ޚަބަރު

ﷲގެ މެހެމާނުންނަށް 5 މަހަށްފަހު ޙަރަމްފުޅު ދޮރުތައް ހުޅުވާލައިފި


މާދަމާއަކީ 1441 ވަނަ އަހަރު މިއަހަރުގެ ޙައްޖު ދުވަހެވެ. ކޮންމެ އަހަރަކުވެސް ދުނިޔޭގެ އެކިކަންކޮޅުތަކުން އެތައް މިލިއަން ބައެއް ޙައްޖުގެ އަޅުކަމަށް އަރާފާތު ބިމަށް ޖަމާވެއެވެ. މިދިޔަ އަހަރުގައި ޙައްޖުގައި 2.9 މިލިއަން މީހުންވަނީ ބައިވެރިވެފައެވެ. އެހެންނަމަވެސް މިއަދު ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑްގެ ނުރައްކާގެ ސަބަބުން ސައުދީ ސަރުކާރުން އެޅި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިއަހަރު ޙައްޖުގެ އަޅުކަމުގައި ބައިވެރިވަނީ 160 ޤައުމަކުން 1000 މީހުންނެވެ. މި އެންމެނަކީވެސް ސައުދީގައި ދިރިއުޅެމުން އަންނަ އެކި ޤައުމުތަކަށް ނިސްބަތްވާ މީހުންނެވެ.

ޙައްޖުވެރިން ޠަވާފް ޤުދޫމަށް ޙަރަމަށް

ދިވެހިން ޙައްޖުވެރިން ކުރަމުން އަންނަނީ ތަމައްތުއު ޙައްޖެކެވެ. މިގޮތުން ރާއްޖެއިން ސައުދީއަށް ދިޔުމަށްފަހު ފުރަތަމަ އުމްރާ ކުރާނެއެވެ. އެ އުމްރާއަކީ ޙައްޖުގެކުރިން ކުރާ އުމްރާއެވެ. އެއަށްފަހު މަދީނާއަށް ދަތުރުކުރުމަށްފަހު އެނބުރި މައްކާއަށް އައިސް އިތުރު އުމްރާއެއް ވާނެއެވެ.

މި ފަހަރުގެ ހައްޖުވެރިން ކުރާނީ "ޙައްޖު އިފްރާދް"އެވެ. "ޙައްޖު އިފްރާދް" ގައި ޙައްޖުގެ ކުރިން ކުރާ އުމްރާ ކުރާކަށް ނުޖެހޭނެއެވެ. އަދި ޙައްޖުގައި ހަދްޔުގެ ގޮތުގައި އެއްޗެއް ކަތިލާކަށްވެސް ނުޖެހޭނެއެވެ. އެހެންނަމަވެސް ޙައްޖުގައި ދެން ހުންނަ ހުރިހާ ރުކުނެއް ފުރިހަމަ ކުރާނެއެވެ. މިގޮތުން މިނާ މުޒްދަލިފާގައި ރޭ ކުރުމާއި ޖަމްރާއަށް ހިލަ އުކާނެއެވެ.

މި ފަހަރުގެ ޙައްޖުވެރިން ޙައްޖު މަހުގެ 1 ވަނަދުވަހު މައްކާއަށް ވަނުމަށްފަހު ތިބީ ކަރަންޓީނުގައެވެ. އެއަށްފަހު ޙައްޖުމަހުގެ 8 ވަނަ ދުވަހު މިއަދު ޔައުމުއްތަރްވިޔާ (އިޙްރާމް ބަންނަ ދުވަސް)ގައި ހުރިހާ ޙައްޖުވެރިންވެސް އިޙްރާމް ބަނދެ ނިޔަތް ގަންނަން ގެންދިޔައީ ޤަރުނުލްމަނާޒިލް (ތާއިފް ކައިރީގައި) ހުންނަ މީގާތަށެވެ. ޙައްޖުވެރިން ޠަވާފް އަލް ޤޫދޫމް ފުރިހަމަކުރުމަށް މިހާރު ތިބީ ޙަރަމްގައެވެ. މީ ޙައްޖުގެ ކުރިން ކުރާ ޠަވާފްއެވެ.

