ޚަބަރު

ރާއްޖޭގެ ހަތް ސަރަޙައްދެއްގައި ކޯވިޑް ފެސިލިޓީ ޤާއިމުކޮށް ފަރުވާދެވޭނެ އިންތިޒާމު ހަމަޖައްސައިފި


އަތޮޅުތެރޭގައި ޤާއިމުކޮށްފައިވާ ހުރިހާ ކޯވިޑް ފެސިލިޓީއެއްގެ މަސައްކަތް ނިންމައި ފަރުވާ ދެވޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

އެގޮތުން އަތޮޅުތަކުގެ 7 ސަރަޙައްދެއްގައި ކޯވިޑް ފެސިލިޓީގެ މަސައްކަތް ވަނީ ނިންމާ ޚިދުމަތްދެވޭނެ ފެންވަރަށް ތަރައްޤީކޮށްފައެވެ. މިފެސިލިޓީގެތެރެއިން މިރޭ ވަނީ އައްޑޫސިޓީ އާއި ފުވައްމުލައް ސިޓީގެ އިތުރުން ހއ.އިހަވަންދޫ ކޯވިޑް މެނޭޖްމަންޓް ފެސިލިޓީ ހުޅުވާފައެވެ. ވާޗުއަލްކޮށް ބޭއްވި މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދެވެ.

އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގެ އިތުރުން ހއ އިހަވަންދޫގައި ތަރައްޤީކުރި ކޯވިޑް މެނޭޖްމަންޓް ފެސިލިޓީ ރަސްމީކޮށްމިރޭ ވަނީ ހުޅުވާފައެވެ. މި 3 ފެސިލިޓީއާއެކު މިހާރު ރާއްޖޭގެ 7 ސަރަޙައްދެއްގައި ކޯވިޑް ފެސިލިޓީތައް ވަނީ ތަރައްޤީކޮށް ނިމި ޚިދުމަތްދެވޭނެ އިންތިޒާމު ހަމަޖެހިފައެވެ. އެގޮތުން މިހާރު އުތުރުގެ ރަށްތަކަށް ޚާއްސަކޮށްގެން ހއ. އިހަންވަންދޫގައި ވަނީ ކޯވިޑް ފެސިލިޓީ ޤާއިމްކޮށް ނިމިފައެވެ. މިފެސިލިޓީއަކީ ހއ، ހދ އަތޮޅުގެ ރައްޔިތުންނަށް ފަރުވާ ދިނުމަށް ޤާއިމުކޮށްފައިވާ ފެސިލިޓީއެކެވެ. ހަމައެއާއެކު ށ. ފޮނަދޫގައިވެސް ވަނީ މިސަރަޙައްދުން ކޯވިޑް މެނޭޖްމަންޓް ފެސިލިޓީއެއް ޤާއިމުކޮށްފައެވެ. ނ،ރ،ބ،ޅ އަތޮޅުގައި ހިމެނޭ ރައްޔިތުންނަށް ކޯވިޑްގެ ކަންކަމުގައި ފަރުވާކުރުމަށް ކޯވިޑް މެނޭޖްމަންޓް ފެސިލިޓީ ތަރައްޤީކޮށްފައި ވަނީ ބ އަތޮޅު އޭދަފުށީގައެވެ.

މީގެއިތުރުން މ،ފ،ދ،ތ،ލ އަތޮޅުގެ ރައްޔިތުންނަށް ފަރުވާ ކުރުމަށް ލ.ގަމުގައި ކޯވިޑް މެނޭޖްމަންޓް ފެސިލިޓީއެއްވެސް ވަނީ ރަސްމީކޮށް ހުޅުވާފައެވެ. ގއ، ގދ ޒޯނުގެ ކޮވިޑް ފެސިލިޓީ ޤާއިމުކޮށްފައިވަނީ ގއ. ވިލިނގިލީގައެވެ. މީގެ އިތުރުން ފުވައްމުލައް ސިޓީގައިވެސް ކޯވިޑް މެނޭޖްމަންޓް ފެސިލިޓީއެއް ޤާއިމުކޮށްފައިވާއިރު ދެކުނުގައި ކޯވިޑްގެ މައި ފެސލިޓީއެއްގެ ގޮތުގައި ތަރައްޤީކޮށްފައިވަނީ އައްޑޫ ސިޓީ ހިތަދޫގައެވެ. މި ފެސިލިޓީތަކުގައި މަދުވެގެން 20 އެނދުގެ އައިސީޔޫ އަކާއި 30 އައިސޮލޭޝަން އެނދު ހުންނާނެކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ. މި ތަންތަނުން ކޮވިޑް ޓެސްޓް ހެދުމާއި، ބަލީގައި ޙާލުބޮޑުވާ މީހުންނަށް ވެންޓިލޭޓަރުގެ އެހީގައި ފަރުވާދެވޭނެ ވަސީލަތްތައް ޤާއިމުކޮށްފައިވާކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.

