ޚަބަރު

ޙައްޖު ހުއްދަ ނެތި ޚަރަމްފުޅަށް އެތެރެވާން އުޅުނު 200 ވުރެ ގިނަ މީހުން ހައްޔަރުކޮށްފި


ޙައްޖުވުމުގެ ހުއްދަ ނެތި ޚަރަމްފުޅަށް އެތެރެވާން މަސައްކަތް ކުރި ބަޔަކު ސައުދީ ފުލުހުން ހައްޔަރުކޮށްފިއެވެ.

ސައުދީ ސަރުކާރުން ބުނީ ޙައްޖުވުމުގެ ހުއްދަނެތި މައްކާގެ ޙަރަމްފުޅަށް ވަންނަ މަސައްކަތް ކުރި 244 މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ. އަދި މީ މީހުންނަކީ ކޯވިޑާއި ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ޙިލާފުވެފައިވާ ފަރާތްތަކަމަށެވެ. މި މީހުންނާއި ދެކޮޅަށް ހެކި އެއްކޮށް ހަރުކަށި ފިޔަވަޅުތައް އަޅާފައިވާކަމަށްވެސް ސައުދީ ސަރުކާރުން ބުނެއެވެ.

ޙައްޖުގެ ކަންކަން ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ ނިންމުންތަކަށް ސަޢުދީ ރައްޔިތުންނާއި އެ ޤައުމުގައި އުޅޭ އެހެން ޤައުމުތަކުގެ މީހުން އަމަލުކުރުމަށް ސަޢުދީ ސަރުކާރުންވަނީ އަންގާފައެވެ. އަދި ޙައްޖުވުމުގެ ހުއްދަނެތި ޙަރަމްފުޅާއި ޙައްޖާ ގުޅިފައިވާ އެހެނިހެން ސަރަހައްދުތަކަށް ވަންނަން މަސައްކަތްކުރާ ފަރާތަކާއި ދެކޮޅަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރުވެސް ވަނީ ސަޢުދީ ސަރުކާރުން ދީފައެވެ.

ސަޢުދީ ސަލާމަތީ ބާރުތަކުން އަންނަނީ މިއަދު ޙައްޖުގެ އަޅުކަމުގައި ކަންކަން ފެށުމާއި އެކު ޙަރަމްފުޅާއި ޙައްޖާ ގުޅިފައިވާ އެހެން ސަރަހައްދުތަކުގައި ސަލާމަތީކަންކަން ވަރުގަދަކޮށް ބަލަހައްޓަމުންނެވެ.

ކޯވިޑާއި ގުޅިގެން މި އަހަރުގެ ޙައްޖުގައި ބައިވެރިވުމުގެ ފުރުސަތު ދީފައިވަނީ މަދު ބަޔަކަށެވެ. މިގޮތުން ސަޢުދީ ރައްޔިތުންގެ އިތުރުން އެ ޤައުމުގައި ދިރިއުޅޭ 160 ޤައުމެއްގެ ރައްޔިތުންނަށް މި ފަހަރު ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތުވަނީ ލިބިފައެވެ. މި ހުރިހާ ޙައްޖުވެރިންވެސް ޠަވާފްގެ ކަންކަން މިއަދު ފުރިހަމަކުރުމަށްފަހު މިހާރު ތިބީ މިނާގައެވެ.