ފަރަންސޭސިވިލާތުގައި އުފައްދާ ރަފާލް މަރުކާގެ ހަނގުރާމަމަތީ ފަސް މަތިންދާބޯޓު އިންޑިޔާއަށް ގެނެސްފިއެވެ.
ޒަމާނީ އަސްކަރީ މަތިންދާބޯޓުތަކެއް އިންޑިޔާއިން ގެނެސްފައިވަނީ އެ ޤައުމާއި ޗައިނާއާ ގުޅޭ ސަރަޙައްދީ ރޮނގުގައި ކުރިމަތިލުންތަކެއް ހިނގައި ދެ ޤައުމުގެ ދެމެދުގައި ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްގައެވެ. ފަރަންސޭސިވިލާތުން ފުރައިގެން 7،000 ކިލޯމީޓަރުގެ ދަތުރެއް ކުރުމަށްފަހު އިންޑިޔާގެ ހަރިޔާނާ ސްޓޭޓުގެ އަންބަލާ އަސްކަރީ ވައިގެ މަރުކަޒަށް މަތިންދާބޯޓުތައް ޖައްސާފައިވަނީ ޖުލައި މަހުގެ 29ވަނަ ދުވަހުއެވެ. އެ މަތިންދާބޯޓުތައް އަންބަލާގައި މަރުކަޒުކުރުމުން ޗައިނާއާއި ޕާކިސްތާނުން އެއްވެސް ނުރައްކަލެއް ކުރިމަތިވެއްޖެނަމަ ވަގުތުން އަސްކަރީ ފިޔަވަޅު އެޅުމަށް އެހީތެރިވެދޭނެއެވެ.
2022ވަނަ އަހަރުގެ ކުރިން އިތުރު ރަފާލް މަރުކައިގެ 31 ހަނގުރާމަމަތީ މަތިންދާބޯޓު އިންޑިޔާއަށް ގެންނާނެއެވެ. އަސްކަރީ މަތިންދާބޯޓު ގަތުމަށް 2017ވަނަ އަހަރު ފަރަންސޭސިވިލާތާއެކު އެއްބަސްވުމެއްގައި ސޮއިކުރުމުން ސަރުކާރާ އިދިކޮޅު ފަރާތްތަކުންވަނީ ބޭރު ޤައުމަކަށް ނަހަމަ ގޮތެއްގައި މަޝްރޫޢެއް ޙަވާލުކޮށް، ހަމައަގަށްވުރެ ބޮޑުކޮށް ހަތިޔާރު ގަނެ ރައްޔިތުންގެ ފައިސާ އިޞްރާފުކޮށްފައިވާކަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް އިންޑިޔާއާއި ފަރަންސޭސިވިލާތުން އެ ތުހުމަތުތައް ދޮގުކުރެއެވެ.