ޚަބަރު

ޑަބްލިއުއެޗުއޯގެ ތަޢުރީފު ސަޢުދީ ޢަރަބިއްޔާއަށް، ޙައްޖުގެ އިންތިޒާމުތައް ވަރަށް ފުރިހަމަ


ދުނިޔޭގައި ބޮޑު ބަލިމަޑުކަމެއް ފެތުރެމުންދާ ދަނޑިވަޅެއްގައި ކުރިއަށްދާ ޙައްޖުގެ އަޅުކަމުގެ އިންތިޒާމުތައް ވަރަށް ފުރިހަމަކަމަށް ބުނެ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބްލިއުއެޗުއޯއިން ސަޢުދީ ޢަރަބިއްޔާއަށް ތަޢުރީފުކޮށްފިއެވެ.

ސަޢުދީ ޢަރަބިއްޔާގައި 274،219 މީހުންނަށް ކޯވިޑް-19 ޖެހި، 2،842 މީހުންވަނީ މަރުވެފައެވެ. ދުނިޔޭގައި ހަލުވިމަކާއެކު ކޯވިޑް-19 ފެތުރެމުންދާ ދަނޑިވަޅެއްގައި ޙައްޖުގެ އަޅުކަން މެދުކަނޑައިނުލައި ކުރިއަށްގެންދިއުމަށް ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުންވަނީ ޚާއްޞަ ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން އަހަރަކު ދެ މިލިއަނަށްވުރެ ގިނަ މީހުން ބައިވެރިވާ ޙައްޖުގައި މި އަހަރު ބޭރު ޤައުމުތަކުން ދަތުރުކުރާ މީހުންނަށް ބައިވެރިނުވެވޭނަކަމަށާއި އަޅުކަމުގައި ބައިވެރިވެވޭނެ މީހުންގެ ޢަދަދަކީ 1،000ކަމަށް އެ ޤައުމުގެ ސަރުކާރުންވަނީ ކަނޑައަޅައިފައެވެ. އެއީ ޙައްޖުގައި ބައިވެރިވާ މީހުންގެ ރައްކާތެރިކަމާއި ސަލާމަތްކަން ޔަޤީންކުރުމަށް ނިންމި ނިންމުމެކެވެ.

ސުވިޓުޒަލެނޑުގެ ޖެނީވާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑަބުލިއުއެޗުއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޮސް އެދަނޮމް ގެބްރިއޭސުސް ވިދާޅުވީ ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައި މި އަހަރުގެ ޙައްޖުގެ އަޅުކަން ރައްކާތެރިކޮށް ޢަދާކުރުމަށް މަގުފަހިވާފަދަ އިންތިޒާމުތަކެއް ސަޢުދީ ޢަރަބިއްޔާއިން ހަމަޖައްސައިފައިވާކަމަށެވެ. ޓެޑްރޮސް ވިދާޅުވީ ސަޢުދީ ޢަރަބިއްޔާއިން އެޅި ފިޔަވަޅުތަކަކީ ޢާންމު ޙާލަތަކަށް ރުޖޫޢަވުމަށް ބޭނުންވާ އެހެން ޤައުމުތަކަށް ހުރި މިޘާލެއްކަމަށެވެ. އަދި ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވެފައިވާ ޙާލަތާ އެއްގޮތަށް ޢާދަތައް ބަދަލުކުރުމުގެ ފުރިހަމަ މިޘާލެއްކަމަށް ވިދާޅުވެ، އޭނާވަނީ ސަޢުދީ ޢަރަބިއްޔާއަށް ވަރަށް ބޮޑަށް ތަޢުރީފުކުރައްވައިފައެވެ.