މިއަހަރު ޙައްޖުގެ އަޅުކަމުގައި ބައިވެރިވާ ޙައްޖާޖީން މިހާރު މިވަނީ މައްކާއަށް ވަންނަން ފަށާފައެވެ. ފުރަތަމަ ގްރޫޕް އިއްޔެ މައްކާގައި އެމީހުންނަށް ހާއްސަ ހޮޓަލަށް ދިޔައިރު ފުރަތަމަ ބެޗްގައި ދެ ދިވެއްސަކުވެސް އިއްޔެވަނީ މައްކާގެ ހޮޓަލަށް ގޮސްފައެވެ.
މި ފަހަރު ޙައްޖުގައި ރާއްޖޭގެ ފަރާތުން ބައިވެރިވަނީ ސައުދީގައި ކިޔަވަމުން އަންނަ ބައެއް ދަރިވަރުންގެ އިތުރުން އެޤައުމުގައި މަސައްކަތް ކުރަމުން އަންނަ ދިވެއްސެކެވެ. މީގެތެރެއިން އިއްޔެ މައްކާއަށް އެތެރެވެފައިވަނީ ޤަސީމް ޔުނިވަރސިޓީގައި ކިޔަވަމުން އަންނަ ދަރިވަރާއި ހާއިލް ޕްރޮވިންސްގެ އެއަރ ކްރާޕްޓް އޮފީހެއްގައި މަސައްކަތްކުރާ ދިވެހި އިންޖިނިއަރެވެ.
މި ފަހަރުގެ ޙައްޖުގައި ބައިވެރިވާ މަދު ދިވެހިންގެ ތެރޭގައި ހިމެނޭ އެއް ދަރިވަރު އިސްމާއިލް ރިޔާޒް މައްކާގައި ހުރެ ޕީއެސްއެމް ނިއުސްއާއި ވާހަކަ ދައްކަމުން ބުނީ މިފަހަރުގެ ޙައްޖުގައި ކުރިން ބެލެވުނީ 5 ދިވެހިން ބައިވެރިވާކަމަށެވެ. އެހެންނަމަވެސް މައްކާގެ ހޮޓަލަށް އައުމުން 6 ދިވެއްސަކަށް މި ފަހަރުގެ ޙައްޖުގައި ބައިވެރިވުމުގެ ފުރުސަތު ލިބިފައިވާކަން އެނގިފައިވާކަމަށް އޭނާ ބުންޏެވެ. އޭގެތެރޭގައި އަންހެން ކުއްޖަކުވެސް ހިމެނޭކަން އޭނާ ފާހަގަކުރިއެވެ.
މައްކާގެ ހޮޓަލުގައި ހުރި ދިވެހި ޙާޖީ ބުނީ މި ފަހަރުގެ ޙައްޖުގައި 10000 މީހުން ބައިވެރިވާކަމަށް ހަބަރުތަކުގައި ބުނިނަމަވެސް މައްކާގައި ޙާޖީން ބަހައްޓާ ހޮޓަލުގައި ހުރި ލިޔެކިޔުންތަކަށް ބަލާލުން ޙައްޖުގައި ބައިވެރިވަނީ 1000 މީހުންކަމަށް ބެލެވޭކަމަށެވެ.
މައްކާއަށް ޙައްޖުވެރިން ވަންނަން ފަށާފައިވާއިރު ހުރިހާ ޙައްޖުވެރިންވެސް ބޭއްތިބުމަށް ހަމަޖެހިފައިވަނީ މައްކާގައި ހުންނަ ސެރަޓަން ގެ ފޯރ ޕޮއިންޓްސް ހޮޓަލުގައެވެ. އާއްމުކޮށް ޙައްޖު މޫސުމްގައި ކޮންމެ ކޮޓަރިއެއްގައި އެއް ޙައްޖުވެރިއަކަށް ވުރެ ގިނަ މީހުން ބޭއްތިބި ނަމަވެސް މި ފަހަރު ކޮންމެ ޙައްޖުވެރިއަކަށް ހަމަޖައްސާފައިވަނީ ވަކި ވަކި ކޮޓަރިތަކެވެ.
