ކުޅިވަރު

މިސީޒަންގައި ކޮންމެ ނަތީޖާއެއް ނިކުތްނަމަވެސް ކުލަބު ދޫކޮށްލުމުގެ ޚިޔާލެއް ނެތް:އެމްބާޕޭ



މިސީޒަންގައި ކޮންމެ ނަތީޖާއެއް ނިކުތްނަމަވެސް ކުލަބު ދޫކޮށްލުމުގެ ޚިޔާލެއް ނެތްކަމަށާއި އަންނަ ސީޒަންގައިވެސް ހުންނާނީ ޕީއެސްޖީގައި ކަމަށް އެކުލަބުގެ ޒުވާން ފޯވާޑް ކީލިއަން އެމްބާޕޭ ބުނެފިއެވެ.

2018ވަނަ އަހަރު ފްރާންސް އާއިއެކު ފީފާ ވޯލްޑްކަޕް އުފުލާލީ ކުޅުންތެރިޔާ މިހެން ބުނެފައިމިވަނީ ޔޫރަޕުގެ ބޮޑެތި ކުލަބުތަކުން އޭނާއަށް ފާރަލަމުން އަންނަ ދަނޑިވަޅެއްގައެވެ. އެގޮތުން އިނގިރޭސި ޗެމްޕިއަން ލިވަޕޫލްއިންވެސް އޭނާ ހޯދުމަށް މަސައްކަތް ކުރަމުން އަންނަކަމަށް މީޑިއާގައި ވަނީ އަޑުފެތުރިފައެވެ.

ޗެމްޕިއަންސް ލީގު ހޯދުމުގެ ރޭހުގައިއޮތް ޕީއެސްޖީއިން މިހާރު އަންނަނީ އެމްބާޕޭގެ ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރުމަށް މަސައްކަތް ކުރަމުންނެވެ. އަނެއްކޮޅުން އެމްބަޕޭއާއިއެކު ޕީއެސްޖީއަށް ކުޅެމުން އަންނަ ފޯވާޑް ނޭމާ ހޯދުމަށް އޭނާގެ ކުރީގެ ކުލަބު ބާސެލޯނާއިން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް މީޑިއާ ރެޕޯޓްތަށް ބުނެއެވެ.

2017ވަނަ އަހަރު މޮނާކޯއިން ޕީއެސްޖީއަށް ބަދަލުވެ އެމްބާޕޭ ވަނީ އެކުލަބަށް 51ގޯލު ކާމިޔާބުކޮށްދީފައެވެ. އޭނާ އެކުލަބާއިއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ 2022ވަނަ އަހަރުގެ ނިޔަލަށެވެ.