ޚަބަރު

ކޯވިޑް-19އާ ދެކޮޅަށް އުފައްދާ ވެކްސިންގެ 100 މިލިއަން ޑޯޒު އެމެރިކާއަށް


ކޯވިޑް-19އާ ދެކޮޅަށް އުފެއްދުމަށް މަސައްކަތްކުރަމުންދާ ވެކްސިނެއްގެ 100 މިލިއަން ޑޯޒު އެމެރިކާއަށް ލިބޭނެގޮތް ހަމަޖައްސާފައިވާކަމަށް އެ ޤައުމުން ބުނެފިއެވެ.

ދުނިޔޭގައި 18 މިލިއަނަށްވުރެ ގިނަ މީހުންނަށްވަނީ ކޯވިޑް-19 ޖެހިފައެވެ. އެންމެ ހަލުވިކަމާއެކު ބަލި ފެތުރެމުންދަނީ އެމެރިކާގައެވެ. އެ ޤައުމުގައި މިހާތަނަށް 4.7 މިލިއަން މީހުންނަށް ބަލި ޖެހި، 157،900 މީހުންވަނީ މަރުވެފައެވެ. ކުރިއަށްއޮތް ހަފުތާތަކުގައި އެ ޤައުމުގައި މަރުވާ މީހުންގެ ޢަދަދު ވަރަށް ބޮޑަށް އިތުރުވާނެކަމަށް ޞިއްޙީ މާހިރުންވަނީ ލަފާކޮށްފައެވެ. އޮގަސްޓު މަހުގެ 22ވަނަ ދުވަހާހަމައަށް 182،000 މީހުން މަރުވާނެކަމަށް އެމެރިކާގެ ސެންޓަރ ފޮރ ޑިޒީސް ކޮންޓުރޯލުން ލަފާކުރެއެވެ.

ބޭސް އުފައްދާ ދެ ކުންފުންޏެއްކަމަށްވާ ފަރަންސޭސިވިލާތުގެ ސަނޮފީއާއި އިނގިރޭސިވިލާތުގެ ޖީއެސްކޭއާ އެމެރިކާގެ ސަރުކާރާ ދެމެދުވެފައިވާ އެއްބަސްވުމުގެ ދަށުން 50 މިލިއަން މީހުންނަށް ފުދޭ މިންވަރަށް ވެކްސިން ހޯދުމަށް އެމެރިކާއިން 2.1 ބިލިއަން ޑޮލަރު ޚަރަދުކުރާނެއެވެ. އަދި ފަހުން ބޭނުންވެއްޖެނަމަ އިތުރު 500 މިލިއަން ޑޯޒު ގަތުމުގެ ފުރުޞަތުވެސް އެ އެއްބަސްވުމުގެ ދަށުން އެމެރިކާއަށް ލިބޭނެއެވެ. އެ މުޢާމަލާތަކީ 2020ވަނަ އަހަރު ނިމުމުގެ ކުރިން ކޯވިޑް-19އާ ދެކޮޅަށް މަސައްކަތްކުރާ ވެކްސިނެއް ބާޒާރަށް ނެރުމަށް އެމެރިކާގެ ސަރުކާރުން ފަށާފައިވާ ޚާއްޞަ މަސައްކަތުގެ ދަށުން ކުރާ މުޢާމަލާތެކެވެ.

އެމެރިކާގެ ޞިއްޙަތާބެހޭ ވަޒީރު އެލެކްސް އަޒާރު ވިދާޅުވީ ސަނޯފީއާއި ޖީއެސްކޭއާ ގުޅިގެން އުފެއްދުމަށް މަސައްކަތްކުރަމުންދާ ވެކްސިން ތައްޔާރުކުރުމަށް ބޮޑު ޢަދަދެއް ޚަރަދުކުރަން ނިންމީ އެމެރިކާގެ ރައްޔިތުންނަށް ވެކްސިން ލިބޭނެ މަގުފަހިކުރުމަށެވެ.

ވެކްސިނެއް ތައްޔާރުވުމުން ދުނިޔޭގެ ހުރިހާ ސަރަޙައްދަކަށް ވެކްސިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ މުހިންމުކަމެއްކަމަށް އދންވަނީ ބުނެފައެވެ. އެ ބައްޔާ ދެކޮޅަށް އުފައްދާ ވެކްސިނަކީ ވަކި ބަޔަކަށް ތައްޔާރުކުރާ ވެކްސިނެއް ނޫންކަމަށާއި އެހެން ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މުއްސަނދި ޤައުމުތަކަށް އެ ޖަމުޢިއްޔާއިންވަނީ ގޮވާލައިފައެވެ.