ޚަބަރު

ދިގު މަޝްވަރާތަކަށްފަހު ކޯވިޑް-19ން އަރައިގަތުމަށް ޚާއްޞަ ބަޖެޓެއް ވިލާތުން ފާސްކޮށްފި


ފަސް ދުވަހަށް ދިގުދެމިގެންދިޔަ މަޝްވަރާތަކަކަށްފަހު ކޯވިޑް-19ން އަރައިގަތުމަށް ވިލާތުގެ އިއްތިޙާދުގެ ޤައުމުތަކުން ޚާއްޞަ ބަޖެޓެއް ފާސްކޮށްފިއެވެ. މިއީ ފާއިތުވި 70 އަހަރުގެ ތެރޭގައި ވިލާތުގެ އިއްތިޙާދަށް ނިޞްބަތްވާ ހުރިހާ ޤައުމަކަށް މަންފާ ލިބޭ ގޮތަށް ބަޖަޓެއް ފާސްކުރި ފުރަތަމަ ފަހަރެވެ.

ކޯވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ ޙާލަތުން އަރައިގަތުމަށް ވިލާތުގެ އިއްތިޙާދުގެ ޤައުމުތަކުގެ އިސްވެރިންވަނީ 750 ބިލިއަން ޔޫރޯގެ ބިޔަ ފަންޑެއް ޤާއިމުކުރުމަށް ނިންމާފައެވެ. އެ ފަންޑުގެ އިތުރުން ކުރިއަށްއޮތް 7 އަހަރު ދުވަހަށް ވިލާތުގެ އިއްތިޙާދުން ޚަރަދުކުރުމަށް ނިންމާފައިވާ 1.1 ޓްރިލިއަން ޔޫރޯގެ ބަޖެޓުގެ ސަބަބުން ދެވަނަ ބޮޑު ހަނގުރާމައަށްފަހު ދުނިޔެއަށް ކުރިމަތިވި އެންމެ ބޮޑު އިޤްތިޞާދީ ކާރިޘާއިން އަރައިގަތުމަށް އެހީތެރިވެދޭނެއެވެ.

27 ޤައުމުގެ މައްޗަށް އެކުލެވިގެންވާ ވިލާތުގެ އިއްތިޙާދުގައި ހިމެނޭ ހުރިހާ ޤައުމަކަށްވެސް ހުށަހެޅުންތަކާ ދެކޮޅު ހެދުމުގެ ބާރު ލިބިގެންވެއެވެ. މަޝްވަރާތަކުގައި ވިލާތުގެ އުތުރުގެ ބައެއް މުއްސަނދި ޤައުމުތަކުން ދެކުނުގެ ފަޤީރު ޤައުމުތަކަށް އެހީތެރިވުމުގެ ވިސްނުން މާބޮޑަށް ގެންގުޅެފައެއް ނުވެއެވެ. އެގޮތުން ނެދަލޭންޑްސާއި ސްވިޑަންއާއި ޑެންމާކާއި ފިންލެންޑުން ބުނަމުންދިޔައީ ކޯވިޑް-19ގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އިޓަލީވިލާތާއި ސްޕެއިންނާއި މެޑިޓެރޭނިއަންގެ ޤައުމުތަކަށް ދޭ އެހީތެރިކަމަކީ ހިލޭ އެހީއަށް ވެގެންނުވާނެކަމަށާއި އެ ޤައުމުތަކަށް މާލީ އެހީތެރިކަން ދޭންވާނީ ލޯނުގެ ގޮތުގައިކަމަށެވެ. އެ ވިސްނުމުގެ ސަބަބުން މަޝްވަރާ މަޖިލީހުގައި ދެބަސްވުންތައް އުފެދި، ބައެއް ޤައުމުތަކުގެ މެދުގައިވަނީ ބަހުގެ ޙަމަލާތައްވެސް ބަދަލުކޮށްފައެވެ. އޭގެ ސަބަބުން މަޝްވަރާތައްވަނީ ރެކޯޑު މުއްދަތަކާ ގާތްކުރާވަރަށް ދިގުލައިގެންގޮސްފައެވެ. އެ މަޝްވަރާތަކުގެ ސަބަބުން ކުރިއަށް އޮތްތަނުގައި އެ އިއްތިޙާދުގެ ޤައުމުތަކުގެ މެދުގައި މަޝްވަރާތައް ކުރުމުގައި ކުރިމަތިވެދާނެ ދަތިތައްވަނީ ފާހަގަވެފައެވެ.