މި ފަހަރު ބޭނުންކުރަނީ މިނާ ޓަވަރުތައް

ޙައްޖުވެރިން ތިބުމަށް މިނާގައި 13 ބުރީގެ 6 ޓަވަރު އިމާރާތްކުރީ 2007 ވަނައަހަރުއެވެ. އެހެންނަމަވެސް މިހާތަނަށްވެސް އެ ޓަވަރުގައި އާއްމު ޙައްޖުވެރިން ބައިތިއްބާފައެއްނުވެއެވެ. އޭގެ ބަދަލުގައި އެޓަވަރުތައް ފެންނަނީ ޙައްޖު މޫސުމާއި ދިމާކޮށް ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ސައުދީ އޮފިޝަލުން ތިބޭ ތަނެއްގެ ގޮތުގައެވެ.

މި ފަހަރު ޙައްޖުގައި މަދު މީސްކޮޅެއް ބައިވެރިވާ އަހަރަކަށްވުމުން މި ފަހަރުގެ ޙައްޖާޖީން ބޭއްތިއްބުމަށް ސައުދީ ސަރުކާރުން މިނާ ޓަވަރުތައް ކަނޑައަޅާ އެތަންވަނީ ތައްޔާރުކޮށްފައެވެ. ޖަމްރާތަކާއި ދާދި ކައިރީގައި ހުންނަ މި ޓަވަރުތަކުގައި ޙައްޖުވެރިން ތިބުމަށް ބޭނުންވާ އިންތިޒާމުތައް މިހާރު ހަމަޖައްސާވަނީ ނިންމާފައެވެ. މި ތަންވެސް ތައްޔާރުކޮށްފައިވަނީ ޤައިދުރުކަން ހުންނަގޮތަށް ކޮންމެ ކޮޓަރިއެއްގައި ހަތަރު މީހުންނަށް ތިބެވޭގޮތަށެވެ.

ނަމިރާ މިސްކިތާއި އަރަފާތު ޓެންޓް

ޙައްޖަކީ އަރަފާތެވެ. ކޮންމެ އަހަރެއްގެވެސް ޙައްޖުދުވަހު އަރާފަތު ބިން މަތިން ބަލާލުމުން ފެންނާނީ ހުދުކުލައިގެ ސާލެއް ދަމާފައި އޮންނަ ހެންނެވެ. މުޅި ސަރަހަޢްދު އެއްކޮށް ފުރާލާފައިވަނީ ޙައްޖުވެރިންނާއި ގެންނެވެ. ޙައްޖަށް އަރަފާތު ބިމުގައި ގިނަ އަދަދެއްގެ ޓެންޓްތައް ސައުދީ ސަރުކާރުން ހަމަޖައްސާފައި ހުރި ނަމަވެސް ޖަބަލުއް ރަހްމާ (އަރާފަތު ފަރުބަދަ ) އާއި މަސްޖިދުލް ނަމިރާ ( އަރާފާތު ބިމުގައި ހުންނަ މިސްކިތް ) ވެސް އޮންނާނީ ޙައްޖުދުވަހު ފުރާލާފައެވެ. އަރަފާތުގެ ވަގުތަކީ އިރު މެދުން ފިލީއްސުރެ އިރު އޮއްސުމާއި ދެމެދު އޮންނަ ވަގުތެވެ. އެހެންކަމުން ހެނދުނު ހެނދުނާ ޙައްޖުވެރިން އަރާފަތު ބިމަށްވަދެ އަރަފާތު ފަރުބަދައާއި ނަމީރާ މިސްކިތުން ޖާގަ ހޯދައެވެ.

މި ފަހަރުގެ ޙައްޖަށް ނަމިރާ މިސްކިތުގެ ތައްޔާރީތަކަށް ބަލާއިރު ޙައްޖުވެރިން ތިބޭނެ ތަންތަން ފާހަގަކޮށް މިސްކިތްވަނީ ޑިސްއިންޕެކްޓްކޮށްފައެވެ. އެއްފަހަރާ ތިން ލައްކަ މީހުންނަށް ނަމާދަށް އެރޭ މި މިސްކިތައް މި ފަހަރުގެ ޙައްޖުގައި ބައިވެރިވާ ހުރިހާ މީހުންނަށް މެންދުރު ނަމާދުގައި ބައިވެރިވެވޭނެކަމަށް ބެލެވެއެވެ.

