ޚަބަރު

މާސްކު ބޭނުންކުރަން ބާރު ނާޅާނެކަމަށް ނެދަލެންޑްސުގެ ސަރުކާރުން ބުނެފި


ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް މާސްކު އެޅުމަށް ރައްޔިތުންނަށް ބާރު ނާޅާނެކަމަށް ނެދަލެންޑްސުގެ ސަރުކާރުން ބުނެފިއެވެ. އެޤައުމުން އެގޮތަށް ނިންމީ މާސްކު ބޭނުންކުރުމުން ބަލި ޖެހުމުން ރައްކާތެރިކޮށްދޭކަމުގެ ހެއްކެއް ލިބިފައިނުވާކަމަށް ބުނެއެވެ.

ޖުލައި މަހުގެ އެއްވަނަ ދުވަހު ނެދަލެންޑްސުގައި އަޅާފައިވާ ފުރަބަންދުގެ ފިޔަވަޅުތައް އުވާލުމުން އެ ޤައުމުގައި ކޯވިޑް-19 ފެތުރޭ މިންވަރު ދަނީ އިތުރުވަމުންނެވެ. އެ ޤައުމުގައި މިހާތަނަށް 53،621 މީހުންނަށް ކޯވިޑް-19 ޖެހި، 6،147 މީހުންވަނީ މަރުވެފައެވެ. ފާއިތުވި ހަފުތާގެ ތެރޭގައި ބަލި ޖެހޭ މީހުންގެ ނިޞްބަތްވަނީ 33 އިންސައްތައަށްވުރެ އިތުރުވެފައެވެ. ބަލި ޖެހޭ މީހުންގެ ޢަދަދު އިތުރުވުން ހުއްޓުވުމަށް މާސްކު ބޭނުންކުރުމަށް ބާރު އެޅުމުގެ ބަދަލުގައި އިޖުތިމާޢީ ގައިދުރުކަން ބެހެއްޓުމުގެ ޤަވާއިދުތައް އިތުރަށް ހަރުދަނާކުރުމަށް އެ ޤައުމުގެ ސަރުކާރުންވަނީ ނިންމައިފައެވެ.

ނެދަލެންޑްސުގެ ޞިއްޙަތާބެހޭ ވަޒީރު ތަމާރާ ވެން އާކް ވިދާޅުވީ މާސްކު ބޭނުންކުރުމުގެ ފައިދާ ދައްކުވައިދޭ އެއްވެސް ހެއްކެއް ހޯދިފައިނުވާކަމަށެވެ. އެހެންކަމުން ފޮތިފަދަ މާސްކު ބޭނުންކުރުމަށް ޢާންމުންނަށް ބާރު ނޭޅުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އެ ނިންމުމަކީ ވިލާތުގެ ގިނަ ޤައުމުތަކުގެ ނިންމުމާ ތަފާތު ނިންމުމެކެވެ. ޢާންމުތަންތަނުގައި މާސްކު ބޭނުންކުރުމަށް ވިލާތުގެ ބައެއް ޤައުމުތަކުގައިވަނީ މަޖުބޫރުކޮށްފައެވެ.

ނެދަލެންޑްސުގެ ނެޝަނަލް އިންސްޓިޓިއުޓު އޮފް ހެލްތު، އާރުއައިވީއެމްގެ އިސްވެރިޔާ ޔާފު ވެން ޑިސެލް ވިދާޅުވީ މާސްކު ބޭނުންކުރުމުން ބަލި ފެތުރޭ މިންވަރު ލަސްކޮށްދޭކަމަށް ބައެއް ދިރާސާތަކުން ދެއްކިނަމަވެސް މާސްކު ބޭނުންކުރުމުގެ ސަބަބުން ނެދަލެންޑްސުގައި ބަލި ފެތުރެމުންދާގޮތަށް ބަދަލެއް އަންނާނެކަމަށް ޤަބޫލުނުކުރެވޭކަމަށެވެ. ނުބައިކޮށް މާސްކު ބޭނުންކުރުމާއި އިޖުތިމާޢީ ގައިދުރުކުން ރަނގަޅަށް ފަރިތަނުކުރުމުގެ ސަބަބުން ބަލި ފެތުރޭ މިންވަރު އިތުރުވުން އެކަށީގެންވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ޢާންމުތަންތަނުގައި މާސްކު ބޭނުންކުރާނަމަ އޭގެ ބޭނުން އެންމެ ރަނގަޅުގޮތުގައި ހިފާނެ ގޮތް ދަސްކޮށްދޭން ޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ.