ޚަބަރު

ޤަވައިދާ ހިލާފަށް ޙައްޖުވާން މަސައްކަތްކުރިި މީހުންގެ އަދަދު 2000 މައްޗަށް


ޙައްޖުވުމުގެ ހުއްދަ ނެތި ޚަރަމްފުޅަށް އެތެރެވާން މަސައްކަތް ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެއަދަދު 2000 މައްޗަށް އަރާކަމަށް ސައުދީ ހާމަކޮށްފިއެވެ.

ސައުދީ ސަރުކާރުން ބުނީ ޙައްޖުވުމުގެ ހުއްދަނެތި ޤަވައިދާ ހިލާފަށް މައްކާގެ ޙަރަމްފުޅަށް ވަންނަ މަސައްކަތް ކުރި 2050 މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ. އަދި މީ މީހުންނަކީ ކޯވިޑާއި ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ޙިލާފުވެފައިވާ ފަރާތްތަކަމަށްވެސް ސައުދީ ސަރުކާރުން ބުނެއެވެ. މީގެ ތެރެއިން ބައެއް މީހުންވަނީ ޚަރަމްފުޅުގެ އިތުރުން މިނާ އަދި މުޒްދަލިފާގައި މިފަހަރުގެ ޙައްޖުވެރިން ކަނޑައެޅި ސަރަހައްދުތަކަށް ވަނުމަށް މަސައްކަތްކޮށްފައެވެ. ހަބަރުތައް ބުނާ ގޮތުން މި މީހުންނަކީ މައްކާގެ ފަރުބަދަތައް މަތީ ފިލައިގެން އުޅޭ ބިދޭސީންނެވެ.

ސައުދީ ސަރުކާރުން ވަނީ ޙައްޖުމަހުގެ 1 ވަނަދުވަހުން ފެށިގެން 12ގެ ނިޔަލަށް މައްކާގެ ޙަރަމްފުޅާ މިނާ މުޒްދަލިފާގެ އިތުރުން އަރަފާތު ބިން ހިމެނޭ ސަރަހައްދުތަކަށް ހުއްދަނެތި ވަނުން މަނާކޮށްފައެވެ. އަދި މި އެންގުމާއި ހިލާފުވާ މީހުންނަށް އަދަބު ދިނުމުގެ އިތުރުން 10،000 ރިޔާލުން ޖޫރިމަނާ ކުރާނެކަންވެސް ސައުދީ ސަރުކާރުން ވަނީ ދުރާލާ ހާމަކޮށްފައެވެ.

ސަޢުދީ ސަލާމަތީ ބާރުތަކުން އަންނަނީ ޙައްޖުގެ އަޅުކަމުގައި ކަންކަން ފެށުމާއި އެކު ޙަރަމްފުޅާއި ޙައްޖާ ގުޅިފައިވާ އެހެން ސަރަހައްދުތަކުގައި ސަލާމަތީކަންކަން ވަރުގަދަކޮށް ބަލަހައްޓަމުންނެވެ.

ކޯވިޑާއި ގުޅިގެން މި އަހަރުގެ ޙައްޖުގައި ބައިވެރިވުމުގެ ފުރުސަތު ދީފައިވަނީ މަދު ބަޔަކަށެވެ. މިގޮތުން ސަޢުދީ ރައްޔިތުންގެ އިތުރުން އެ ޤައުމުގައި ދިރިއުޅޭ 160 ޤައުމެއްގެ ރައްޔިތުން ހިމެނޭ ގޮތަށް 1000 މީހުންނަށް މި ފަހަރު ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތުވަނީ ލިބިފައެވެ. އަދި ކޮންމެ ޙައްޖާޖީއަކަށް އެމީހެއްގެ ހުރުމާ މައުލޫމާތުތައް ހިމެނޭ ގޮތަށް ސްމާޓް ކާޑްތަކެއް ވަނީ ދޫކޮށްފައެވެ.