އަރަފާތުގައި ޙައްޖުވެރިންނަށް ހަދާފައިވާ ޓެންޓްތަކަށް ބަލާއިރު އެ ޓެންޓްތައްވެސް ތައްޔާރުކޮށްފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއިއެކުއެވެ. މިގޮތުން ކޮންމެ ޙައްޖުވެރިއަކުވެސް ތިބޭނީ ކަނޑައެޅިފައިވާ ދުރުމިނުގައެވެ. މިފަހަރުގެ ޙައްޖުވެރިންނަށް ތައްޔާރުކޮށްފައިވާ ޓެންޓްތަކުގެ މަންޒަރުތަކަށް ބަލާއިރު އެންމެ އުފާވެރި އެއްކަމަކީ މި ޓެންޓްތައްވެސް ހުރީ ޖަބަލުއް ރަހްމާ (އަރާފަތު ފަރުބަދަ ) ދާދި ކައިރީގައެވެ.

މި ފަހަރުގެ ޙައްޖު އެންމެ ލުއިކޮށް

މި ފަހަރުގެ ޙައްޖުގެ ކަންކަން ސައުދީ ސަރުކާރުން ރާވާފައިވާ ގޮތަށް ބަލާއިރު ބެލެވެނީ މި ފަހަރުގެ ޙައްޖުގެ ކަންކަން ކުރިޔަށް ގެންދާނީ އެންމެ ލުއިކޮށް އެންމެ ކުރުކޮށް ކުރެވޭގޮތަށްކަމަށެވެ. މިގޮތުން މާދަމާ ޙައްޖުވެރިން ޠަވާފުލް ޤޫދޫމް ފުރިހަމަ ކުރުމަށްފަހު މިރޭ ރޭ ކުރާނީ މިނާގައެވެ. އަދި މާދަމާ ޙައްޖުވެރިން އަރާފާތުގައި ހާއްސަކުރެވިފައިވާ ޓެންޓްތަކަށް ގެންދާނެއެވެ. އަދި އަރަފާތުން ނުކުތުމަށްފަހުވެސް މުޒްދަލިފާގައި ރޭ ކުރުމަށްފަހު މިނާއަށް ޙައްޖުވެރިން އަލުން ގެންދާނެއެވެ. އާއްމުކޮށް މުޒަދަލިފާގައި މަޑުކުރުމަށްފަހު ޙައްޖުވެރިން އެރޭ މުޒްދަލީފާގައި ނިދާ ފަތިހު މުޒްދަލީފާއިން ނުކުންނާނީ ޖަމްރާއަށް އުކަން ބޭނުންވާ ހިލަވެސް ހޮވުމަށްފަހުއެވެ. އެހެންނަމަވެސް މި ފަހަރު ސައުދީ ސަރުކާރުން ވަނީ ކޮންމެ ޙައްޖުވެރިއަކަށްވެސް ސްޓްރެލައިޒްކޮށް ބަންދުކޮށް ފައިވާ ހިލަ ކޮތަޅެއް ދިނުމަށެވެ.

މިނާގައިވެސް ޙައްޖުވެރިން ތިބޭނީ 11، 12 މި ދެ ރެއެވެ. 12 ވަނަދުވަހުގެ ޖަމްރާއަށް ހިލައުކުމަށްފަހު އެދުވަހުގެ އިރު އޮއްސުމުގެ ކުރިން ޙައްޖުވެރިން މިނާއިން ނެރޭނެކަމަށް ބެލެވެއެވެ. އަދި ޠަވާފުލް އިފާޟާއަށް ގެންދާނީ މައްކާއަށް ޙައްޖުރެވިން އަނބުރާ ގެނައުމަށްފަހުކަމަށްވެސް ބެލެވެއެވެ. މިހެން މިދެންނެވީ ސައުދީ ސަރުކާރުން ހުރިހާ ހަރަދެއް ހަމަޖައްސާގޮތަށް ދައުވަތު ދީގެން ކޮންމެ އަހަރަކުވެސް އެތައް ނޫސްވެރިންނާއި ބައެއް މީހުން ޙައްޖަށް ގެންދާއިރު ކޮންމެ އަހަރަކުވެސް އަމަލުކުރަމުން އަންނަނީ މިގޮތަށްކަމަށް ވުމުންނެވެ.

