ޚަބަރު

މާލޭ ސަރަހައްދު ސްކޫލްތައް އަނެއްކާވެސް ބަންދުކޮށްފި


ކޯވިޑްގެ ނުރައްކާ މާލެގައި ބޮޑުވެ ބަލި ފެތުރުން އިތުރުވަމުން އަންނާތީ މާލޭގެ ސްކޫލްތައް އަނެއްކާވެސް ބަންދުކޮށްފިއެވެ.

ކޯވިޑްގެ ނުރައްކާ މާލޭގައި ބޮޑުވެ ބަލި ފެތުރުން އިތުރުވަމުން އަންނާތީ އިތުރު 2 ހަފްތާއަށް މާލޭގެ ސްކޫލްތައް ބަންދުކުރަން ނިންމާފައިވަނީ މިބަލިން ދަރިވަރުން ރައްކާތެރިކުރުމުގެ ގޮތުންނެވެ. ކުރިން ހަމަޖެހިފައިވާގޮތުން ޢީދު ބަންދާއި، މިޑް ޓާމު ބަންދަށްފަހު ސްކޫލްތައް އަލުން ހުޅުވަން އޮތީ މިމަހުގެ 9 ވަނަ ދުވަހުއެވެ. އެހެން ނަމަވެސް، ކޯވިޑް-19ގެ ހާލަތަށް ރިޢާއަތްކޮށް، ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ލަފާގެމަތިން، މިމަހުގެ 19 ވަނަ ދުވަހާ ހަމައަށް މާލޭ ސިޓީގެ ސްކޫލްތަކަށް ދަރިވަރުން ހާޒިރުވާން ނުޖެހޭގޮތަށް ކިޔެވުން ކުރިއަށް ގެންދިއުމުގެ އިންތިޒާމް ހަމަޖެއްސުމަށް މިނިސްޓްރީންވަނީ ނިންމަވާފައެވެ.

ދަރިވަރުން ސްކޫލަށް ހާޒިރުވާން ނުޖެހުނު ނަމަވެސް، އޮންލައިންކޮށް ފިލާވަޅުތައް ކުރިއަށްދާނެކަމަށާއި ދެ ހަފްތާއަށްފަހު ބަލިމަޑުކަން ފެތުރޭގޮތަށް ބަލައި، އެނިންމުން މުރާޖަޢާ ކުރައްވާނެކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ކިޔެވުން މެދުކަނޑާލުމަށްފަހު މިދިޔަ މަހުގެ އެއްވަނަ ދުވަހު ވަނީ ސްކޫލްތައް ހުޅުވާ އަލުން ކިޔަވައިދޭން ފަށާފައެވެ. އެހެންނަމަވެސް މާލެ ސްކޫލްތައް ފިޔަވައި ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި ކިޔަވިދެމުންދިޔައީ ގްރޭޑް 1 ން 12 އަށެވެ. އަދި މާލޭސިޓީގެ ސްކޫލްތަކުގައި ކިޔަވައިދީފައި ވަނީ ގްރޭޑް 9 އިން 12 އަށެވެ. މީގެ އިތުރުން ގްރޭޑް 7 އަދި 8 ގެ ކިޔެވުން މާލޭ ސިޓީގެ ސްކޫލްތަކުގައި މިމަހުގެ 16 ގައި ފެށުމަށް އޮތީ ނިންމާފައެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އެޅި ފިޔަވަޅުތަކުގައި މީގެ ކުރިންވެސް ސްކޫލްތައް ބަންދުކޮށް އޮންލައިންކޮންނާއި ޓެލިކިލާސް މެދުވެރިކޮށް ދިޔައީ ކިޔަވައިދެމުންނެވެ. އަދި ސްކޫލްތައް އަލުން ހުޅުވިއިރުވެސް ވަކި ގަޑިތަކެއް ކަނޑައަޅައިގެން މިފަދަ ގޮތަކަށް އައީ ކިޔަވައިދެމުންނެވެ. ސްކޫލްތައް އަލުން ހުޅުވިއިރުވެސް ހުޅުވާފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުގައެވެ. އެގޮތުން ކުރިއާ ޚިލާފަށް ކްލާސްރޫމްގައި ކިޔަވާ ދަރިވަރުންގެ އަދަދު މަދުކުރުމާއި ކްލާސްރޫމްގައިވެސް ވީހާވެސް ބޮޑަށް ގައިދުރުކޮށް ކިޔަވައިދެވޭނެ އިންތިޒާމް ވަނީ ހަމަޖއްސާފައެވެ. މީގެ އިތުރުން ސްކޫލްތައް ޑިސްއިންފެކްޓް ކުރުމާއި ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައްވެސް ވަނީ އަޅާފައެވެ.

ކުރިއަށް އޮތް ދެ ހަފްތާއަށް ސްކޫލްތައް ބަންދުވިނަމަވެސް ގޭގައި ދަރިވަރުން ތިބޭއިރު، ޢާންމު ސާފުތާހިރުކަމަށް ސަމާލުކަން ދިނުމަށާއި، ހެލްތު ޕްރޮޓެކްޝަން އެޖެންސީއާއި ކަމާގުޅޭ އެހެނިހެން މުއައްސަސާތަކުންދޭ ލަފައާއި އިރުޝާދުތަކާ އެއްގޮތަށް ޢަމަލު ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން އިލްތިމާސްކުރައްވައެވެ.

ކޯވިޑް-19ގެ ހާލަތު އިތުރަށް ގޯސްވުމުން އީދު ބަންދަށްފަހު ސަރުކާރު ހުޅުވުން ވަނީ ލަސްކޮށްފައެވެ. އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މިހާރު މުޅި ރާއްޖެއިން 4293 މީހަކަށް ވަނީ ބަލި ޖެހިފައެވެ. އަދި މީގެ ތެރޭގައި 2000 އަށް ވުރެ ގިނަ މީހުންނަކީ ދިވެހިންނެވެ.