުންވަނީ ފަތުރުވެރިކަމުގެ ދާއިރާއިން


ޘާނަވީ މަރުހަލާ ނިންމާ ގިނަ ދަރިވަރުން ކިޔަވަން ޝައުގުވެރިކަން ފާޅުކޮށް ކުރިއަށް ދާން ބޭނުންވަނީ ފަތުރުވެރިކަމުގެ ދާއިރާއަށްކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ހެދި ދިރާސާއަކުން ދައްކައިފިއެވެ. މިގޮތުން 21 އިންސައްތަ ކުދިން މިދާއިރާއިން ކުރިއަށްދާން ބޭނުންވާކަމަށް މި ދިރާސާއިން ދައްކައެވެ.

ގްރޭޑް 10 ނިންމުމަށްފަހު ދަރިވަރުން މުސްތަގްބަލު ރާވާ ގޮތް ދެނެގަތުމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ކުރިއަށްގެންދިޔަ ދިރާސާގައި ރާއްޖޭގެ ހުރިހާ އަތޮޅެއް ތަމްސީލުވާނެހެން، ގްރޭޑް 10އެއްގައި ކިޔަވާ ދަރިވަރުން ހިމެނެއެވެ.

މި ދިރާސާއިން ދައްކާގޮތުން ގްރޭޑް 10 ނިންމާ ދަރިވަރުންގެ ތެރެއިން 56 އިންސައްތަ ދަރިވަރުން އެކި ދާއިރާތަކުން ކިޔަވަން ބޭނުންވެއެވެ. މިގޮތުން ފާހަގަކުރެވުނު ދާއިރާތަކުގެ ތެރެއިން ސިއްހީ ދާއިރާގެ އެކި މަސައްކަތްތަކުން ކުރިއަށް ދާން ބޭނުންވަނީ ދިރާސާގައި ބައިވެރިވި ކުދިންގެ ތެރެއިން %12 އެވެ. ދެން އެންމެ ގިނަ ދަރިވަރުން ކުރިއަށްދާން ބޭނުންވަނީ އިންޖިނިއަރިންގެ ދާއިރާއިންނެވެ. މިދާއިރާއިން %11 ދަރިވަރުން ކުރިއަށްދާން ބޭނުންވެއެވެ.

ބޭންކިން އާއި އެކައުންޓިން އާއި ބިޒްނަސް އާއި މާކެޓިން ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ކުދިންގެ ނިސްބަތަކީ %10އެވެ. ކުޅިވަރުގެ ރޮނގުން އިތުރަށް ކިޔެވުމަށް 7 އިންސައްތަ އަދި ތަޢުލީމީ ދާއިރާއިން ކުރިއަށް ދާން 5 އިންސައްތަ ދަރިވަރުން ޝައުގުވެރިވާކަމަށް މި ދިރާސާއިން ދައްކައެވެ.

ގްރޭޑް 10 ނިންމުމަށްފަހު ދަރިވަރުން މުސްތަޤްބަލް ރާވާ ގޮތް ބެލުމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށް ގެންދިޔަ
މި ދިރާސާއިން ދައްކާގޮތުގައި ސްކޫލް ނިންމާ ދަރިވަރުންގެ އެންމެބޮޑު އިންސައްތައެއްގެ ދަރިވަރުން ޚިޔާރުކުރާނީ މަތީ ސާނަވީ ނުވަތަ އޭލެވެލް ހެދުމަށެވެ. އެގޮތުން %31.5 ދަރިވަރުން އޭލެވެލްގައި ބައިވެރިވުމަށް ގަސްތުކުރެއެވެ ދެން އެންމެ ގިނަ ދަރިވަރުން ބޭނުންވަނީ މަތީ ތަޢުލީމާއި ތަމްރީން ޕްރޮގްރާމުގައި ބައިވެރިވުމަށެވެ. މިދިރާސާގައި ބައިވެރިވި ކުދިންގެ 23.6 އިންސައްތަ ދަރިވަރުން މަތީ ތައުލީމާއި ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމަށް ގަސްތުކުރެއެވެ. އަދި 9 އިންސައްތަ ދަރިވަރުން ފުލްޓައިމް ވަޒީފާއަކަށް ދާން ގަސްތުކުރާއިރު، 21.1 އިންސައްތަ ދަރިވަރުން ޕާޓްޓައިމް ވަޒީފާއަކަށްދާން ގަސްތުކުރެއެވެ. އަދި 14.8 އިންސައްތަ ދަރިވަރުން ގެޕް އިޔަރ އެއް ނުވަތަ ކިޔެވުން އަދި ވަޒީފާގައި ތަމްސީލުނުވެ ހުންނަން ގަސްތުކުރެއެވެ.

ގްރޭޑް 10 އެއް ނިންމުމަށްފަހު ދަރިވަރުން ކުރިއަށްދާ ނިންމާ މި ނިންމުމަށް އަސަރުކުރާ ސަބަބުތަކުގެ ތެރޭގައި ފާހަގަވެފައިވަނީ
ދަރިވަރުން ދިރިއުޅޭ މާހައުލުން ލިބެންހުރި ކިޔެވުމުގެ ފުރުސަތު އަދި ވަޒީފާއާއި، އަމިއްލަ ސަބަބުތަކާއި، މާލީ ދަތިތަކެވެ.