ދެބަސްވުންތަކާއެކުވެސް ހުރިހާ ޤައުމަކުން އެންމެ ފަހުން އެއްބަސްވީ ވިލާތުގެ ކޮމިޝަނުން 750 ބިލިއަން ޔޫރޯގެ ލޯނެއް ހޯދައި އެ ޢަދަދުގެ ތެރެއިން 390 ބިލިއަން ޔޫރޯ ހިލޭ އެހީގެ ގޮތުގައި ޤައުމުތަކަށް ދިނުމަށެވެ. އެއީ ހިލޭ އެހީގެ ގޮތުގައި ކަނޑައެޅުމަށް މަސައްކަތްކުރި 500 ބިލިއަން ޔޫރޯއަށްވުރެ މަދު ޢަދަދެކެވެ. ބާކީ 360 ބިލިއަން ޔޫރޯ ދޫކުރަން އެއްބަސްވީ ލުއި ލޯނުގެ ގޮތުގައެވެ. އޭގެ އިތުރުން، ހިލޭ އެހީ ދިނުމަށް ދެކޮޅު ޤައުމުތަކުންވަނީ ދެން އެކުލަވާލާ ވިލާތުގެ އިއްތިޙާދުގެ ބަޖެޓަކުން ބަދަލުގެ ގޮތުގައި ލިބޭނެ ޢަދަދު އިތުރުކޮށްފައެވެ. އަދި އެހީގެ ފަންޑުން އެހީތެރިކަން ހޯދުމަށް އެއްބަސްވާ އިސްލާޙީ ޝަރުތުތައް ފުރިހަމަ ނުކުރާ ޤައުމުތަކަށް ވަގުތީ ގޮތުން ފައިސާ ދޫނުކުރަންވަނީ ކަނޑައަޅައިފައެވެ.

ވިލާތުގެ ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވިލާތުގެ ކޮމިޝަނުން ފާސްކުރި ބަޖެޓު ތަންފީޒުކުރުމުގައި ދެން އޮތީ އެންމެ އުނދަގޫ މަރުހަލާއެވެ. އެއީ ވިލާތުގެ ޤާނޫނުހަދާ މަޖިލީހުން ބަޖަޓަށް ރުހުން ހޯދައި ވިލާތުގެ އިއްތިޙާދަށް ނިސްބަތްވާ ހުރިހާ ޤައުމަކުން އެ ނިންމުން ތަސްދީޤުކުރުމެވެ. އެ ބަޖެޓުގެ ދަށުން އެންމެ އަވަހަށް ވިލާތުގެ ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނީ އަންނަ އަހަރުގެ މެދުތެރޭގައިކަމަށް އިޤްތިޞާދީ މާހިރުން ޤަބޫލުކުރެއެވެ.

ވިލާތުގެ އިއްތިޙާދުގެ އެއްބަސްވުމަކީ ތާރީޚީ އަދި ރަމްޒީގޮތުން ވަރުގަދަ އެއްބަސްވުމެއްނަމަވެސް އެ އެއްބަސްވުމާ ހަމައަށް އާދެވިފައިވަނީ މޫސުމީ ބަދަލުތަކުން ރައްކާތެރިވުމަށް ކުރާ މަސައްކަތަށް ޚަރަދުކުރުމަށް ކަނޑައަޅާފައިވާ ފައިސާ ވަރަށް ބޮޑަށް މަދުކޮށްގެންނެވެ. ފައިސާ ޚަރަދުކުރާނެ ގޮތް ކަނޑައެޅިނަމަވެސް ޑިމޮކްރަސީގެ ހަމަތަކާ ޚިލާފުވެފައިވާ ޕޮލެންޑާއި ހަންގޭރީފަދަ ޤައުމުތަކަށް ފައިސާ ދޫކުރާނެ އުޞޫލެއް އަދި ޝަރުތުތަކެއްވެސް ކަނޑައަޅައިފައެއް ނުވެއެވެ.