އިނގިރޭސިވިލާތުގެ ބައެއް ސަރަޙައްދުތަކުގައި ކޯވިޑް-19ން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށްފިއެވެ. އެގޮތުން ފިޔަވަޅުތައް އަލުން ހަރުކަށިކޮށްފައިވާ ސަރަޙައްދުތަކުގެ ތެރޭގައި ގުރޭޓަރ މެންޗެސްޓަރއާއި އީސްޓު ލެންކެންޝަޔަރއާއި ވެސްޓު ޔޯކުޝަޔަރގެ ބައެއް ސަރަޙައްދުތައް ހިމެނެއެވެ.
މީގެ ކުރިން ކޯވިޑް-19 ފެތުރޭ މިންވަރު އިތުރުވުމުގެ ސަބަބުން ޖޫން މަހުގެ ތެރޭގައި ލެސްޓަރވަނީ ފުރަބަންދުކޮށްފައެވެ. ނަމަވެސް އެ ސިޓީގައި ތަންފީޒުކުރި ފުރަބަންދުގެ އުޞޫލުތަކަށް ލުއިތަކެއް ދޭންވަނީ ފަށައިފައެވެ.
އިނގިރޭސިވިލާތުގެ ޞިއްޙަތާބެހޭ ވަޒީރު މެޓު ހެންކޮކު ވިދާޅުވާގޮތުގައި ދެވަނަ ފަހަރަށް ބަލި ފެތިރޭ މިންވަރު އިތުރުވެފައިވަނީ ފުރަބަނދުގެ އުޞޫލުތައް ލުއިކުރުމުން ގިނަ ޢަދަދެއްގެ މީހުން ތިމާގެ މީހުންނާއި ރައްޓެހިންގެ ގޭގެއަށް ޒިޔާރަތްކުރަން ފެށުމުންނެވެ. އެހެންކަމުން، އެ ސަރަޙައްދުތަކުގެ ގޭގޭގައި އެއްވެސް ބައްދަލުވުމެއް ނުވަތަ ހަފުލާއެއް ނުބޭނެކަމަށް އޭނާ ވިދާޅުވިއެވެ.
ނޯތު ޔޯކުޝަޔަރއަށް ކުރެއްވި ޒިޔާރަތެއްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަން ވިދާޅުވީ އެ ޤައުމުގެ 30 ސަރަޙައްދެއްގައި ދެވަނަ ފަހަރަށް ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާކަމަށެވެ. ބޮރިސް ވިދާޅުވީ ދެވަނަ ފަހަރަށް ބަލި ފެތުރުމުން ލިބިދާނެ ބޮޑެތި ގެއްލުންތަކަށް ހުށިޔާރުވެގެން ތިބެންޖެހޭކަމަށެވެ. އަދި ނުރައްކަލުން ސަލާމަތްވެފައިވާކަމަށް ޤަބޫލުކޮށް އެއްވެސް ބަޔަކު ފަރުވާކުޑަނުކުރުމަށް އޭނާވަނީ ނަޞޭޙަތްތެރިވެވަޑައިގެންފައެވެ.
ވިލާތުގެ ޤައުމުތަކުގެ ތެރެއިން ކޯވިޑް-19 ޖެހިގެން އެންމެ ގިނަ ޢަދަދެއްގެ މީހުން މަރުވެފައިވަނީ އިނގިރޭސިވިލާތުގައެވެ. އެ ޤައުމުގައި 302،000 މީހުންނަށް ބަލި ޖެހި، 46،000 މީހުންވަނީ މަރުވެފައެވެ.