" މީ ވަރަށް ބޮޑު ހޮޓެލެއް. ކޮންމެ މީހަކު ހުންނަނީ ވަކި ކޮޓަރިއެއްގައި. ކޮޓަރީގައި ހުންނަނީވެސް ޑަބަލް ބެޑް. ކޮފީއާއި އެހެނިހެން ބައެއް ހިދުމަތްތައް އަބަދުވެސް ލިބެންހުރޭ. ކާންވެސް ގެންނަނީ ކޮޓަރިއަށް. ކެއުމުގައިވެސް ގިނަ އަދަދެއްގެ ތަކެތި ހިމަނާފައި ހުރޭ. " ރާއްޖެއިން މިފަހަރު ޙައްޖުގެ ފުރުސަތު ލިބުނު ދިވެހި ދަރިވަރު ކިޔާދިނެވެ.
މައްކާގައި ހުރި ދިވެހި ޙާޖީ އިސްމާއިލް ރިޔާޒް ބުނީ ސައުދީ ސަރުކާރުން ހަމަޖައްސާފައިވާ އިންތިޒާމުތައް ވަރަށް ފުރިހަމަ ކަމަށެވެ. މިގޮތުން މައްކާއާއި ދުރު ސިޓީތަކުން އަންނަ މީހުން އަމިއްލަ ހަރަދުގައި ޕްލައިޓްތަކުގައި އައުމަށް ކުރިން އެންގިނަމަވެސް މިހާރު އެ ފަރާތަކަށްވެސް ހާއްސަ ފްލައިޓްތަކެއް ހަމަޖައްސާފައިވާކަމަށެވެ. އަދި އެކަމަށް އެއްވެސް ހަރަދެއް ނުނަގާނެކަން އަންގާފައިވާކަމަށްވެސް އެނާ ބުންޏެވެ.
" ވަޓްސް އަޕް ގްރޫޕެއް ހަދާ ކޮންމެ ގްރޫޕެއްގައި 20 މީހުން ހިމަނާ ސްޕަވައިޒަރެއް ވަނީ ކަނޑައަޅާފައި. އަދި ބޭނުންވާ ހުރިހާ މައުލޫމާތުތަކެއް އަންނަނީ ދެމުން . އެއަރޕޯޓަށް އައިއިރު ރިސީވްކުރަންވެސް ގިނަ އަދަދެއްގެ މީހުން އައިސްތިބި. ބަހެއްގައި ތިބެނީ ޖުމްލަ 14 މީހުން. ހޮޓަލަށް ބަހުގައި އައިއިރު ބަހުގެ ކުރީގައި ސިފައިންގެ ކާރުތައްވެސް އޮވޭ. ހީވަނީ މޯޓޭކޭޑަކާއި އެކު އާދެވުނުހެން. އިންތިޒާމުތައް ވަރަށް ފުރިހަމަ. " ރިޔާޒް ކިޔަދިނެވެ.
އޭނާ ބުނީ މައްކާއަށް އައުމުގެ ކުރިން ފުރަތަމަ ކޯވިޑަށް ޓެސްޓްކުރުމަށްފަހު ގޭގައި ކަރަންޓީނުގައި ހުންނަން ޖެހުނުކަމަށެވެ. އަދި އެ މުއްދަތުގައި އުޅެން ޖެހުނީ ވަކި ބޭންޑެއް އަތުގައި އަޅައިގެންކަމަށާއި އެ ބޭންޑްގެ އެހީގައި މީހާގެ ހުރިހާ ހަރަކާތެއް ސައުދީ ސަރުކާރުން ބަލަމުން އައިކަން އެނާ ފާހަގަކުރިއެވެ.
" ކޯވިޑަށް ޓެސްޓްކުރުމަށްފަހު ގޭގައި ކަރަންޓީނުކޮށް ބޭންޑެއް އެޅުވި. ބޭންޑް އެޅުވުމަށްފަހު ފޯނުގެ ލޮކޭޝަން އޮންކޮށް އަބަދު ވައިފައި ޖައްސާ ބުލޫޓޫތް އޮންކޮށްފައި ބަހައްޓަން ޖެހޭނީ. ފޯނު ނިވުނަސް ނުވަތަ ބްލޫޓޫތް އޮފް ވިޔަސް ބަލަނީ ކަނޑައެޅިފައިވާ އުސޫލާއި ހިލާފުވީކަމަށް. އެހެންވެ އަބަދު ޖައްސައިގެން އުޅެންޖެހުނީ " މައްކާގައި މިވަގުތު ހުރި ދިވެހި ދަރިވަރު ކިޔައިދިނެވެ.
