އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން މާލޭގައި މިރޭ ކުރިއަށްގެންދިޔަ މުޒާހަރާގައި ދެ ފުލުހެއްގެ ގަޔަށް ހައްޕުނޑުޖެހި މައްސަލައެއް ތަޙްޤީގުކުރަމުން އަންނަކަމަށް ކޮމިޝަނަރ އޮޕް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރ އޮޕް ޕޮލިސް މުޙައްމަދު ޙަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޤައުމީ ވާޖިބު އަދާކުރައްވަމުން ދިޔަ ދެ ފުލުހެއްގެ ގަޔަށް ހައްޕުނޑު ޖަހާފައިވުމަކީ ނާތަހުޒީބު ޢަމަލެއްކަމަށެވެ. އަދި މިއަދަކީ ލުއި ދިން މިހާތަނަށް އެންމެ ގިނަ މީހުން ޕޮޒިޓިވް ދުވަސްކަން ފާހަގަކުރައްވަމުން ސީޕީ ހަމީދު ވިދާޅުވީ ރާއްޖެ އަދިވެސް މި އޮތީ ކޯވިޑްގެ ނުރައްކަލުގެ ތެރޭގައިކަމަށެވެ.
ކޯވިޑް ބަލީ ފެރުރެން މެދުވެރިވަނީ ބަލި ޖެހިފައިވާ މީހެއްގެ އަނގައިން ނުވަތަ ނޭފަތުން ބޭރުވާ ޖަރާސީމުގެ ޑްރޮޕްލެޓެއް ނުވަތަ ތިކިތައް އެހެން މީހުންގެ އަނގަޔަށް، ނޭފަތަށް ނުވަތަ ލޮލަށް ގޮސްގެންކަން ހާމަކޮށް ޑޮކްޓަރުންދަނީ އެފަދަ ކަމަކަށް މަގުފަހި ނުވާނެހެން އަމަލުތައް ބެހެއްޓުމާއި މާސްކް އެޅުމުގެ މުހިއްމުކަން ފާހަގަކުރައްވަމުންނެވެ.
ކޯވިޑްގެ ނުރައްކަލުން ރާއްޖެ ސަަލާމަތް ނުވާތީ އެ ބަލިން ރައްކާތެރިވުމުގެ ގޮތުން ގިނަ ބަޔަކު އެއްވެ ނޫޅުމަށް އެޗްޕީއޭއިން އަންނަނީ ތަކްރާރުކޮށް އިލްތިމާސްކުރަމުންނެވެ. އަދި ބޭރުގައި އުޅޭއިރު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާސްކު ބޭނުންކުރުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
އެއްވުންތަކުގައި ބައިވެރިވާ މީހުން ގައިދުރުކަން ނުބެހެއްޓުމާއި މާސްކް ނޭޅުން ފަދަ ކަންކަން ކުރާތީ އެޗްޕީއޭގެ އެންގުންތަކާއި ހިލާފަށް އެއްވުންތައް ނުބޭއްވުމަށް ފުލުހުން މިރޭވެސް ވަނީ އިލްތިމާސްކޮށްފައެވެ.
މިދިޔަ 24 ގަޑިއިރިގެ ތެރޭގައި ރާއްޖެއިން ކޯވިޑަށް 137 މީހުންވަނީ ޕޮޒިޓިވްވެފައެވެ. މީގެތެރެއިން 92 މީހުންނަކީ ދިވެހިންނެވެ. މީ ފުރަބަންދަށް ލުއިތައް ދިން ފަހުން މިހާ ގިނަ އަދަދެއްގެ މީހުން ޕޮޒިޓިވް ފުރަތަމަ ދުވަހެވެ.