ކިޔެވުމަށް ގަސްތުކުރާ ދާއިރާ ނިންމުމުގައި މާލީ އެހީތެރިކަން ލިބޭ ދާއިރާތައް، މަތީ ތައުލީމުގެ ފުރުސަތު ހުރި ދާއިރާތައް، ވަޒީފާގެ ފުރުސަތު ހުރި ދާއިރާތަކުގެ އިތުރުން، އެކުއްޖަކު ޝައުގުވެރިވާ ދާއިރާ އާއި އާއިލާއާއި ރަހްމަތްތެރިންގެ ޕްރެޝަރވެސް ހިމެނޭކަން ދަރިވަރުންވަނީ ފާހަގަކޮށްފައެ އެގޮތުން އާއިލާ އާއި ރައްޓެހިންގެ ޕްރެޝަރުގައި %4 ވަކިދާއިރާއެއް ޚިޔާރުކުރާ ކަމަށް މި ދިރާސާއިން ދައްކައެވެ. ލިބެންހުރި ވަޒީފާގެ ފުރުސަތުގެ މައްޗަށް ބިނާކޮށް %14 އިންސައްތަ ދަރިވަރުން ވަކި ދާއިރާތަކެއް ޚިޔާރުކުރާކަންވެސް މި ދިރާސާއިން ފާހަގަވެއެވެ.

މިދިރާސާއަށް ބަލާއިރު މަސްވެރިކަމާއި ދަނޑުވެރިކަން، ހިއުމަން ރިސޯސް އަދި ޕަބްލިކް އެޑްމިނިސްޓްރޭޝަން އަދި ސޯޝަލް ވޯރކް ހިމެނިފައިވަނީ އެންމެ މަދުން ދަރިވަރުން ކުރިއަށްދާން ގަސްތުކުރާ ދާއިރާގެ ގޮތުގައެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ހެދި މި ދިރާސާއިން ދައްކާގޮތުގައި، 77 އިންސައްތަ ދަރިވަރުން މަތީ ތަޢުލީމާއި ތަމްރީނުގެ ފުރުސަތުތަކަށް ކޮންމެވެސް މިންވަރަކަށް އަހުލުވެރިއެވެ. 18 އިންސައްތަ ދަރިވަރުން އެއްގޮތަކަށްވެސް އަހުލުވެރިއެއްނޫނެވެ. މަތީ ތަޢުލީމާއި ތަމްރީނުގެ ފުރުސަތުތަކަށް ވަރަށް ރަނގަޅަށް އަހުލުވެރިކަމަށް ދައްކަނީ 5 އިންސައްތަ ދަރިވަރުންނެވެ.

ހަމަމިއާއެކު، ދަރިވަރުންނަށް މަތީ ތައުލީމާއި ތަމްރީނުގެ މައުލޫމާތު މައިގަނޑު ގޮތެއްގައި ލިބޭ ޒަރީއާތައް ދެނެގަތުމުގައިވެސް މި ދިރާސާގެ ހޯދުންތައް އެހީތެރިވެދެއެވެ. އެގޮތުން 50 އިންސައްތަ ދަރިވަރުން މަތީ ތަޢުލީމާއި ތަމްރީނުގެ މައުލޫމާތު ހޯދަނީ ސޯޝަލް މީޑިއާ މެދުވެރިކޮށެވެ. ސްކޫލާއި، ގާތްތިމާގެ މީހުންނާއި ރަހްމަތްތެރިން އަދި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުންނާއި، ޓީވީ އާއި ޔުނިވަރސިޓީ/ކޮލެޖްތަކުންވެސް ދަރިވަރުން މަތީ ތަޢުލީމާއި ތަމްރީނުގެ މައުލޫމާތު ހޯދައެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ވިދާޅުވާ ގޮތުގައި މި ދިރާސާގެ މަގްސަދަކީ މަތީ ތައުލީމާއި ތަމްރީނު ފުރުސަތުތަކުގެ މައުލޫމާތު ފޯރުކޮށްދިނުމުގައި ހުރި ގޮންޖެހުންތައް ދެނެގަނެ، ސީދާ ދަރިވަރުންނަށް މައުލޫމާތު ފޯރާނެހެން ފޯރުކޮށްދިނުމެވެ. އަދި ދަރިވަރުންގެ މުސްތަގްބަލު ރޭވުމުގައި ނިންމާ ނިންމުންތަކަކީ ރަނގަޅު، ތެދު، އެންމެ ފަހުގެ މައުލޫމާތުގެ އަލީގައި ނިންމޭ ނިންމުންތަކަށްވުމަށް މިނިސްޓްރީން އެހީތެރިވެދިނުމެވެ. އެގޮތުން ކުރިއަށްހުރި ޕްރޮގްރާމްތައް ރޭވުމުގައި، މި ދިރާސާއިން ހޯދި ހޯދުންތަކުގެ މައްޗަށް ރިއާޔަތްކުރާނެކަން މިނިސްޓްރީންވަނީ ފާހަގަކޮށްފައެވެ.