ޚަބަރު

ތޫނީސިޔާގެ ބޮޑުވަޒީރުގެ މަޤާމަށް ދާޚިލީ ވަޒީރު ޢައްޔަނުކޮށްފި


ތޫނީސިޔާގެ ބޮޑުވަޒީރުގެ މަޤާމަށް އެ ޤައުމުގެ ދާޚިލީ ވަޒީރުގެ މަޤާމުގައި ހުންނެވި ހާޝިމު މަޝީޝީ ޢައްޔަނުކޮށްފިއެވެ.

ތޫނީސިޔާގެ ބޮޑުވަޒީރުގެ މަޤާމުގައި ހުންނެވި އިލްޔާސް ފަޚްފާޚުވަނީ މަޤާމުގެ ނުފޫޒު ބޭނުންކުރައްވާކަމުގެ ތުހުމަތުކުރެވުމުން މަޤާމުން އިސްތިޢުފާ ދެއްވައިފައެވެ. އޭނާއަށް ތުހުމަތުކުރެވިފައިވަނީ ސަރުކާރުން ހިންގާ ބައެއް މަޝްރޫޢުތައް އޭނާގެ ޙިއްޞާ ހިމެނޭ ކުންފުނިތަކަށް ދޭ މައްސަލައެވެ. އެއާއެކު ރައީސް ޤާއިސް ސަޢީދުވަނީ ބޮޑުވަޒީރުގެ މަޤާމަށް ހާޝިމު މަޝީޝީ ޢައްޔަންކުރައްވާ ސަރުކާރެއް އެކުލަވާލުމަށް އެއް މަހުގެ މުހުލަތެއް ދެއްވާފައެވެ. އޭނާ އެކުލަވާލައްވާ ސަރުކާރަށް ޤާނޫނުހަދާ މަޖިލީހުގެ ރުހުން ނުލިބިއްޖެނަމަ ޤާނޫނުހަދާ މަޖިލީސް އުވާލައި އަވަސް އިންތިޚާބެއް ބޭއްވުމަށް އެ ޤައުމުގެ ރައީސަށް މަޖުބޫރުވެވަޑައިގަންނަވާނެއެވެ.

ތޫނިސިޔާގައި ޢާންމު އިންތިޚާބެއް އެންމެ ފަހުން ބޭއްވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. ނަމަވެސް އެ އިންތިޚާބުގައި އެއްވެސް ސިޔާސީ ޕާޓީއަކަށް ޤާނޫނުހަދާ މަޖިލީހުގެ އަޤުލަބިއްޔަތު ލިބިފައެއް ނުވެއެވެ. އެއާއެކު އެ ޤައުމުގައި ހަރުދަނާ ސަރުކާރެއް އެކުލަވާލުމަށް ކުރަމުންދާ މަސައްކަތަށް އިތުރު ގޮންޖެހުންތަކެއްވަނީ ކުރިމަތިވެފައެވެ. އިލްޔާސް ފަޚްފާޚުގެ ކުއްލި އިސްތިޢުފާގެ ސަބަބުން ތޫނީސިޔާގެ ޤާނޫނުހަދާ މަޖިލިސްވަނީ ވަރަށް ބޮޑަށް ހަލަބޮލިވެފައެވެ.

ބޮޑުވަޒީރުގެ މަޤާމަށް ޢައްޔަނުކުރި ހާޝިމު މަޝީޝީ ފާހަގަވެފައިވަނީ ރައީސް ޤާއިސް ސަޢީދުގެ ގާތް ބޭފުޅެއްގެ ގޮތުގައެވެ. މީގެ ކުރިން އޭނާވަނީ ރައީސްގެ މުޝީރުގެ މަޤާމު ޢަދާކުރައްވާފައެވެ. ޚިޔާނާތުގެ މައްސަލަތައް ތަހުޤީޤުކުރުމަށް 2011ވަނަ އަހަރު އެކުލަވާލި ޤައުމީ ކޮމިޝަނުގައިވެސް އޭނާ ހިމެނިވަޑައިގަތެވެ.

ތޫނީސިޔާގައި ދިމުކުރާތީ ވެރިކަމެއް ޤާއިމުކުރީ 2011ވަނަ އަހަރުގެ ތެރޭގައެވެ. ނަމަވެސް އެ ޤައުމުގެ ގިނަ ޢަދަދެއްގެ ރައްޔިތުންވަނީ ޤައުމުގެ އިޤްތިޞާދީ ޙާލަތާމެދު ހިތްހަމަނުޖެހި ޢާންމުންނަށް ލިބެންޖެހޭ ޚިދުމަތްތައް ނުލިބުމުގެ ސަބަބުން މާޔޫސްވެފައެވެ. ގިނަ ބަޔަކު ދެކޭގޮތުގައި ޤައުމަށް ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުކުރުމަށްވުރެ ބޮޑަށް ޤައުމުގެ އިސްވެރިންގެ ޢަމާޒުހުރީ ވެރިކަމުގައި ދެމިތިބުމަށެވެ.

ކޯވިޑް-19ގެ ސަބަބުން ތޫނީސިޔާގެ ޙާލަތުވަނީ އިތުރަށް ގޯސްވެފައެވެ. އެ ޤައުމުގެ އިޤްތިޞާދަށް މި އަހަރުގެ ތެރޭގައި 6.5 އިންސައްތައިގެ ހީނަރުކަމެއް އަންނާނެކަމަށްވަނީ އަންދާޒާކޮށްފައެވެ.