ޚަބަރު

ދިވެހި ޒުވާން ޕައިލެޓަކު ކުއްލިގޮތަކަށް ނިޔާވެއްޖެ


ދިވެހި ޒުވާން ޕައިލެޓަކު ކުއްލިގޮތަކަށް ނިޔާވެއްޖެެެވެ.

އައްޑޫ ސިޓީ ހިތަދޫ، ކޯޒްވޭވިލާ އުމުރުން 35 އަހަރުގެ ސަނޫން ނަޞީރުގެ ޚަބަރެއް ނުވެގެން އުޅެނިކޮށް އޭނާ ހުޅުމާލޭގައި ދިރިއުޅޭ ގޭގެ ކުރިމަތީގައި ވެއްޓިފައި އޮއްވާ ފެނިގެން ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.

ސަނޫން ނިޔާވީ ހާޓް އެޓޭކެއް ޖެހިގެންކަމަށް ޢާއިލާއާ ހަވާލާދީ ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވީނަމަވެސް އޭނާ ނިޔާވާން ދިމާވި ސަބަބު މިހާތަނަށް އޭނާގެ ޢާއިލާއިންވެސް އަދި ރަސްމީ އެހެން ފަރާތަކުންވެސް ހާމަކޮށްފައެއްނުވެއެވެ.

ފްލައިމީގައި މަސައްކަތްކުރަމުންއައި ސަނޫން ނަޞީރު ނިޔާވުމާއި ގުޅިގެން ދަތުރުފަތުރުގެ ސިނަޢާތުގައި ހަރަކާތްތަރެރިވާ ބޭފުޅުންނާއި އެތައްބަޔަކުދަނީ ހިތާމަފާޅުކޮށް ސޯޝަލް މީޑިއާގައި ޝުޢޫރު ފާޅުކުރަމުންނެވެ.

މައުލޫމާތުލިބިފައިވާގޮތުން މިހާރު އަމަލުކުރަމުންދާ އުސޫލުގެ ތެރެއިން ސަނޫން ނިޔާވުމުންވެސް ވަނީ ކޯވިޑް-19އަށް ޓެސްޓްކޮށްފައެވެ. ނަމަވެސް އޭނާގެ ނަތީޖާވަނީ ނެގެޓިވެފައެވެ.

ސަނޫން ނަޞީރު ނިޔާވިއިރު އޭނާގެ އަންބަކާއި ދަރިއަކުވެސް އެބަހުއްޓެެވެ. އޭނާގެ ޖަނާޒާ އޮތީ މިއަދުގެ މަޣުރިބު ނަމާދަށްފަހު އާސަރަހާގައެވެ.