ކުރިއަށްއޮތް ދެ މަސް ދުވަހުގެ ތެރޭގައި ކޯވިޑް-19އަށް ތަހުލީލުކުރާ މިންވަރު ދެ ގުނައަށް އިތުރުކުރުމަށް މަސައްކަތްކުރަމުންދާކަމަށް އިންޑިޔާއިން ބުނެފިއެވެ.
އިންޑިޔާގައި ފުރަތަމަ ފަހަރަށް ކޯވިޑް-19 ޖެހިފައިވާ މީހެއް ފެނުނީ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުއެވެ. އޭގެ ހަ މަސް ފަހުންވެސް އެ ޤައުމުގައި ދަނީ ބައްޔާ ދެކޮޅަށް މެދުކެނޑުމެއްނެތި ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ. އެ ޤައުމުގައި މިހާތަނަށް 1.6 މިލިއަން މީހުންނަށް ކޯވިޑް-19 ޖެހި، 35،800 މީހުންވަނީ މަރުވެފައެވެ.
1.3 ބިލިއަން މީހުންގެ އާބާދީއެއް އޮންނަ އިންޑިޔާގައި ކޯވިޑް-19އަށް ދުވާލެއްގެ މައްޗަށް ކުރަނީ 500،000 ތަހުލީލެވެ. އެ ޢަދަދު ދެ ގުނައަށް އިތުރުކުރަން މަސައްކަތް ކުރަމުންދާކަމަށް އެ ޤައުމުގެ ސައިންސާއި ޓެކުނޮލޮޖިއާބެހޭ ވަޒީރު ހަރުޝް ވަރުދަންވަނީ ވިދާޅުވެފައެވެ. ވަރުދަން ވިދާޅުވީ ބަލި ޖެހިފައިވާ މީހުންގެ 64 އިންސައްތަ މީހުން ރަނގަޅުވެފައިވާކަމަށާއި އެއީ ދުނިޔޭގެ އެންމެ މަތީ ނިސްބަތްކަމަށެވެ. އިންޑިޔާގައި ކޯވިޑް-19 ޖެހިފައިވާ މީހުން މަރުވާ ނިސްބަތަކީ 2.2 އިންސައްތައެވެ.
ކޯވިޑް-19އާ ދެކޮޅަށް އިންޑިޔާއިން ކުރަމުންދާ މަސައްކަތްތައް ވަރަށް ބޮޑަށް އިތުރުކޮށްފައިވާކަމަށާއި އެ މަސައްކަތްތައް ވަރަށް ކާމިޔާބުކަމަށް ވަރުދަން ވިދާޅުވިއެވެ. އޭޕްރިލް މަހުގެ ތެރޭގައި ދުވާލަކު 6،000 ތަހުލީލުކުރިނަމަވެސް އެ ޢަދަދު މިހާރުވަނީ 500،000އަށް އިތުރުކޮށްފައިކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި އަމާޒަކީ ކުރިއަށް އޮތް ދުވަސްތަކުގައި ދުވާލަކު 1،000،000 ތަހުލީލުކުރުންކަމަށް އޭނާ ވިދާޅުވިއެވެ.
އެންމެ ފުރަތަމަ ބަލި ފެތުރުނު ދުވަސްވަރު ވެންޓިލޭޓަރު އުފެއްދުމުގެ ޤާބިލުކަން އިންޑިޔާގައި ނެތްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އެ ޤައުމަށް މިހާރު 300،000 ވެންޓިލޭޓަރު އުފެއްދުމުގެ ޤާބިލުކަން ލިބިފައިވާކަމަށެވެ. އޭގެ އިތުރުން ކޯވިޑް-19އަށް ފަރުވާ ދިނުމަށް ބައެއް ޤައުމުތަކުގައި ބޭނުންކުރާ ބޭހެއްކަމަށްވާ ހައިޑްރޮކްސީކްލޮރިކީން 150 ޤައުމަކަށް އިންޑިޔާއިން ފޯރުކޮށްދެމުންދާމަކަށްވެސް އޭނާ ވިދާޅުވިއެވެ.