ޚަބަރު

ފުރަތަމަ ގަލްފު ހަނގުރާމައަށް 30 އަހަރު، ނަތީޖާ ހިތި


މީގެ 30 އަހަރު ކުރިން 1990ވަނަ އަހަރުގެ އޯގަސްޓުމަހުގެ 2ވަނަ ދުވަހު، ޢިރާޤުގެ އޭރުގެ ރައީސް ސައްދާމު ޙުސައިންގެ ޢަމުރަށް ޢިރާޤުގެ އަސްކަރިއްޔާއިންވަނީ އެ ޤައުމުގެ އަވަށްޓެރި ކުވައިތަށް ވަރުގަދަ ޙަމަލާއެއް ދިނުމަށްފަހު އެ ޤައުމު އަޅުވެތިކޮށްފައެވެ. މަދު ގަޑިއިރުކޮޅެއްގެ ތެރޭގައި ކުވައިތުގެ ވެރިކަންކުރާ ސިޓީވަނީ ޢިރާޤުގެ އަސްކަރިއްޔާގެ ބާރުގެ ދަށަށް ގެނެސްފައެވެ. އަދި ރައްކާތެރިކަން ހޯއްދެވުމަށް ކުވައިތުގެ ޒަޢީމް ޝައިޚް ޖާބިރު އަލްއަޙުމަދު އަލްޞަބާޙު ސަޢުދީ ޢަރައްބިއްޔާއަށް ވަޑައިގެންނެވިއެވެ.

އެ ޙާދިޘާވެފައިވަނީ މެދުއިރުމަތީގެ މަޝްރަޙު ބަދަލުކޮށްލައި އެމެރިކާއާއި ހުޅަނގުގެ ފައުޖުތައް ދާޢީމީގޮތެއްގައި އެ ސަރަޙައްދުގައި ފައިހަރުކޮށްލަން ލިބުނު ރަނުގެ ފުރުޞަތަކަށެވެ. އަދި އެ ޙާދިޘާގެ ސަބަބުން އިސްލާމީ އުންމަތުގެ މުހިންމު ޤައުމެއް ސުންނާފަތިވެ، އަޅުވެތިވިއެވެ.

ޢިރާޤާއި ކުވައިތަކީ ޒަމާނުއްސުރެ ސަރަޙައްދީ ރޮނގުގެ މައްސަލައާމެދު ދެބަސްވެފައިވާ ދެ ޤައުމެވެ. ނަމަވެސް 1980ވަނަ އަހަރުގެ ތެރޭގައި ޢިރާޤާއި އީރާނާ ދެމެދު ކުރި ހަނގުރާމައިގައި ކުވައިތުންވަނީ ޢިރާޤަށް ވާގިވެރިވެފައެވެ. 8 އަހަރު ދުވަހަށް ދެމިގެންދިޔަ ހަނގުރާމައަށް އަސްކަރީ ހަތިޔާރު ހޯދުމަށް ކުވައިތުންވަނީ ޢިރާޤަށް ލޯނުގެ އެހީ ދީފައެވެ. 1988ވަނަ އަހަރު ހަނގުރާމަ ނިމުނުއިރު ޢިރާޤުވަނީ އިޤްތިޞާދީ އަނދަވަޅަކަށް ވެއްޓި ބޮޑެތި ދަރަނިތަކުން ދަރައިފައެވެ. އެއާއެކު އެ ޤައުމަށް އޮތީ އިތުރު މާލީ އެހީތެރިކަމަށް ބޭނުން ޖެހިފައެވެ.

ތެލުގެ ވިޔަފާރިކުރާ ކުވައިތަށް ދައްކަންޖެހޭ ދަރަނިތަކަށް އެ ޤައުމުން މަޢާފުދޭނެކަމަށް ޢިރާޤުން އުންމީދު ކުރިއެވެ. ނަމަވެސް އެ ހުށަހެޅުމަށް ކުވައިތުން އެއްބަސްނުވުމުން ޢިރާޤުންވަނީ ކުވައިތަށް ވެރިވެގަނެ އެ ޤައުމަކީ ޢިރާޤުގެ 19ވަނަ ޕުރޮވިންސުކަމަށް ކަނޑައަޅައިފައެވެ. ގިނަ ބަޔަކު ދެކޭގޮތުގައި ޢީރާޤުން ހަރުކަށިކަމާއެކު ޢަމަލުކުރީ ކުވައިތުގެ މުއްސަނދި ތެޔޮވަޅުތަކަށް ދަހިވެތިވެފައެވެ. ނަމަވެސް ޢިރާޤުން ތުހުމަތުކުރާގޮތުގައި ކުވައިތުން ދިޔައީ އެ ޤައުމުގެ ތެޔޮވަޅުތަކުން ވައްކަން ކުރަމުންނެވެ.

