ޚަބަރު

ޙަރަމްފުޅު ސާފުކުރަން ދުވާލަކު 2،400 ލީޓަރުގެ ސެނިޓައިޒަރ


މިއަހަރުގެ ޙައްޖު މޫސުމުގައި މައްކާގެ މަސްދިޖުލް ޙަރާމުން ޖަރާސީމު ފިލުވުމަށް ދުވާލެއްގެ މައްޗަށް 2،400 ލީޓަރުގެ ސެނިޓައިޒަރު ބޭނުންކުރަމުންދާކަމަށް އެ ޤައުމުން ބުނެފިއެވެ.

އޭގެ ތެރެއިން 1،500 ލީޓަރު ބޭނުންކުރަނީ އަތްޖެހޭ ފަށަލަތަކުން ޖަރާސީމު ފިލުވުމަށެވެ. އަދި 900 ލީޓަރު ބޭނުންކުރަނީ އަގުބޮޑު ޢަތަރާ އެއްކޮށްގެން މިސްކިތުގައި ބޭނުންކުރާ ކާޕެޓުތަކާއި މުޞައްލަތަކުން ޖަރާސީމު ފިލުވުމަށެވެ. އެ މަސައްކަތުގެ މަޤްޞަދަކީ މަސްޖިދުލް ޙަރާމަށް ޒިޔާރަތްކުރާ މީހުންނާއި އެ މިސްކިތުގައި މަސައްކަތްކުރާ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ޔަޤީންކުރުމެވެ.

އެގޮތުން ކޮންމެ ދުވަހަކުވެސް މިސްކިތާއި މިސްކިތުގެ ހަރިންމަ ސާފުކޮށް ޖަރާސީމު ފިލުވައެވެ. އޭގެ ތެރޭގައި މާތްވެގެންވާ ކައުބަތުﷲ ގެފުޅު ވަށައިގެން ޠަވާފުކުރާ ސަރަޙައްދާއި ޞަފާއާއި މަރުވާއާ ދެމެދު ސަޢުޔުކުރާ ސަރަޙައްދުވެސް ހިމެނެއެވެ.

ދުވާލަކު 10 ފަހަރަށް މިސްކިތް އެއްކޮށް ފުރިހަމައަށް ސާފުކުރުމުގެ މަސައްކަތްވަނީ 3،500 މުވައްޒަފުންނާއި ޙަވާލުކޮށްފައެވެ. އެ މަސައްކަތުގައި ބޭނުންކުރަނީ އެންމެ ފެންވަރު ރަނގަޅު އަދި މިސްކިތުގައި ބޭނުންކުރުމަށް ޚާއްޞަކޮށް ތައްޔާރުކޮށްފައިވާ ތިމާވެއްޓާ ރައްޓެހި ޒަމާނީ އުފެއްދުންތަކެވެ.

މިއަހަރުގެ ހައްޖުގެ އަޅުކަން ކުރިއަށްދިޔަ ގޮތް ބެލުމަށް މިސްކިތާއި މުޤައްދަސް ބިނާތަކުގައި 6،250 ކެމެރާ ހަރުކޮށްފައިވެއެވެ. އަދި. މައްކާގެ އަލްއަވާލީގައި ޤާއިމްކޮށްފައިވާ މަރުކަޒަކުން ދިޔައީ ޙައްޖުގެ އަޅުކަން ކުރިއަށްދިޔަ ހުރިހާ ސަރަޙައްދުތަކުން ފޮޓޯއާއި ވީޑިއޯ ވަގުތުން ވަގުތަށް އެއްކުރަމުންނެވެ.