މުނިފޫހިފިލުވުން

ގިނަ ބަޔަކު އިންތިޒާރުކުރަމުންދިޔަ ފިލްމުތަކެއް ނެރުން ފަސްކޮށްފި

ކޯވިޑްގެ ސަބަބުން ވޯލްޓްޑިޒްނީގެ ބޮޑު 3 ފިލްމެއް ނެރުން ފަސްކޮށްފިއެވެ.

ޑިޒްނީއިން ނެރުމަށް ހަމަޖައްސާފައިވާ ފިލްމުތަކުގެ ތެރެއިން ފަސްކޮށްފައިވަނީ ގިނަ ބަޔަކު އިންތިޒާރުކުރަމުންދާ ފިލްމުތަކެކެވެ. އެއީ ސްޓަރ ވޯސްގެ ފިލްމަކާއި، އެވޭޓަރ 2 އަދި މުލާންއެވެ. ސްޓަރ ވޯސް އާއި އެވޭޓަރ 2 ރިލީޒްކުރުން ވަނީ އަހަރެއްހާ ދުވަހަށް ފަސްކޮށްފައެވެ. އަދި މުލާން ރިލީޒްކުރާނެ ތާރީޙެއް އިއުލާންކޮށްފައެއް ނުވެއެވެ. މިހާރު ޝެޑިއުލް އޮތް ގޮތުން އެވޭޓަރ ރިލީޒްކުރާނީ 2022 ވަނަ އަހަރުއެވެ. އަދި ސްޓާރ ވޯސް ރިލީޒްކުރާނީ 2023 ވަނަ އަހަރުއެވެ.

ކޮރޯނާ ވައިރަސްގެ ސަބަބުން ފިލްމު އުފައްދާ ފަރާތްތަކާއި ސިނަމާތަކަށް ދަނީ ބޮޑު ގެއްލުމެއް ލިބެމުންނެވެ. ލޮކްޑައުންއަށްފަހު ސިނަމާތަކަށް ލިބޭ އާމްދަނީ ރަނގަޅުވާނެކަމަށް ބެލިޔަސް، ބޮޑެތި ފިލްމުތައް ރިލީޒްކުރުން ފަސްކުރުމަކީ ސިނަމާތަކަށް އިތުރު ގެއްލުންތައް ކުރިމަތިވާނޭކަމެއްކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ބައެއް ޤައުމުތަކުގެ ސިނަމާތައް ހުޅުވަމުންދާއިރު، އެމެރިކާގައި ވައިރަސް ފެންނަ މިންވަރު އިތުރުވަމުންދާތީ، އެމެރިކާގެ ސިނަމާތައް ހުޅުވާނޭ ތާރީޙެއް އޮތީ ނޭނގުމެއްގެ ތެރޭގައެވެ. ނަމަވެސް އިނގިރޭސިވިލާތާއި ޗައިނާގެ ބައެއް ސިނަމާތައް މިހާރު ވަނީ ހުޅުވާފައެވެ.