ޚަބަރު

އަޟުހާ އީދު ފާހަގަކުރުން މުޅިން ތަފާތުކޮށް


2020 ވަނަ އަހަރު ވެފައި މިވަނީ މުސްލިމް ޢުއްމަތަށް ހިތާމަ ހުރި އަހަރަކެށެވެ. މުޅި ދުނިޔެއަށް ދިމާވެފައިވާ ކޯވިޑް 19 ގެ މި ބިރުވެރި ބަލިމަޑުކަމުގެ ސަބަބުން މުސްލިމުން ގުޅިގެން ފާހަގަކުރަމުން އަންނަ މާތް ދުވަސްތަކާއި އުފާވެރި ދުވަސްތައް އެކުގައި ފާހަގަކުރުމުގެ ނަސީބުން މިވަނީ މަޙުރޫމްވެފައެވެ.

ފާއިތުވެގެން ދިޔަ ރަމަޟާން މަހުގެ ތަރާވީޙު ނަމާދު މިސްކިތްތަކުގައި ޖަމާޢަތުގައި ކުރުމުގެ ފުރުޞަތު ލިބިގެން ނުދިޔައިރު ރޯދަވެރިންނަށް އައި ފިޠުރު ޢީދު ފާހަގަކުރުމާއި ބޮޑު ޖަމާއަތުގައި ނަމާދު ކުރުމުގެ ފުރުޞަތުވެސް ލިބިގެން ގޮސްފައެއް ނުވެއެވެ. ދެން މިއައީ ބަރާކާތްތެރި ޙައްޖުދުވަހެވެ. މިއަހަރުގެ ހައްޖުގެ އަޅުކަން ކުރުމުގެ ފުރުޞަތުވެސް ލިބިފައި މިވަނީ މަދުބަޔަކެވެ. ހައްޖާއި ގުޅިގެން އައި އަޞްޙާ ޢިދުވެސް މިއަހަރު އަޅުގަނޑުމެން ފާހަގަކުރަން މިޖެހެނީ ހަމަ މި ބަލިމަޑުކަމާއެކުގައެވެ. އެކަކު އަނެކަކާއި ބައްދަލުކޮށް ސަކަރާތްޖަހައި މާ އުފާވެރި މާހައުލެއްގައި ޢިދު ފާހަގަކުރުމުގެ ޗާންސެއް ނެތެއެވެ. އެހެންނަމަވެސް ދުރުދުރުގައި ތިބިގެންވެސް ޢީދު ފާހަގަ ކުރުމުގެ ފުރުޞަތު އަދިވެސް އެބައޮތެވެ.

ދިވެހިންގެ ސަޤާފަތާއި ޢާދަކާދައަށް ބަލާއިރު އެންމެ އިހުންފެށިގެންވެސް ޢީދު ފާހަގަކުރަމުން އައި ވަރަށް ކުލަގަދަކޮށް ވަރަށް އުފާވެރި މާހައުލެއްގައެވެ.

ޢީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރުން

ކުރިން މިސްކިތްތަކުގައި ޢީދު ނަމާދު ކުރަމުން އައިސް ފަހުން ވަނީ ހާމަކަން ބޮޑު އަދި އެއްފަހަރާ ގިނަ އަދަދެއްގެ މީހުންނަށް ނަމާދު ކުރެވޭނެ އިންތިޒާމްތައް ހަމަޖައްސާ ނަމާދު ކުރަން ފަށާފައެވެ. މާލެއެކޭ އެއްފަދައިން އަތޮޅުތަކުގެ ރަށްތަކުގައިވެސް ރަށެއްގައި ޖާގައިގެ ގޮތުން ބޮޑު އަދި ހާމަކަން ބޮޑު ތަންތަނުގައި ނަމާދުކުރެއެވެ. ތުއްތު ކުދިންނާއި ކުދި ބޮޑު އެންމެން ޢީދު ހެދުމުގައި ނަމާދަށް ގޮސް ދުވަހުގެ ހެޔޮދުއާތައް ބަދަހި ކުރެއެވެ. ޢީދު ނަމާދުގެ ތެރެއިންވެސް ފެނިގެންދާނީ އުފާވެރިކަމާއި އެއްބައިވަންތަކަމެވެ. މީގެ އިތުރުން ނަމާދަށް ފަހު ފެނިގެންދާނީ އެކަކު އަނެކަކާ ސަލާންގަލާންކޮށް ހަދިޔާ ބަދަލު ކުރާ މަންޒަރުތަކެވެ. މިއީ އަޞްޙާ ޢިދު ފެށިގެން އަންނަ ގޮތެވެ.

