ޚަބަރު

ޕިލިޕީންސުގެ ބައެއް ސަރަޙައްދުތައް އަލުން ފުރަބަންދުކުރަން ޞިއްޙީ ޚިދުމަތްތެރިން ގޮވާލައިފި


ކޯވިޑް-19ގެ ސަބަބުން ފިލިޕީންސަށް ކުރިމަތިވެފައިވާ ޙާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާކަމަށް ބުނެ ހަރުކަށި ފުރަބަންދެއް އަލުން ތަންފީޒުކުރަން އެ ޤައުމުގެ މިލިއަނަކަށްވުރެ ގިނަ ޑޮކްޓަރުންނާއި ނަރުހުން އެދިއްޖެއެވެ.

ފިލިޕީންސުގައި މިހާތަނަށް 93،354 މީހުންނަށް ކޯވިޑް-19 ޖެހި، 2،023 މީހުންވަނީ މަރުވެފައެވެ. ފިލިޕީންސުގައި ކޯވިޑް-19 ފެތުރެން ފެށުމުން އެ ޤައުމުގެ ރައީސް ރޮދުރިގޯ ދުތާތޭވަނީ ވެރިކަންކުރާ ސިޓީއާއި ބައެއް އެހެން ޕުރޮވިންސުތަކުގައި ވަރަށް ހަރުކަށި އަދި ދިގު ފުރަބަންދެއް އިޢުލާނުކޮށްފައެވެ. ނަމަވެސް ހީނަރުވަމުންދާ އިޤްތިޞާދު ކޮޅަށް ޖެހުމަށް މާރިޗު މަހުގެ ތެރޭގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއިތަކެއް އޭނާވަނީ ދެއްވައިފައެވެ. އޭގެ ފަހުން ބަލި ޖެހޭ މީހުންގެ ޢަދަދުވަނީ ފަސްގުނައަށް އިތުރުވެފައެވެ. އެ ޤައުމުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 4،063 މީހުންނަށް ބަލި ޖެހި، 40 މީހުންވަނީ މަރުވެފައެވެ.

ޕިލިޕީންސުގެ 80،000 ޑޮކްޓަރުންނާއި މިލިއަނަކަށްވުރެ ގިނަ ނަރުހުން ނިޞްބަތްވާ 80 ޖަމުޢިއްޔާއަކުންވަނީ ކޯވިޑް-19 ޖެހޭ މީހުންގެ ޢަދަދު އިތުރުވުމުގެ ސަބަބުން އެ ޤައުމުގެ ޞިއްޙީ ނިޒާމަށް ބާރުބޮޑުވެދާނެކަމުގެ އިންޒާރު ދީފައެވެ. ފިލިޕީންސުގެ ރައީސް ދުތާތޭއަށް ފޮނުވާފައިވާ ސިޓީއެއްގައި އެ ޖަމުޢިއްޔާތަކުން ބުނީ ޞިއްޙީ ޚިދުމަތްތެރިން ވަރުބަލިވެފައިވާކަމަށާއި ކޯވިޑް-19އާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި ކުރިއެރުމެއް ލިބެމުން ނުދާކަމަށެވެ. ވެރިކަންކުރާ މެނީލާއާއި ވަށައިގެންވާ ސަރަޙައްދުތައް ފުރަބަންދު ނުކޮށްފިނަމަ ޙާލަތު އިތުރަށް ގޯސްވާނެކަމަށް އެ ސިޓީގައިވަނީ ބުނެފައެވެ.

ރައީސްގެ ރަސްމީ އިދާރާއިން ބުނީ ކޯވިޑް-19އާ ގުޅޭގޮތުން ކުރިއަށް އޮތްތަނުގައި ބާއްވާ މަޝްވަރާތަކުގައި ހުރިހާ ހުށަހެޅުންތަކާ ގުޅޭގޮތުން ވާހަކަދައްކާނެކަމަށެވެ. ނަމަވެސް ބައެއް ސަރަޙައްދުތައް ފުރަބަންދުކޮށްގެން މައްސަލައަށް ޙައްލެއް ލިބޭނެކަމަށް ޤަބޫލުނުކުރާކަމަށް އެ އިދާރާއިންވަނީ ބުނެފައެވެ. އަދި ޤައުމުގެ ރައްޔިތުންގެ ޢާންމު ޞިއްޙަތުގެ ރައްކާތެރިކަމާއި އިޤްތިޞާދީ ޙަރަކާތްތައް ކުރިއަށްގެންދިއުމަކީ ފަސޭހަ ކަމެއް ނޫންކަމަށްވެސް އެ އިދާރާއިންވަނީ ބުނެފައެވެ.