ވިޔަފާރި

މިދިޔަ ކުއާޓަރުގައި އެމްޓީސީސީއަށް 248 މިލިއަން ރުފިޔާގެ އާމްދަނީއެއް


މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއަށް މިދިޔަ ކުއާޓަރުގައި ލިބިފައިވަނީ 248 މިލިއަން ރުފިޔާގެ އާމްދަނީއެއްކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

އެމްޓީސީސީގެ ދެވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާގޮތުން އެމްޓީސީސީއަށް މިއަހަރުގެ ދެވަނަ ކުއާޓަރުގައި 248 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، މިއީ ފުރަތަމަ ކުއާޓަރުގައި ލިބުނު 354 މިލިއަން ރުފިޔާގެ އާމްދަނީއާ އަޅާބަލާއިރު، 30 އިންސައްތައިގެ ދަށްވުމެކެވެ. ޓެކްސްއަށް ކެނޑުމަށްފަހު އެކުންފުންޏަށް ފައިދާގެ ގޮތުގައި ލިބިފައިވަނީ 15 މިލިއަން ރުފިޔާއެވެ. މިއީ ފުރަތަމަ ކުއާޓަރުގައި ފައިދާގެ ގޮތުގައި ލިބުނު 53 މިލިއަން ރުފިޔާއާ އަޅާބަލާއިރު 71 އިންސައްތަ މަދު އަދަދެކެވެ.

2 ވަނަ ކުއާޓަރުގައި އެމްޓީސީސީއަށް 248 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، އޭގެ ތެރެއިން ކޮންޓްރެކްޓިންގ މަސައްކަތުން 176 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މީގެއިތުރުން ޓްރޭޑިންއިން 21 މިލިއަން ރުފިޔާ ލިބިފައިވާއިރު، ބިން ހިއްކުމުން 41 މިލިއަން ރުފިޔާ އަދި ޓްރާންސްޕޯޓް ވިޔަފާރިން 8 މިލިއަން ރުފިޔާ އެމްޓީސީސީއަށް ލިބިފައިވެއެވެ.

އެމްޓީސީސީން ބުނީ ފުރަތަމަ ކުއާޓަރުގެ އާމްދަނީ ދަށްވެފައިވާއިރު، ޓްރާންސްޕޯޓް އާއި ޓްރޭޑިންގ ސެކްޓަރުގެ އާމްދަނީ 50 އިންސައްތަ ދަށްވެފައިވާކަމަށެވެ. އަދި އާމްދަނީ ދަށްވީ ކޯވިޑްއާ ގުޅިގެން އެޅި ލޮކްޑައުންގެ ފިޔަވަޅުތަކުގެ ސަބަބުންކަމަށް އެމްޓީސީސީން ބުނެއެވެ.

ކޮންސްޓްރަކްޝަން އާއި ބިން ހިއްކުމުން ލިބުނު އާމްދަނީ 20 އިންސައްތަ ދަށްވިއިރު، މިއީ މާލެއިން ބޭރުގައި ހިނގާ މަޝްރޫޢުތަކަށް ތަކެތި ފޮނުވުމުގައި ދިމާވި ދަތިތަކެއް ސަބަބުން ކުރިމަތިވިކަމެއްކަމަށް އެމްޓީސީސީގެ ރިޕޯޓްގައިވެއެވެ.

އެމްޓީސީސީގެ މާލީ ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހު އެކުންފުންޏަށް 600 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، ޓެކްސްއަށް ކެނޑުމުގެ ކުރިން ފައިދާގެ ގޮތުގައި 80 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި މިއަހަރު ނިމޭއިރު އެކުންފުންޏަށް 1.35 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެކަމަށްވެސް އެމްޓީސީސީން ލަފާކުރެއެވެ.