އެހެންނަމަވެސް މިއަދު މިވަނީ ހާލަތް ބަދަލުވެފައެވެ. މާލެ ސަރަހައްދަގައި ބޮޑު ޖަމާއަތް ހަދައިގެން ނަމާދު ކުރެވޭނެ ގޮތް ނެތްއިރު އަތޮޅުތަކުގައި ބޮޑު ޖަމާއަތުގައި ނަމާދު ކުރުމުގެ އިންތިޒާމް ހަމަޖައްސަމުން ގެންދާނީ ކައުންސިލުތަކުންނެވެ. އެހެންނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން ވަރަށް މުހިއްމެވެ. ސަބަބަކީ މިހާރު މި ބަލި އަތޮޅުތަކަށްވެސް ފެތުރެމުންދާތީއެވެ.

ޢީދު ނަމާދަށްފަހު ބައެއްރަށްރަށުގައި ޚާއްސަ ސައެއް އޮންނަކަންވެސް ފާހަގަކޮށްލެވެއެވެ. މި ސަޔަކީ ކުދިބޮޑު އެންމެން އެއްތަނަކަށް އެއްވެ އެކުވެރި މާހަޢުލެއްގައި ކުރިއަންގެންދާ ހަރަކާތެކެވެ އަދި ގިނަރަށްތަކުގައި އުޟުހިއްޔާ ކަތިލުމުގެ ހަރަކާތްތައްވެސް ކުރިއަށް ގެންދެއެވެ.

އެހެން އަހަރުތަކާއި މިއަހަރުގެ ޢީދު ތަފާތު

އަޟްހާ އީދު ނުވަތަ ބޮޑު ޢީދަކީ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ކުލަގަދަކޮށް ފާހަގަކުރާ ޢީދެކެވެ. ޢީދު ކުލަގަދަކޮށް ފާހަގަކުރުމަށް ރަށުގެ ކުދިބޮޑު އެންމެން އެއް ރޫހެއްގައި ދުރާލާ ތައްޔާރުވެއެވެ. ބައެއް ރަށްރަށުގައި އެރަށުގެ އަމިއްލަ ސަޤާފީ ކަންތައްތަކާއެކު ޢީދު ފާހަގަކުރަމުންދާއިރު، އަނެއްބައި ރަށްރަށުގައި ޢީދު ފާހަގަ ކުރަނީ މަޝްހޫރު ފަންނާނުން ރަށަށް ގެންގޮސްގެން އެފަންނާނުންނާއި އެކުގައެވެ.

ލަނގިރިޖެހުމާއި، ބޮޑުބެރުޖެމާއި، މާލި ނެރުމާއި، ކޯޑިކެޑުމަކީ ބޮޑުޢީދާ ގުޅިގެން ޒަމާނުއްސުރެ ދިވެހިން ކުރަމުން އަންނަ ކަންތައްތަކެވެ. ޢީދު ބަންދު ފާހަގަކުރެވިފައިވަނީ ރަށްރަށަށް އެންމެ ގިނައިން މީހުން ޒިޔާރަތްކުރާ ބަންދަށެވެ. މިގޮތުން ރާއްޖޭގެ އެންމެ ގިނަމީހުން ދިރިއުޅޭ މާލެއިން އެންމެ ގިނައިން މީހުން ރަށްރަށަށްދާ ބަންދަކީވެސް ޢީދުބަންދުކަން ފާހަގަކޮށްލެވެއެވެ.

އެހެންނަމަވެސް މިއަހަރު އީދު ވެގެން މިދަނީ ކުޅިވަރުތައް ނެތް މާލެއިން އަދި އެއްރަށުން އަނެއްރަށައް ދަތުރުކުރާ މީހުންގެ އަދަދުވެސް މަދު ފަހަރަކަށެވެ. މާލޭގައިވެސް ފަހަކަށް އައިސް ކުލަ ގަދަކޮށް ގިނަ މީހުން އެއްވާ ގޮތަށް ޢީދު ފާހަގަކުރަމުން ދިޔައެވެ. މިދުވަސްވަރު މާލޭގައި ހަލުވިކަމާއެކު ބަލި ފެތުރެމުންދާއިރު މިއީ ޢީދު ފާހަގަ ކުރުމަށް އެންމެ ރަނގަޅު ދަނޑުވަޅެއް ނޫނެވެ. އަދި މާލެއިން ރަށްރަށަށް ދަތުރު ކުރުމަކީވެސް މި ދަނޑިވަޅުގައި ކުރުން ރަނގަޅު ކަމެއް ނޫނެވެ. ކޯވިޑް 19 އަކީ ގައިން ގަޔަށް އަރާ ބައްޔަކަށް ވުމާއެކު މިފަދަ އެއްވުންތައް ބާއްވައިގެން ބާއްވާ ހަރާކަތްތަކުގެ ސަބަބުން ބަލި އިތުރަށް ފެތުރުމުގެ ފުރުޞަތު ބޮޑުވެގެން ދާނެތީއެވެ.

