ޚަބަރު

ޢަރަބިންނަށް ނިއުކްލިއަރ ބާރުވެރިކަން، ޔޫއޭއީގެ ނިއުކްލިއަރ މަރުކަޒު އިފްތިތާޙުކޮށްފި


ޢަރަބި ޤައުމަކުން ފުރަތަމަ ފަހަރަށް ނިއުކްލިއަރ ހަކަތަ ބޭނުންކުރަން ފަށައިފިއެވެ.

ގަލްފުގެ މުއްސަނދި ޤައުމެއްކަމަށްވާ ޔޫއޭއީންވަނީ ނިއުކްލިއަރ މަރުކަޒެއް ބިނާކޮށް، ކާމިޔާބުކަމާއެކު ނިއުކްލިއަރ ހަކަތަ ބޭނުންކުރަން ފަށައިފައެވެ. 22.4 ބިލިއަން އެމެރިކާ ޑޮލަރު ޚަރަދުކޮށްގެން ތަރައްޤީކުރި ބަރަކާ ނިއުކްލިއަރ މަރުކަޒު ބިނާކޮށްފައިވަނީ އަބޫ ދާބީގެ ހުޅަނގުގައި އޮންނަ ގަލްފުގެ އައްސޭރީގައެވެ. އެ މަރުކަޒު ތަރައްޤީކޮށްފައިވަނީ ކޮރެޔާ އިލެކްޓުރިކު ކޯޕޮރޭޝަނާ ގުޅިގެންނެވެ. އެ މަރުކަޒުގައި ޤާއިމުކޮށްފައިވާ ހަތަރު ނިއުކްލިއަރ ރިއެކްޓަރުގެ ތެރެއިން ފުރަތަމަ ރިއެކްޓަރު އިފްތިތާޙުކޮށް، ބޭނުންކުރަންވަނީ ފަށައިފައެވެ.

ޔޫއޭއީގެ ނައިބު ރައީސް އަދި ބޮޑުވަޒީރު މުޙައްމަދު ބިން ރާޝިދު އަލްމަކުތޫމު ވިދާޅުވީ ނިއުކްލިއަރ ހަކަތަ އުފައްދާ ހަތަރު މަރުކަޒު ޤާއިމްކޮށް ޤައުމަށް ބޭނުންވާ ހަކަތައިގެ ހަތަރު ބައިކުޅަ އެއްބައި މެދުކެނޑުމެއްނެތި ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށް އެ ޤައުމުން ބޭނުންވާކަމަށެވެ.

ނިއުކުލިއަރ މަރުކަޒުގައި ޤާއިމުކޮށްފައިވާ ހަތަރު ނިއުކްލިއަރ ރިއެކްޓަރު ބޭނުންކުރަން ފެށުމުން ދުވާލަކު 5،600 މެގަވޮޓުގެ ހަކަތަ އުފައްދައިދޭނެއެވެ. ޖައްވަށް ވިހަ ގޭސްތައް ބޭރުނުކޮށް އެ ޤައުމަށް ބޭނުންވާ ކަރަންޓުގެ 25 އިންސައްތަ އެ ހަކަތައިން ފޯރުކޮށްދެވޭނެކަމަށް އެމިރޭޓްސް ނިއުކުލިއަރ އެނާޖީ ކޯޕޮރޭޝަނުން ބުނެއެވެ. ވިޔަފާރި އުޞޫލުން އެ މަރުކަޒުން ޚިދުމަތް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ފަހުކޮޅުއެވެ. ޔޫއޭއީން ނިންމާފައިވަނީ އެ މަރުކަޒު އެ ޤައުމުގެ ކަރަންޓު ވިއުގައާ ގުޅުވައި ގޭބިސީތަކަށާއި ވިޔަފާރިތަކަށް ކަރަންޓު ފޯރުކޮށްދިނުމަށެވެ.

ހަކަތަ އުފެއްދުމަށް ވަރަށް ބޮޑަށް ޝައުޤުވެރިވާ ޔޫއޭއީގައި 10 މިލިއަނަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮވެއެވެ. އެ ޤައުމުގައި ޤާއިމުކޮށްފައިވާ ބޮޑެތި ޓަވަރުތަކުގައި ވައި ފިނިކޮށްދޭ ބާރުގަދަ ނިޒާމުތައް ބޭނުންކުރެއެވެ. އެ ޤައުމުން ނިއުކްލިއަރ މަރުކަޒެއް ޤާއިމުކުރީ ހަކަތައާ ގުޅުންހުރި އިޤްތިޞާދު ހަރުދަނާކުރުމަށާއި ތިމާވެއްޓާ ރައްޓެހި ހަކަތަ އުފެއްދުމަށެވެ. އަދި ސައިންސާއި ޓެކުނޮލޮޖީގެ ދާއިރާއިން ސަރަޙައްދީގޮތުން އެންމެ ފުންނާބު އުސް ޤައުމަށްވުމަށްވެސް ޔޫއޭއީން ބޭނުންވެއެވެ.

ޔޫއޭއީގައި ގިނަ ޢަދަދެއްގެ ތެލާއި ގޭސް ރައްކާކޮށްފައި އެބަހުއްޓެވެ. ނަމަވެސް ހަކަތަ އުފެއްދުމަށް އެތައް ބިލިއަން ޑޮލަރެއް ޚަރަދުކޮށް 2050ވަނަ އަހަރު އައުމުގެ ކުރިން އެ ޤައުމަށް ބޭނުންވާ ހަކަތައިގެ 50 އިންސައްތައަށްވުރެ ބޮޑު ބައެއް ނިއުކުލިއަރ ހަކަތަ ބޭނުންކޮށްގެން ފޯރުކޮށްދެވޭނެއެވެ.

ޔޫއޭއީން ބުނީ އެ ޤައުމުން ނިއުކްލިއަރ މަރުކަޒު ޤާއިމުކުރަނީ ޞުލްޙަވެރި މަޤުޞަދެއްގައިކަމަށެވެ. އަދި ނިއުކުލިއަރ ހަތިޔާރު އުފެއްދުމުގެ އެއްވެސް ވިސްނުމެއް ނެތްކަމަށްވެސް އެ ޤައުމުން ބުނެއެވެ.