ޚަބަރު

ޢިރާޤުގެ ޢާންމު އިންތިޚާބު އަވަސްކުރުމަށް ނިންމައިފި


ޢިރާޤުގެ ޢާންމު އިންތިޙާބު އަވަސްކުރުމަށް އެ ޤައުމުގެ ބޮޑުވަޒީރު މުސްޠަފާ އަލްކާޟިމީ ނިންމަވައިފިއެވެ.

2022ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައި އޮތް ޢާންމު އިންތިޚާބު އަންނަ އަހަރުގެ ޖޫން މަހުގެ 6ވަނަ ދުވަހު ބޭއްވުމަށް ބޮޑުވަޒީރުވަނީ ހުށަހަޅުއްވައިފައެވެ. ނަމަވެސް އެ ތާރީޚާމެދު ގޮތެއް ނިންމާނީ ޢިރާޤުގެ ޤާނޫނުހަދާ މަޖިލީހުންނެވެ.

މިދިޔަ އަހަރުގެ ތެރޭގައި އިންތިޚާބު އަވަސްކުރުމަށް ގޮވާލައި ޢިރާޤުގައިވަނީ ބޮޑެތި މުޒާހަރާތަކެއް ކޮށްފައެވެ. މުޒާހަރައިގެ ބައިވެރިންވަނީ އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށާއި ވޯޓުލުމުގެ ނިޒާމަށް ބަދަލު ގެނައުމަށް ގޮވާލައިފައެވެ. އެ މުޒާހަރާތަކުގައި އެތައް ސަތޭކަ ޢާންމުންވަނީ މަރުވެފައެވެ. މުޒާހަރާތަކުގެ ސަބަބުން ބޮޑުވަޒީރުގެ މަޤާމުގައި އޭރު ހުންނެވި ޢާދިލް ޢަބްދުލް މަހުދީވަނީ އިސްތިޢުފާދެއްވައިފައެވެ. ޢިރާޤުގެ ޤާނޫނުހަދާ މަޖިލީހުން އެ މަޤާމަށް ކާޟިމީ ޢައްޔަނުކޮށްފައިވަނީ މިދިޔަ މެއި މަހުގެ ތެރޭގައެވެ.

ކާޟިމީގެ ނިންމުމަށް އދންވަނީ މަރުޙަބާ ކިޔައިފައެވެ. އދން ބުނީ އިންތިޚާބު ބާއްވާ ތާރީޚު އަވަސްކުރުމުގެ ސަބަބުން ޢިރާޤުގައި ސުލްޙަ ޤާއިމުކޮށް ދީމުޤުރާޠީ ސިފަތައް ޤާއިމުކުރުމަށް އެހީތެރިވެދޭނެކަމަށެވެ.