ވިޔަފާރި

އެމްއައިބީގެ ޑިރެކްޓަރުންގެ ބޯޑަށް އަހުމަދު އަލީ


މޯލްޑިވްސް އިސްލާމިކް ބެންކުގެ ޑިރެކްޓަރުންގެ ބޯޑަށް ފުރަތަމަ ފަހަރަށް އާއްމު ހިއްސާދާރުން ތަމްސީލުކުރާ ޑިރެކްޓަރެއް އައްޔަންކޮށްފިއެވެ.

މޯލްޑިވްސް އިސްލާމިކް ބެންކު، އެމްއައިބީގެ ޑިރެކްޓަރުންގެ ބޯޑަށް އާއްމު ހިއްސާދާރުން ތަމްސީލްކުރާ މެމްބަރު އައްޔަންކޮށްފައިވަނީ ބުރާސްފަތިދުވަހު ބޭއްވި އެމްއައިބީގެ އަހަރީ އާއްމު ޖަލްސާގައެވެ.

އަހަރީ އާއްމު ޖަލްސާގައި އާއްމު ހިއްސާދާރުންގެ މެދުގައި ނެގުނު ވޯޓުން، އާއްމު ހިއްސާދާރުން ތަމްސީލުކުރާ ޑިރެކްޓަރެއްގެ ގޮތުގައި އައްޔަންކޮށްފައިވަނީ އަހުމަދު އަލީއެވެ. އަހުމަދު އަލީ ޑިރެކްޓަރަކަށް އައްޔަންކުރަން ފެންނަކަމަށް އާއްމު ހިއްސާދާރުންގެ 89 އިންސައްތަ މީހުން ވޯޓު ދިނެވެ. އޭނާއާ ވާދަކުރި އަހުމަދު އަސްލަމްއަށް ލިބިވަޑައިގަތީ 11 އިންސައްތަ ވޯޓެވެ.

އެމްއައިބީގެ އާއްމު ހިއްސާދާރުން ތަމްސީލުކުރާ ޑިރެކްޓަރަކަށް އައްޔަންކުރި އަހުމަދު އަލީއަކީ މެލޭޝިޔާގެ އިސްލާމިކް ޔުނިވަރސިޓީން އެކައުންޓިންގެ ދާއިރާއިން ބެޗްލަރސް ޑިގްރީ އަދި ފައިނޭންސް ދާއިރާއިން މާސްޓަރ އޮފް ސައިންސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

މޯލްޑިވްސް އިސްލާމިކް ބެންކުގެ ޑިރެކްޓަރުންގެ ބޯޑަށް ފުރަތަމަ ފަހަރަށް އާއްމު ހިއްސާދާރުން ތަމްސީލުކުރާ ޑިރެކްޓަރެއް އައްޔަންކޮށްފައި ވަނީ މިދިޔަ އަހަރު އެބެންކުން ފުރަތަމަ ފަހަރަށް އާއްމުންނަށް ހިއްސާ ވިއްކުމަށްފަހުއެވެ. އެގޮތުން އެބެންކުގައި މިހާރު އާއްމު ހިއްސާދާރުންގެ 20.47 އިންސައްތަ ހިއްސާ އޮވެއެވެ. ބާކީ ހިއްސާތަކުގެ ތެރެއިން 36 އިންސައްތަ ހިއްސާއަކީ އިސްލާމިކް ކޯޕަރޭޝަން ފޯރ ޑިވެލޮޕްމަންޓް، އައިސީޑީގެ ހިއްސާއެވެ. ދިވެހި ސަރުކާރުގެ 28 އިންސައްތަ ހިއްސާ އޮންނައިރު، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޓިވް އޮފީހުގެ 10.53 އިންސައްތަ ހިއްސާ އަދި އަމާނަތަކާފުލް މޯލްޑިވްސްގެ 5 އިންސައްތަ ހިއްސާ އެކުންފުނީގައި އޮވެއެވެ.

މިދިޔަ އަހަރު އެމްއައިބީއަށް ލިބުނު ފައިދާގެ ތެރެއިން 35.4 މިލިއަން ރުފިޔާ އާއްމު ހިއްސާދާރުންނަށް ބެހުމަށް އެމްއައިބީގެ ބޯޑުން ވަނީ ނިންމާފައެވެ. އެއީ ހިއްސާއަކަށް 1.58 ރުފިޔާއެވެ.

2010 ވަނަ އަހަރު އުފެއްދި މޯލްޑިވިސް އިސްލާމިކް ބޭންކްއަކީ އައިސީޑީގެ 10 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓަކާއި ސަރުކާރުގެ 1 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓަކާއެކު އުފައްދާފައިވާ ބޭންކެކެވެ. އެމްއައިބީއަކީ ރާއްޖޭގައި އިސްލާމީ ޝަރީޢާގެ އުސޫލުތަކާއި އެއްގޮތަށް ހިންގާ ހަމައެކަނި ބޭންކެވެ.