ޢީދުގެ ރަހަމީރު ކެއުންތަކުގެ މަތިން ހަނދާން ވާނެ

އީދު ނަމާދަށް ފަހު އޮންނަ ސަޔާއިއެކު ދެން މިފަހަރު އެންމެ ހަނދާންވާނީ މެންދުރުގައި ތައްޔާރު ކޮށްފައި ހުންނަ ކެއުންތަކުގެ މަތިންނެވެ. ރައްރަށާއި މާލޭގައިވެސް ޢީދުގެ ސަޔަށް އަދި ވަކިން ޚާއްސަކޮށް މެންދުރުގެ ކެއުމަށް ދައުވަތުތައް ލިބެމުންދެއެވެ. ހަމަގައިމުވެސް މިފަހަރުވެސް މިފަދަ ދަޢުވަތު ތައް ލިބެމުންދާނެއެވެ. އެހެންނަމަވެސް ރައްކާތެރިއެއް ނޫނެވެ.

އާއްމު ގޮތެއްގައި މެންދުރުގެ ކެއުމަށް އެކި ގެތަކުގައި ތަފާތު ބާވަތްބާވަތުގެ ކެއުންތައް ތައްޔާރު ކުރަމުންދެއެވެ. ކޮންމެ ގެއެއްގެ ސުފުރާމަތި ޢީދުދުވަހު ފެންނާނީ ފުރިފައިވާ މަންޒަރުތަކެވެ. ތާފަތު ރިހަތަކާއި ބަތަތާއި ފޮނިކާތަކެތިން މޭޒުތައް ވާނި ފުރާލާފައެވެ. އަދި ޢިދުގެ ޚާއްސަ އެއްޗެގެ ގޮތަށް ކޮންމެ ގެއެއްގެ ސުފުރާމަތިން ކުކުޅުން ތައްޔާރުކޮށްފައިވާ ކެއުންތައް ފެންނަމުންދާނެއެވެ. މި ކެއުންތަކަށް އިންސާފުކުރުމަށްޓަކައި ޢާއިލާގެ މީހުންނާއި ރައްޓެހެން ގެތަކަށް އަންނާނެއެވެ.

އެހެންނަމަވެސް މިއަދު މިވަނީ ގޭގައި ކިތައްމެ ވަރަކަށް ކެއްކިނަމަވެސް ގޭގެއަށް ގެއިން ބޭރުން މީހުން ނުގެނެސް ގޭގައި ތިބި މީހުން ކެއުމަށް އިންސާފުކުރަން ޖެހިފައެވެ. މި ދަނޑިވަޅުގައި އެންމެ ރައްކާތެރި ގޮތަކީ މިގޮތެވެ. އަދި އެއްގެއިން އަނެއްގެއަށް ތަށިބަރި އުފުލުންވެސް މިވަގުތަށް ރަނގަޅެއް ނޫނެވެ.

ރާއްޖޭގައި ކޮންމެއަހަރަކު ކުލަ ގަދަކޮށް އަޟުޙާ އީދު ފާހަގަ ކުރަމުންދާއިރު، އަހަރަކަށްވުރެ އަހަރެއް އަންނަނީ ފޯރި ގަދަވަމުންނެވެ. ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިންގާ ޘަގާފީ ހަރަކާތްތަކަކީ އަޅުގަނޑުމެން ދިވެހީންގެ ތެރެއިން ފިލައިގެން ނުދާ އާދަކާދައެކެވެ. ދަފިނެގުމާއި، ކޯޑި ކެނޑުމާއި، މާލި ނެރުމާއި، ބޮޑުމަސް ބޭނުން ފަދަ ކުޅިވަރުތަކަކީ ހުއްޓުމެއްނެތި ކުޅެމުން އަންނަ ކުޅިވަރުތަކެކެވެ. ހަމަމިފަދައިން ކުލަ ޖެހުމާއި ފެންކުޅިކުޅުމަކީވެސް ފޯރިގަދަކޮށް ކުރިއަށްގެންދާ ހަރަކާތްކެކެވެ. މި ހުރިހާ ހަރަކާތްތަކެއްގައިވެސް ކުދި ބޮޑު އެންމެ ބައިވެރިވުމަކީ ފާހަގަކޮށްލެވޭ ކަމެކެވެ. އެހެންނަމަވެސް މިފަހަރުގެ ޢިދު ފާހަގަކުރަން މިޖެހެނީ ދުރުދުރުގައި ތިބެގެންނެވެ. ޢީދުގެ ތަޙުނިޔާތައް ފޮނުވަން މިޖެހެނީ ޓެކްނޮލޮޖީގެ ޒަރިއްޔާއިންނެވެ. ޢިދުގެ ހަދިޔާއެއްގެ ގޮތުގައި ކޯވިޑް 19 އިން އަރައިގަތުމަށްޓަކައި ފަރުދީ ޒިންމާ އަދާކޮށް ގެޔަށް އެ ބަލި ނުގެންދާ މީހަކަށް ވަމާ ހިންގަވާށެވެ.