ޚަބަރު

"ޔާސިރު ގެއަށް ބަދަލު ކުރުމުގެ އަމުރެއް ނެރެންޖެހޭ ސަބަބެއް ނެތް"


ރާއްޖޭގެ އިމިގްރޭޝަން ގާނޫނާ ޚިލާފުވެގެން ރާއްޖެއިން ފުރުވާލެވެންދެން ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި ބަންދުކޮށްފައިވާ ޔަމަނުގެ ރައްޔިތެއްކަމަށް ބުނާ ޔާސިރު ޔަހުޔާ ގޭ ބަންދަށް ބަދަލު ކުރުމުގެ ވަގުުތީ އަމުރެއް ނެރެދެވެން ނެތްކަމަށް ސިވިލް ކޯޓުން ނިންމައިފިއެވެ.

ސިވިލްކޯޓުން މިއަމުރު ނެރެފައިވަނީ މިދިޔަ ހަފްތާގެތެރޭގައިކަމަށް މަޢުލޫމާތުލިބެއެވެ. ޔާސިރުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކީ އޭނާގެ ވިސާ ކެންސަލްކޮށް އޭނާ ޑީޕޯޓްކުރަން ދިވެހި ސަރުކާރުން ނިންމެވިނިންމުން ހުއްޓުވައިދިނުމަށް އޭނާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ނިިމެންދެން އޭނާ ގޭ ބަންދަށް ބަދަލު ކުރުމުގެ އަމުރެއް ނެރެދިނުމަށެވެ.

އެހެންނަމަވެސް މިދިޔަ ހަފްތާގެތެރޭގައި ސިވިލްކޯޓުން ނިންމަވާފައިވަނީ އެފަދަ އަމުރެއް ނެރެންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ޔާސިރު ޔަހުޔާ ކެއުމަށް އިންކާރުކުރުމުގެ ސަބަބުން ހާލު ސީރިއަސް ވަމުންދާކަމަށް ފެންނާތީ އައި.ޖީ.އެމް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭންފަށާފައި ވަނީ މިމަހުގެ 21ވަނަ ދުވަހުއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ވިދާޅުވީ، ޔަމަނު މީހާ އަދިވެސް އޮތީ އައިސީޔޫގައި ވެންޓިލޓަރުގައިކަމަށާއި، އޭނާގެ ޙާލު އަދިވެސް ވަރަށް ސީރިއަސްއަކަމަށެވެ. މިދިޔަ އަހަރު ފަހުކޮޅުގައިވެސް އޭނާވަނީ ކެއުން ހުއްޓާލައި އިހުތިޖާޖުކޮށްފައެވެ. ނަމަވެސް އޭރުވެސް ހޮސްޕިޓަލަށް ގެންގޮސްފަރުވާދިނުމަށް ފަހުން އޭނާގެ ހާލު ރަނގަޅުވިއެވެ.

2016ވަނަ އަހަރު ޢަރަބި ޓީޗަރެއްގެ ގޮތުގައި ރާއްޖެ ގެނައި ޔާސިރު ޔަހުޔާއަކީ ޓެރަރިސްޓެއްގެ ގޮތުގައި ބޭރުގެ މީޑިއާތަކުން ފާހަގަކުރުމާއި، ޓެރަރިޒަމާއި ގުޅުންހުރި ބެކްގްރައުންޑެއްވެސް އޭނާގެ އޮންނަކަން އެނގުމުން ކޯޓް ޢަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައި ވަނީ 2017 ވަނަ އަހަރުގެ މާރިޗް މަހުގެ 3 ވަނަ ދުވަހުއެވެ.

ޔާސިރު ޔަހުޔާއަކީ ޓެރަރިޒަމާއި ގުޅުންހުރި މީހެއްކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވަނީ ވިދާޅުވެފައެވެ. އަދި ރާއްޖެ ދޫކޮށް ދިއުމަށް އޭނާއަށް އެތައް ފަހަރެއްގެ މަތިން އަންގާފައިވާކަމަށާއި، ނަމަވެސް އޭނާ އެކަމަށް އިންކާރުކޮށް ޕާސްޕޯޓް ގެއްލިފައިވާކަމަށް ބުނަމުން އަންނަކަމަށް މިނިސްޓަރ އިމްރާން ވިދާޅުވެފައިވެއެވެ. އަދި ބައެއް ފަހަރު ޕާސްޕޯޓް ޔަމަނަށް ފޮނުވާލާފައިވާކަމަށްވެސް އޭނާ ބުނަމުން އަންނަކަމަށް މިނިސްޓަރ އިމްރާން މީގެކުރިން ވިދާޅުވިއެވެ. އޭނާ ފުރަން އެއްބަސްވެއްޖެނަމަ އިމިގްރޭޝަން ކޮންޓްރޯލާއަށް ލިބިދީފައިވާ ބާރުގެ ދަށުން އޭނާ ފުރުވާލެވޭނެކަމަށް މިދިޔަ އަހަރު ހޯމް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.