ޚަބަރު

"ވޯލްޑް އެސެންބްލީ ފޯރ ވިމެން"ގައި ދުންޔާ ތަޤްރީރު ކުރައްވައިފި


އަންހެނުންގެ ހައްޤުތައް ކުރިއެރުވުމަށް ކުރިއަށްދާ ބައިނަލްއަޤުވާމީ ފޯރަމް "ވޯލްޑް އެސެންބްލީ ފޯރ ވިމެން"ގައި ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ތަޤްރީރު ކުރައްވައިފިއެވެ.ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ ބެއްލެވުމުގެ ދަށުން ކުރިއަށްގެންދާ މިބައްދަލުވުމުގައި ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ތަޤްރީރު ކުރައްވާފައިވަނީ ބައްދަލުވުމުގެ އިސް ބައިވެރިއެއްގެ ހައިސިއްޔަތުންނެވެ."އަންހެންކުދިންނާ ތަޢުލީމު" މި މައުލޫއަށް ތަޤްރީރު ކުރައްވަމުން ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ވިދާޅުވީ އަހެނުން ބާރުވެރިކުރުވުމަކީ ޤައުމީ ކަންކަމުގައި އަންހެނުގެ ބައިވެރިވުން އިތުރުވެގެންދާނެ ކަމެއް ކަމަށްކަމަށެވެ. އަދި ދިވެހި ސަރުކާރުން އަންހެން ކުދިންނާއި ފިރިހެން ކުދިންނާ މެދު އެއްވެސް ތަފާތުކުރުމެއް ނުގެންގުޅޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.އެގޮތުން ރާއްޖޭގެ ތައުލީމުގެ ހުރިހާ މަރުހަލާއެއްގައިވެސް ފިރިހެން ކުދިންނަށްވުރެ ބޮޑެތި ކުރިއެރުންތަށް އަންހެންކުދިން ހޯދަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަންހެނުންގެ ތަރައްޤީއާއި ކުރިއެރުމަށް ސަރުކާރުން އިސްކަން ދެއްވާކަން ފާހަގަކުރައްވަމުން ރާއްޖޭގައި އަންހެނުން ބާރުވެރިކުރުމާ ގުޅޭ އެތަށް ޤާނޫނުތަކެއް ތަންފީޒު ކުރެވެމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.އަންހެނުންނަށް މުޖުތަމައުގައި ފުރިހަމަ ބާރުވެރިކަން ހޯދައިދިނުމަށް ޅަފަތުގެ އަންހެންކުދިންނަށް ތައުލީމުގެ ފުރުސަތު ހުރިހާ ޤައުމުތަކުން ފަހިކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށް މިނިސްޓަރ އަލިއަޅުއްވާލެއްވިއެވެ. އެކަށީގެންވާ ތަޢުލީމުގެ ފުރުސަތު ލިބިފައިވާ އަންހެނަކަކީ އިތުރު އެތައް ލީޑަރުންނެއް ތަމްރީނު ކުރުމުގެ ޤާބިލުކަން ލިބިގެންވާ މީހެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ސާސްކަފުގެ ތަރައްޤީގެ ލަނޑުދަނޑިއަކީ އަންހެން ކުދިން ފަޤީރު ކަމުން ސަލާމަތްކުރުމަށް މުހިންމު ދައުރެއް އަދާކުރި އެއްޗެއް ކަމަށާއި، ޖެންޑަރ އީކުއާލިޓީ ނުވަތަ ޖިންސްގެ ހަމަހަމަކަން ޤާއިމުކުރުމަށް މި ލަނޑުދަނޑިތަކުގެ މުހިންމުކަންވެސް މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.2 ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ ވޯލްޑް އެސެންބްލީ ފޯރ ވިމަންއަކީ، އަންހެނުންގެ ތަރައްޤީއަށް އެޅިފައިވާ ހުރަސްތަކާއި، އެހުރަސްތަށް ނައްތާލުމަށް ކުރެވިދާނެ ކަންތައްތަކާއި، ޖުމްލަ ގޮތެއްގައި އަންހެނުން ބާރުވެރިކުރުވުމަށް ކުރެވިދާނެކަންތައްތަކާމެދު މަޝްވަރާ ކުރުމަށް ކުރިއަށްގެންދިޔަ މަތީފެންވަރުގެ ބައްދަލުވުމެކެވެ. މި އެސެންބްލީ ހުޅުވުމުގެ ރަސްމިއްޔާތުގައި ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.މި ދަތުރުފުޅުގައި ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ވަނީ ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ ދެއްވި ފަރިއްކޮޅެއްގައިވެސް ބައިވެރިވެވަޑައިގެންފައެވެ.