ޢިރާޤުގެ ޙަމަލާއަށް ބައިނަލްއަޤްވާމީ ދުނިޔެއިން ދެކޮޅުހެދިއެވެ. އެއާއެކު ސިޔާސީގޮތުންނާއި އިޤްތިޞާދީގޮތުން ޢިރާޤު ބާކީކުރިއެވެ. އޯގަސްޓު މަހުގެ 6ވަނަ ދުވަހު ކުވައިތުގައި ތިބި ޢިރާޤުގެ ފައުޖުތައް އެ ޤައުމުން ފޭބުމަށް އދގެ ސަލާމަތީ މަޖިލީހުން އެންގިއެވެ. އަދި ޢިރާޤާއެކު ވިޔަފާރިކުރުމާއިއާއި މާލީ އަދި އަސްކަރީ މުޢާމަލާތްތައް ކުރުން މަނާކުރިއެވެ. ނަމަވެސް ޢިރާޤުން ޞުލްޙަވުމަށް ދެކޮޅު ހެދިއެވެ.

1991ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 15ވަނަ ދުވަހުގެ ކުރިން ޢިރާޤުގެ އަސްކަރިއްޔާއިން ކުވައިތުން ނުފައިބައިފިނަމަ ބާރުގެ ބޭނުންކުރާނެކަމުގެ އިންޒާރު ސަލާމަތީ މަޖިލީހުން ދިނެވެ. އެމެރިކާގެ ފައުޖުތައް ސަޢުދީ ޢަރަބިއްޔާއަށް ފޮނުވައި ބައިނަލްއަޤުވާމީ އިއްތިޙާދަކުން ކުވައިތު މިނިވަންކުރުމަށް ތައްޔާރުވިއެވެ. މުއްދަތު ފަހަނައަޅައި ދިޔުމުންވެސް ޢިރާޤުގެ ސިފައިން ކުވައިތުން ނުފޭބުމުން އެމެރިކާ އިސްވެ އެކުލަވާލި އަސްކަރީ އިއްތިޙާދުން ހަނގުރާމަ އިޢުލާންކުރިއެވެ. ޢިރާޤަށް ޙަމަލާ ދިނުމުގައި އެމެރިކާގެ އިތުރުން ސަޢުދީ ޢަރަބިއްޔާއާއި މިޞްރާއި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތް ބައިވެރިވިއެވެ. ތަފާސްހިސާބުތައް ދައްކާގޮތުގައި ޢިރާޤަށް ޙަމަލާދިނުމަށް އެންމެ ޒަމާނީ ހަތިޔާރާއެކު 1 މިލިއަން ސިފައިން ޙަރަކާތްތެރިވިއެވެ.

ސާޅީސް ތިން ދުވަހަށް ދިގު ދެމިގެންދިޔަ ޙަމަލާތަކަށްފަހު ޢިރާޤުން އެންމެ ފަހުން އަމާން ދިނެއެވެ. އެ ޙަމަލާތަކުގައި ޢިރާޤަށް ބޮޑެތި ގެއްލުންތަކެއް ލިބި، ގިނަ ޢަދަދެއްގެ މީހުން މަރުވިއެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި ފުރަތަމަ ގަލްފު ހަނގުރާމައިގައި ޢިރާޤުގެ 50،000 މީހުން މަރުވެ، 75،000 މީހުން ޒަޚަމްވިއެވެ. އަދި ސިޔާސީގޮތުންނާއި މާލީގޮތުންނާއި އިޤްތިޞާދީގޮތުންނާއި އަސްކަރީގޮތުން ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

ހަ މަސް ދުވަހަށް ދިގުދެމިގެންދިޔަ ފުރަތަމަ ގަލްފު ހަނގުރާމައަށްފަހު، ބައިނަލްއަޤުވާމީ އެހީތެރިކަމާއެކު ކުވައިތު އަލުން އާރާސްކުރިއެވެ. ނަމަވެސް ހަނގުރާމައިން ލިބުނު ގެއްލުންތަކުން ޢިރާޤަށް އަރައިގަނެވިފައެއް ނުވެއެވެ. އެ ޙާލަތުގައި އޮއްވައި 2003ވަނަ އަހަރު އެމެރިކާއިންވަނީ ޢިރާޤަށް ޙަމަލާދީ، ސައްދާމު ޙުސައިން ވެރިކަމުން ދުރުކޮށް، އެ ޤައުމު އަޅުވެތިކޮށްފައެވެ. އެއަށްފަހު 2014ވަނަ އަހަރުގެ ތެރޭގައި އައިސިސް ޖަމާޢަތުންވަނީ އެ ޤައުމުގައި ބޮޑެތި ލޭއޮހޮރުވުންތަކެއް ހިންގައިފައެވެ.

މިއަދާހަމައަށްވެސް ޢިރާޤުގައި ޒަރޫރީ ޚިދުމަތްތަކެއް ލިބޭކަށްނެތެވެ. ޚިޔާނާތާއި ކޮރަޕްޝަނުން ސަރުކާރު ތަތްތެޅިފައިވާކަމަށް ޢާންމުން ޤަބޫލުކުރެއެވެ. ޢާންމުން ތަޙައްމަލުކުރަމުންދާ ދަތިތަކާއި އުނދަގޫތަކަށް ޙައްލެއް ހޯދާދިނުމަށް ބައިބައިވެފައިވާ ސިޔާސީވެރިންވަނީ ނުކުޅެދިފައެވެ. ޢިރާޤުގެ ރައްޔިތުން ތަހަންމަލުކުރަމުންދަނީ ފަޤީރުކަމާއި ލޭއޮރުވުމާއި މާޔޫސްކަމެވެ.