ޚަބަރު

ސިންގަޕޫރަށް އެތެރެވާ ބައެއް މީހުންގެ ގައިގައި ޓެގު އަޅުވަނީ


ސިންގަޕޫރަށް އެތެރެވާ ބައެއް މީހުން އެކަހެރިވުމުގެ އުޞޫލުތަކަށް ތަބާވާކަން ޔަޤީންކުރުމަށް ޓެގު އަޅުވަން ނިންމައިފިއެވެ.

އޮގަސްޓު މަހުގެ 11ވަނަ ދުވަހުން ފެށިގެން ބައެއް ޤައުމުތަކުން އެތެރެވާ މީހުންގެ ގައިގައި ޓެގު އަޅުވާނެއެވެ. އެގޮތުން ޓެގު އަޅުވާނީ ދަޢުލަތުން ހިންގާ މަރުކަޒުތަކުގެ ބަދަލުގައި އަމިއްލައަށް ގޭގައި އެކަހެރިވުމުގެ ފުރުޞަތު ލިބޭ މީހުންގެ ގައިގައެވެ. އޭގެ ތެރޭގައި އެ ޤައުމުގެ ރައްޔިތުންނާއި ރަށްވެހިންވެސް ހިމެނެއެވެ.

ސިންގަޕޫރަށް ދަތުރުކުރާ މީހުންގެ ތެރެއިން ޓެގު އަޅުވާ މީހުން ގެއަށް ދެވުމުން އެ އާލަތް ހުޅުވަންޖެހެއެވެ. އެއީ ޖީޕީއެސްއާ ބުލޫޓޫތު ބެނުންކުރާ ޓެގުތަކެކެވެ. އެކެހެރިވެގެން ހުންނަ ދުވަސްތަކުގައި ގެއިން ނުކުންނަން މަސައްކަތްކޮށްފިނަމަ ނުވަތަ ޓެގަށް މަކަރުހަދަން މަސައްކަތްކޮށްފިނަމަ ކަމާބެހޭ އިދާރާތަކަށް ވަގުތުން އެނގޭނެއެވެ. ސިންގަޕޫރުން ބުނީ އެއްވެސް މީހެއްގެ ޒާތީ މަޢުލޫމާތެއް ޓެގުތަކުގައި ރައްކާނުކުރާނެކަމަށާއި ޓެގުތަކުން އަޑާއި ވީޑިއޯ ރެކޯޑު ނުކުރާނެކަމަށެވެ. 12 އަހަރުން ދަށުގެ ކުދިންގެ ހަށިގަނޑުގައި ޓެގުތައް ހަރުނުކުރާނެކަމަށްވެސް އެ ޤައުމުން ބުނެއެވެ.

އެކެހެރިވުމުގެ އުޞޫލުތަކާއި އިޖުތިމާޢީ ގައިދުރުކަމުގެ އުޞޫލުތަކަށް ޚިލާފުވެއްޖެނަމަ ސިންގަޕޫރުގައި ވަރަށް ބޮޑެތި އަދަބުތައް ދެއެވެ. އޭގެތެރޭގައި 7،272 އެމެރިކާ ޑޮލަރުން ޖޫރިމަނާކުރުން ނުވަތަ ހަ މަސް ދުވަހަށް ޖަލަށްލުން ހިމެނެއެވެ. މީގެ ކުރިން ޤަވާއިދާ ޚިލާފުވި ބިދޭސީންގެ ވިސާވެސްވަނީ ބާޠިލުކޮށްފައެވެ.

ސިންގަޕޫރުގައި 52،825 މީހުންނަށް ކޯވިޑް-19 ޖެހި، 27 މީހުންވަނީ މަރުވެފައެވެ. ފާއިތުވި ދުވަސްތަކުގައި އެ ޤައުމަށް ދަތުރުކުރާ މީހުންގެ ފަރާތުން ބަލި ފެންނަ ނިސްބަތްވަނީ އިތުރުވާން ފަށައިފައެވެ.