ޚަބަރު

ގަސްތުގައި ޑޮކްޓަރުންނަށް ކޯވިޑް-19 ޖައްސަން އުޅުނު މީހަކު ޖަލަށް


ގަސްތުގައި ޑޮކްޓަރުންނަށް ކޯވިޑް-19 ޖެއްސުމަށް މަސައްކަތްކުރި މީހެއް ތިން އަހަރަށް ޖަލަށްލުމަށް ބަޙުރައިނުގައި ޙުކުމްކޮށްފިއެވެ.

ކޯވިޑް-19 ޖެހިފައިވާކަން އެނގިހުރެ އެ މީހާވަނީ މޫނުމަތީގައި އަޅާފައިވާ މާސްކު ނަގައި އޭނާއަށް ފަރުވާދެމުންދިޔަ ޑޮކްޓަރުންނާ ދިމާލަށް ކިނބިހި އަޅައިފައެވެ. އަދި އަތަށް ކިނބިހިއަޅައި ކެއްސުމަށްފަހު އޭނާވަނީ ޑޮކްޓަރުންގެ ގައިގައި އަތްލައިފައެވެ. އެ މައްސަލަ ބެލުމަށްފަހު ބަޙުރައިނުގެ ކޯޓަކުން ޙުކުމް ކުރީ އޭނާ ތިން އަހަރަށް ޖަލަށްލައި 2،653 އެމެރިކާ ޑޮލަރުން ޖޫރިމަނާކުރުމަށެވެ.

އޭގެ އިތުރުން ބަޙުރައިނުގައި ޢަމަލުކުރަން ޖެހޭ އެކަހެރިވުމުގެ ޤަވާއިދުތަކަށް 30އަށްވުރެ ގިނަ މީހުންވަނީ ޚިލާފުވެފައެވެ. އެ މީހުންނަށް 3 މަސް ދުވަހުގެ ޖަލު ޙުކުމަކާއި ޖޫރިމަނައެއް އައުން އެކަށީގެންވެއެވެ.

ބަޙުރައިނުގައި 40،755 މީހުންނަށް ކޯވިޑް-19 ޖެހި، 146 މީހުންވަނީ މަރުވެފައެވެ.