ޕާކިސްތާނުގެ ޞިއްޙަތާބެހޭ ވަޒީރުގެ މަޤާމުން ޒަފަރު މިރުޒާ އިސްތިޢުފާ ދެއްވައިފިއެވެ.
ފާއިތުވި ދުވަސްތަކުގައި ޕާކިސްތާނުގެ އިތުރުން އެހެން ޤައުމެއްގެ ރަށްވެހިކަން އޮންނަ މީހުން ރައީސްގެ މުޝީރުންގެ ގޮތުގައި ތިބުމާ ދެކޮޅަށް އިދިކޮޅުންވަނީ އަޑުއުފުލައިފައެވެ. ދެ ޤައުމުގެ ރަށްވެހިކަން އޮންނަވާ ބޮޑުވަޒީރު ޢިމްރާން ޚާނުގެ މުޝީރެއްކަމަށްވާ ތާނިޔާ އައިދުރުސްވެސްވަނީ މަޤާމުން އިސްތިޢުފާ ދެއްވާފައެވެ.
މިރުޒާގެ މާލީ ބަޔާނުގައި އެހެން ޤައުމެއްގެ ރަށްވެހިކަން އޮންނަކަމަށް ބުނެފައެއް ނުވެއެވެ. އިސްތިޢުފާ ދެއްވަމުން މިރުޒާ ވިދާޅުވީ ބޮޑުވަޒީރުގެ މުޝީރުންނަށާއި ސަރުކާރަށް ކުރިމަތިވަމުންދާ ފާޑުކިޔުންތަކުގެ ސަބަބުން މަޤާމުން އިސްތިޢުފާ ދެއްވަން ނިންމެވީކަމަށެވެ. އޭނާ އަސްތިޢުފާ ދެއްވަނީ ކޯވިޑް-19ގެ ސަބަބުން ޤައުމަށް ކުރިމަތިވެފައިވާ ޙާލަތު ކޮންމެވެސް ވަރަކަށް ރަނގަޅުވެފައިވާ ދަނޑިވަޅެއްގައިކަމަށް ޤަބޫލުކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.
ފާއިތުވި ދުވަސްތަކުގައި ޕާކިސްތާނުގައި ކޯވިޑް-19 ފެތުރޭ މިންވަރުވަނީ ދަށަށް ގޮސްފައެވެ. ބަލި ޖެހޭ މީހުންގެ ޢަދަދު ދަށަށް ގޮސްފައިވަނީ ބައްޔަށް ތަހުލީލުކުރާ މިންވަރު ދަށަށް ދިއުމުންކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. ޕާކިސްތާނުގައި ބައްޔަށް ތަހުލީލުކުރާ މިންވަރު ދުވާކަލު 50،000 ތަހުލީލަށް އިތުރުކުރުމަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބުލިއުއެޗުއޯއިންވަނީ އިލްތިމާސްކޮށްފައެވެ. އެ ޤައުމުގައި މިހާރު ކުރަނީ ދުވާލަކު 20،000 ތަހުލީލެވެ.
ކުރިއަށްއޮތް އަޟުޙާ ޢީދު ޗުއްޓީގައި ޕާކިސްތާނުގައި ބަލި ފެތުރޭ މިންވަރު ވަރަށް ބޮޑަށް އިތުރުވާނެކަމަށް ބެލެވެއެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އެ ޤައުމުގެ ރައްޔިތުން ތަބާވުމަށް ޕާކިސްތާނުގެ ސަރުކާރުންވަނީ އިލްތިމާސްކޮށްފައެވެ.