ރިޔާޒް ބުނީ ކޮންމެ ދުވަހަކުވެސް ކުރަންޖެހޭ ކަންކަން ވަކިވަކިން އެގޭނެ ހެން ލިޔުމުން އެކަން އަންގާފައިވާކަމަށެވެ. އަދި ހައްޖުގައި ބޭނުންކުރަންޖެހޭ އިހްރާމްވެސް ދީފައިވަނީ ސައުދީ ސަރުކާރުންކަމަށް އޭނާ ބުންޏެވެ.
" މިފަހަރު ބުނެފައި އޮތީ ހޮޓަލުން އިހްރާމް ބަންދެންގެން މީގާތަށް ގޮސްފައި ނިޔަތް ގަންނާނީ. ދެން އިހްރާމްވެސް މިތަނުން ދީފައި އެބައޮތް. ވަރަށް މެޑިކަލީ ޗެކްކޮށްފައި ވަރަށް ރަނގަޅަށް ތައްޔާރުކޮށްފައި އޮތީ. ކޮންމެ ދުވަހަކު ކުރާނެކަންކަންވެސް އެބަހުރި ލިޔެކިޔުމުން ދީފައި. މިސާލަކަށް ޙައްޖުމަހުގެ 8 ވަނަދުވަހު މިވެނި ގަޑިއަކުން މިވެނި ގަޑިއަކަށް ކުރާނީ މިވެނި ކަމެކޭ. މިވެނި ތަނަކަށޭ ދާނީ. އަދި ތަންތަނަށް ދިއުމަށްވެސް ވަކި ވަގުތުތައް ވަކި ގްރޫތަކަށް ވަކިން ވަނީ ކަނޑައަޅާފައި. " އެނާ ކިޔައިދިނެވެ.
މިފަހަރުގެ ޙައްޖުގައި ބައިވެރިވާ ދިވެހިންނާއި ބާކީ ތިބި ހުރިހާ އެންމެން މިއަދު މެންދުރު ނަމާދުގެ ކުރިން މައްކާގެ ހޮޓަލަށް އައިސް ނިމެނޭކަމަށްވެސް ރިޔާޒު ބުންޏެވެ.
ޙައްޖުވެރިން މައްކާގައި ކަރަންޓީނުގައި ތިބުމަށްފަހު ޙައްޖުމަހުގެ 8 ވަނަ ދުވަހު ޔައުމުއްތަރްވިޔާ (އިޙްރާމް ބަންނަ ދުވަސް)ގައި ހުރިހާ ހައްޖުވެރިންވެސް އިޙްރާމް ބަންނާނީ ހޮޓަލުންނެވެ. ޙައްޖަށް ނިޔަތް ގަންނާނީ ޤަރުނުލްމަނާޒިލް (ތާއިފް ކައިރީގައި) ހުންނަ މީގާތުންނެވެ. އަދި އެއަށްފަހު ހައްޖުވެރިންނަށް ޚާއްސަކޮށް މިނާގައި ކަނޑައަޅާފައިވާ ތަންތަނަށް ގެންދާނެއެވެ.
މި އަހަރުގެ ޙައްޖުގެ އަޅުކަމުގައި ބައިވެރިވާ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ވަނީ ޚާއްޞަ ފިޔަވަޅުތައް އަޅާފައެވެ. މިގޮތުން މާތްވެގެންވާ ގެފުޅުގައި ބީހުމާއި ބޮސްދިނުން ވަނީ މަނާކޮށްފައެވެ. ޖަމާޢަތުގައި ނަމާދުކުރާ ވަގުތުތަކާއި ޠަވާފުކުރާ ވަގުތުތަކުގައި ކޮންމެ ޙައްޖުވެރިއެއްގެ ދެމެދުގައި ދޮޅު މީޓަރުގެ ދުރުމިނެއް ހުންނަޖެހޭނެކަމަށްވެސް ވަނީ ކަނޑައަޅާފައެވެ.
މީގެއިތުރުން ހުރިހާ ޙާޖީންނަށް ޒަމްޒަމް ފެން ލިބޭނީ އެކަކު ބޭނުންކުރާ މިންވަރަށް ކުދި ފުޅިތަކުގައެވެ. އަދި ޖަމްރާއަށް އުކަން ހިލަ ހޮވުމުގެ ބަދަލުގައި ކޮންމެ ޙާޖީއަކަށް ހިލަ ކޮތަޅެއް ދިނުމަށް ވަނީ ނިންމާފައެވެ.