ހއ އިހަވަންދޫ އާއި ފުވައްމުލައް އަދި ސ ހިތަދޫގައި ޤާއިމްކޮށްފައިވާ ކޯވިޑް ފެސިލިޓީތައް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން ވިދާޅުވީ ކޯވިޑް-19ގެ ނުރައްކާ ކުޑަވެގެން އަދި މިކަމުން އަރައިގަތުމަށް ކުރަންޖެހޭ މަސައްކަތް ހުއްޓާލަން ނުޖެހޭކަމަށެވެ. އެގޮތުން ކަމާބެހޭ ފަރާތްތަކުން އަދިވެސް މަސައްކަތްކުރައްވަމުންގެންދަވަނީ މިބަލިން އެއްކޮށް އަރައިގަތުމަށްކަން ފާހަގަކުރައްވާ ހެލްތު މިނިސްޓަރވަނީ އާއްމުންވެސް މިބަލިން ސަލާމަތްވުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކުރައްވާފައެވެ.

"އަޅުގަނޑުމެން މިދަނޑިވަޅުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ނާޅައިފިނަމަ ކުރިއަށް އޮތީ މާ ނުރައްކާތެރި ދުވަސްތަކަކަށް ވެދާނެ. ކުރިއަށް މިއޮތީ ޢީދު ބަންދު. މިއީ އަޅުގަނޑުމެންގެ ޢާއިލީ ގުޅުންތައް ބަދަހިކޮށް އުފާވެރިކަމާއެކު ހޭދަކުރާ ދުވަސްތަކެއް ނަމަވެސް މިފަހަރު ޢީދަކީ ޗުއްޓީއެއްކަމުގައި ނުދެކި މިއީ އެކަކު އަނެކަކު މިވައިރަހުން ސަލާމަތްކުރުމަށް ހޯދާ ފުރުސަތަކަށް ހައްދަވާ." މިނިސްޓަރ އަމީން ވިދާޅުވިއެވެ.

ކުރިއަށް އޮތް އީދު ޗުއްޓީގައި އެއްވެސް ފަރާތަކުން ކޮންމެހެން ކުރަންޖެހޭ ދަތުރެއްގައި ނޫނީ އެއްރަށުން އަނެއް ރަށަށް ނުދިޔުމަށްވެސް ހެލްތު މިނިސްޓަރ ވަނީ އިލްތިމާސްކުރައްވާފައެވެ.
މީގެއިތުރުން ރާއްޖޭގައި މިހާރު ފުރަބަންދަށް ދެމުންދާ ލުއިތަކުގެތެރެއިން އަންނަ އޯގަސްޓު މަހުގެ ތެރޭގައި ރިވިއުތަކެއް ހެދުމަށްފަހު ރާއްޖޭގެ ގެސްޓް ހައުސްތައް ހުޅުވުމުގެ މަސައްކަތް ކުރަން ސަރުކާރުން ނިންމަވާފައިވާކަމަށް ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.

"މިހާރު ދީފައިވާ ލުއިތަކުގެތެރއިން ގެސްޓްހައުސްތައް ހުޅުވާ ޚިދުމަތް ދިނުމަށް ހުއްދަ ދީފައިނުވިނަމަވެސް އަންނަ އޯގަސްޓް މަހުގެ ތެރޭގައި ކަމާގުޅުންހުރި ފަރާތްތަކުން ރިވިއު ކުރުމަށްފަހު ލަފާކުރެވޭގޮތުން އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ގެސްޓް ހައުސް ވިޔަފާރި ހުޅުވާލެވޭނެކަމަށް މިބަލަނީ." މިނިސްޓަރ އަމީން ވިދާޅުވިއެވެ.

ރާއްޖޭގައި ކޯވިޑް-19 އާއި ދެކޮޅަށް ކުރަމުންދާ މަސައްކަތުގެތެރެއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިބައްޔަށް ފަރުވާ ދެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ. މިއާއެކު ސަރުކާރުން ގެންދަ ވަނީ ރާއްޖޭގެ އިޤްތިޞާދު ކޮޅަށްޖެހުމަށްޓަކައި ރާއްޖޭގެ ބޯޑަރު ހުޅުވާލައި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ރާއްޖެއަށް ފަތުރުވެރިންނަށް އާދެވޭނެ އިންތިޒާމުތައް ހަމަޖައްސަމުންނެވެ.