ސިއްޙީ ކަންކަމާއި އެހެނިހެން ކަންކަން

މި ފަހަރުގެ ޙައްޖުގައި މަދު މީސްކޮޅެއް ބައިވެރިވި ނަމަވެސް ޙައްޖުގެ މި ދިމާވީ މުޅި ދުނިޔެއަށް ނުރައްކާތެރި ބަލި މަޑުކަމެއް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ. އެހެންކަމުން ސައުދީގެ އިންތިޒާމްތައްވެސް ހަމަޖައްސާފައި މިވަނީ އެހެން އަހަރަކުތަކަށްވުރެވެސް ފުރިހަމަކޮށެވެ. މި ގޮތުން ޙައްޖުވެރިން 20 މީހުންގެ ގްރޫޕަތަކަށް ބަހާ ކޮންމެ ގްރޫޕަކަށް ހާއްސަ ސުޕަވައިޒަރެއްވަނީ ކަނޑައަޅާފައެވެ. އަދި ވަކި ވަޓްސްއަޕް ގްރޫޕެއް ހަދާ ދުވަހުން ދުވަހަކަށް ކުރަންޖެހޭ ކޮންމެ ކަމެއް އަންނަނީ މި ގްރޫޕްގެ ތެރެއިން ހިއްސާކުރަމުންނެވެ.

ދިމާވެދާނެ ސިއްޙީ ކަމަކަށް ދުރާލާ ތައްޔާރުވުމުގެ ގޮތުން ކޮންމެ 50 ޙާޖީއަކަށް ވަނީ ޑޮކްޓަރެއް ކަނޑައަޅާފައެވެ. އަދި ކޮންމެ ޙާޖީއެއްގެވެސް ސިއްޙީކަންކަން ދަނީ ވަގުތުން ވަގުތަށް މޮނީޓަރކޮށް ބަލަހައްޓަމުންނެވެ.

މިފަހަރުގެ ޙައްޖުގައި މާތެވެގެންވާ ގެފުޅުގައި ބީހުމާއި ބޮސްދިނުން ވަނީ މަނާކޮށްފައެވެ. އަދި ޖަމާއަތުގައި ނަމާދުކުރާއި ވަގުތުތަކާއި ޠަވާފުކުރާ ވަގުތުތަކުގައި ކޮންމެ ޙައްޖުވެރިއެއްގެ ދެމެދުގައި ދޮޅު މީޓަރުގެ ދުރުމިނެއް ހުންނަން ޖެހޭގޮތަށް ވަނީ ކަނޑައަޅާފައެވެ. އަދި ޚަރަމްފުޅުގައި ވަނީ މިގޮތަށް ނިޝާންތައް ޖަހާ ފާހަގަވެސް ކޮށްދީފައެވެ.

މިފަހަރު ޙައްޖުގައި ބައިވެރިވުމުގެ ނަސީބު ލިބިފައިވާ ފަސް ދިވެހިންނަކީ މަދީނާ ޔުނިވާސިޓީގައި ކިޔަވަމުން އަންނަ ދެ ދަރިވަރަކާއީ ޤަސީމް ޔުނިވަރަސިޓީގައި ކިޔަވަމުން އަންނަ ދަރިވަރަކާއި ސައުދީގެ ވެރިރަށް ރިޔާޒްގައި މެޑިސިން ކިޔަވަމުން އަންނަ ދަރިވަރެއްގެ އިތުރުން ޙާއިލް ހުންނަ އެއަރކްރާޕްޓް އޮފީހެއްގައި މަސައްކަތް ކުރާ ދިވެހި އިންޖިއަރެކެވެ.