ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ އިދާރާއިން ޔެލޯ އެލަރޓް ނެރެފިއެވެ.
މޫސުމާ ބެހޭ އިދާރާއިން ހާމަކުރައްވާފައިވާ ގޮތުގައި މިއަދު 10.30 އާ ހަމައަށް ހއ. އަތޮޅުން ފެށިގެން ދ.އަތޮޅާ ހަމައަށް ބޯކޮށް ވާރޭވެހޭނެއެވެ. އަދި ގަޑިއަކު 23 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެއެވެ. އަދި ވިލާގަނޑުގައި 55 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެއިދާރާއިން ވަނީ ހާމަކުރައްވާފައެވެ.
މުޅި ރާއްޖެއަށް މޫސުމް ލަަފާކުރާ ގޮތަށް ބަލާއިރު ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއި އެކު ވިއްސާރަކުރާނެއެވެ. އަދި އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވައެވެ.
ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖޭހެނެކަމަށާއި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖޭހެނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 50 މޭލުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާކަމަށްވެސް މެޓް އޮފީހުން ވިދާޅުވެއެވެ.
އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެކަމަށައި ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަ ވާނެކަމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. ރާޅުގެ އުސްމިން 3 ފޫޓައި 6 ފުޓާއި ދެމުދުގައި ހުންނާނެކަމަށާއި ދިޔަވަރު ބޮޑުވާގަޑިތަކުގައި ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާތީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައެވެ.