ޚަބަރު

ވިކްޓޯރިޔާގައި ކާރިޘާގެ ޙާލަތު އިޢުލާނުކޮށް، މެލްބަނުގައި ކާފިއު ތަންފީޒުކޮށްފި


ދެވަނަ ފަހަރަށް ކޯވިޑް-19 ފެތުރެން ފެށުމުން އޮސްޓްރޭލިޔާގެ ވިކްޓޯރިޔާ ސްޓޭޓުގައި ކާރިޘާގެ ޙާލަތު އިޢުލާނުކޮށް، އެ ސްޓޭޓުގެ ވެރިކަން ކުރާ ސިޓީކަމަށްވާ މެލްބަނުގައި ކާފިއު ތަންފީޒުކޮށްފިއެވެ. އެއީ އެ ޤައުމުގައި ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް މިހާތަނަށް އަޅާފައިވާ އެންމެ ހަރުކަށި އެއް ފިޔަވަޅެވެ.

މީގެ ހަ ހަފުތާކުރިން އޮސްޓްރޭލިޔާގެ ދެވަނައަށް އެންމެ ބޮޑު ސިޓީކަމަށްވާ މެލްބަނުގައި ބަލި ފެތުރޭ މިންވަރު އިތުރުވުމުން ގެއިން ނުކުމެ އުޅުންވަނީ މަނާކޮށްފައެވެ. ނަމަވެސް ބަލި ފެތުރޭ މިންވަރަށް މާބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ. ކޯވިޑް-19 ޖެހުނު މީހުންގެ ޢަދަދު ފާއިތުވި ހަފުތާގެ ތެރޭގައި ރެކޯޑު ޢަދަދަކަށް އެ ސިޓީގައިވަނީ އިތުރުވެފައެވެ.

އޮގަސްޓު މަހުގެ 2ވަނަ ދުވަހު ވިކްޓޯރިޔާގައި 671 މީހުންނަށް ކޯވިޑް-19 ޖެހި، 7 މީހުންވަނީ މަރުވެފައެވެ. ބަލި ޖެހިފައިވާ ގިނަ މީހުންނަކީ ކުރިން ބަލި ޖެހިފައިވާ އެއްވެސް މީހަކާ ގުޅުމެއް ނެތް މީހުންނެވެ.

އެއާއެކު ވިކްޓޯރިޔާގެ ސަރަޙައްދީ ސަރުކާރުންވަނީ އޮގަސްޓު މަހުގެ 2ވަނަ ދުވަހުން ފެށިގެން ރޭގަނޑު 8ން ފަތިހު 5އަށް މެލްބަނުގައި ކާފިއު ހިންގުމަށްވަނީ ނިންމާފައެވެ. އެ ވަގުތުތަކުގައި ފަސް މިލިއަން މީހުންގެ އާބާދީއެއް އޮންނަ މެލްބަނުގެ ރައްޔިތުންނަށް ޒަރޫރީ ބޭނުމެއް ނެތި ގެއިން ނުކުތުން މަނާވާނެއެވެ. އަދި ކޮންމެހެން ގަންނަންޖެހޭ ސާމާނު ގަތުމަށާއި ބޭރުގައި ކަސްރަތުކުރުމަށް ލިބޭ ވަގުތުވަނީ ކާފިއުގެ ސަބަބުން ކުޑަވެފައެވެ. އޭގެ އިތުރުން އޮގަސްޓު މަހުގެ 5ވަނަ ދުވަހުން ފެށިގެން މަދަރުސާތަކުގެ ކިޔެވުން ކުރިއަށްދާނީ އިންޓެނެޓު މެދުވެރިކޮށެވެ.

ވިކްޓޯރިޔާގައި އަލަށް އެޅި ފިޔަވަޅުތައް ކުރިއަށް އޮތް ހަ ހަފުތާއަށް ދެމިއޮންނާނެއެވެ.