ޚަބަރު

ކޯވިޑް-19 : 2 އަތޮޅަކުން 5 ރަށެއް މޮނިޓަރިންއަށް


ކޯވިޑް-19އާ ގުޅިގެން ހއ.ގެ ދެރަށަކާއި ހދ.ގެ 3 ރަށެއް މޮނިޓަރިންގެ ޙާލަތަށް ގެންގޮސްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވިގޮތުގައި މޮނިޓަރިންގެ ޙާލަތަށް ގެންގޮސްފައިވަނީ ހއ.އިހަވަންދުއާއި މާރަންދޫއެވެ. އަދި ހދ.އަތޮޅުން ފިނޭއާއި ނޮޅިވަރަމާއި މަކުނުދޫވެސް ވަނީ މޮނިޓަރިންގެ ޙާލަތަށް ގެންގޮސްފައެވެ.

މޮނިޓަރިންގެ ޙާލަތުގައި އޮންނައިރު މި ރަށްތަކަށް އަރައި ފޭބޭނީ ކަމާބެހޭ އިދާރާއެއްގެ ހުއްދައެއް ލިބިގެންނެވެ. ކޯވިޑް-19 މިހާރު މާލެ ސަރަޙައްދުގެ އިތުރުން ބައެއް ރަށްތަކުގައި ފެތުރެމުންދާތީ ކޮންޓެކްޓްރޭސިންގެ މަސައްކަތް ނިމެންދެން އެ ރަށްތަށް މޮނިޓަރިންގެ ހާލަތަށް ގެނެއެވެ.

މި ރަށްތައް މޮނީޓަރިންގެ ހާލަތަށް ގެންގޮސްފައިވާއިރު ހއ.އާއި ހދ.އަތޮޅުގެ ބައެއް ރަށްތަކަށް ދަތުރުކޮށްފައިވާ އިހަވަންދޫގެ ތަޚުތު ބޯޓުގެ ފަޅުވެރިއަކު ވަނީ ކޯވިޑް-19އަށް ޕޮޒިޓިވް ވެފައެވެ. އޭނާ ޕޮޒިޓިވްވުމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު އެޗްޕީއޭ އިން އަންނަނީ ކުރަމުންނެވެ.